ENGLISH

23 އޭޕްރީލު 2026

Advertisement

އެމްޕީއެލްގެ އެމްޑީގެ މަގާމަށް ޝިޕިން ދާއިރާގެ ތަޖުރިބާކާރު ޝަފީގު އައްޔަންކުރައްވައިފި

22 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

އެމްޕީއެލްގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި ހުސައިން ޝަފީގު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝިޕިން ދާއިރާގައި ގިނަ ދުވަހު މަސައްކަތްްކުރައްވައި 35 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ހުސައިން ޝަފީގު އައްޔަންކޮށްފިއެވެ. 

މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް - އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، އަލްފާޟިލް ޙުސެއިން ޝަފީޤް ވަނީ މިއަދުން ފެށިގެން އައްޔަނުކޮށްފައިވާ ކަމަަށެވެ. 

ކަނޑުދަތުރުފަތުރު މެނޭޖުކޮށްް ބެލެހެއްޓުމުގެ ދާއިރާއިން 35 އަހަރުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ޝަފީއަކީ މާސްޓާ މެރިނާއެކެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖަރު ކަމުގައިވާ މަހަޖައްރާފުގެ ފުރަތަމަ ދިވެހި ކެޕްޓަނެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ކަނޑު އުޅަނދުފަހަރާއި ފުލީޓުތަކުގެ އިސް ކެޕްޓަނުގެ މަގާމު އަދާކުރައްވައި އެ ދާއިރާގެ ފުރިހަމަ ތަޖުރިބާ ހާސިލުކުރައްވާފައިވެއެވެ. 

ސްްރީލަންކާއިން މާސްޓާ މެރިނާގެ ސަނަދު ހާސިލުކުރެއްވުމުގެ އިތުރަށްް މެރިޓައިމް ސައެންސްގެ ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާވެސް ހާސިލުކުރައްވާފއިވެއެވެ. އަދި އެ ދާއިރާއާ ގުޅޭ މުހިއްމު އެކި ހުނަރުތައް ދަސްކުރައްވައި، އަމަލީ ގޮތުން އެ ހުނަރުތައް ބޭނުންކުރެއްވުމުގެ ތަޖުރިބާ ޝަފީގު ހާސިލުކުރައްވާފައިވެއެވެ. 

އެގޮތުން މެރިޓައިމް އޮޕަރޭޝަންތަކުގެ ފީސިބިލިޓީ ދިރާސާތައް ހެއްދެވުމާއި، ރެގިއުލޭޓަރީ މިންގަނޑުތަކާ އެއްގޮތަށް މަޝްރޫއުތައް ރާއްވަވައި ކާމިޔާބުކަމާއެކު ތަންފީޒުކުރެއްވުމާއި، އޮޕަރޭޝަންތަކުގައި ދިމާވާ ފަންނީ މައްސަލަތައް ހައްލުކުރައްވައި، ކުއްލި ހާލަތްތައް މެނޭޖުކުރެއްވުމުގެ ތަޖުރިބާ އޭނާ ހާސިލުކުރައްވާފަައިވެއެވެ. 

އޭގެ އިތުރަށް އުޅަނދުފަހަރުގެ އިންސްޕެކްޝަންތަކާއި ސާވޭތައް ހެއްދެވުމާއި، އުޅަނދުފަހަރުގައި އުފުލާ މުދަލުގެ ސާވޭތައް ބައިނަލްއަގުވާމީ އެކި މިންގަނޑުތަކާ އެއްގޮތަށް ހެއްދެވުމުގެ ގާބިލުކަން ޝަފީގަށް ލިބިވަޑައިގެންވެއެވެ. އަދި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ މަތީ މިންގަނޑުތަކަށް އަމަލުކުރެއްވުމުގެ ތަޖުރިބާވެސް ހާސިލުކުރައްވާފަައިވެއެވެ. 

އެމްޕީއެލްގެ އެމްޑީގެ މަގާމަށް ޝަފީގު އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން މަގާމު ހުސްވުމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު