ENGLISH
22 އޭޕްރީލު 2026
ހައްޖާއި އުމްރާއަށް ހާއްސަ ގާނޫނެއް ހަދަނީ
22 އޭޕްރީލު 2026
|
އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު
އެންމެ މަޤްބޫލު
ހައްޖާއި އުމްރާގެ ހިދުމަތް ދިނުމާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާލުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ހައްޖާއި އުމްރާގެ ކަންކަމާ ގުޅޭގޮތުން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މި ގާނޫނުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ދައުރާއި، އަމިއްލަ ކުންފުނިތަކުގެ ދައުރާއި، ހައްޖާއި އުމްރާގެ ކަންކަމަށް އިހުމާލުވާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ފިޔަވަޅު އެޅޭނެ ގޮތްތައް ވެސް ބަޔާންކުރާނެ ކަމަށެވެ.
މިފަދަ މައްސަލަތަކަށް އަދުލުވެރި ހައްލެއް ގެނެވޭނީ އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލެވިގެންކަމަށް ވިދާޅުވި އެވެ.
"މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ހައްގުތަކާއި ގުޅޭ ކަމެއް. ގާނޫނެއް އޮންނަންޖެހޭ. މިކަން ހުއްޓޭނީ ގާނޫނެއް އޮވެގެން. މާދުރު ނޫން މުސްތަގުބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތްކުރާނަން. މެންބަރުންގެ ތާޢީދާއެކު މިކަމަށް އަދުލުވެރި ހައްލެއް ގެނެސްދެވޭނީ،". ވަޒީރު ވިދާޅުވި އެވެ.
ހައްޖާއި އުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނެގުމަށް ފަހު، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމިއްލަ ކުންފުނިތަކުން އިހުމާލުވުމުގެ ގިނަ މައްސަލަތަކެއް މީގެ ކުރިން ވަނި ފެންމަތިވެފަ އެވެ.
މިހާރުވެސް މި ހިދުމަތް ދެނީ ވަކި އުސޫލުތަކަކާއި ގަވާއިދުތަކެއްގެ ތެރެއިންކަމަށްވާއިރު ހާއްސަ ގާނޫނެއް މިކަމަށް އެކުވަލާލެވިގެންދިއުމުން ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ބެލެވެ އެވެ.