ENGLISH

22 އޭޕްރީލު 2026

Advertisement

އެއްވެސް ގައުމަކަށް ކޯޓާ އިތުރުކުރެވޭނަމަ ރާއްޖެއަށް ކޯޓާ އިތުރުވާނެ: ޝަހީމް

22 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ދުނިޔޭގެ އެއްވެސް ގައުމަކަށް ހައްޖު ކޯޓާ އިތުރުވާނެނަމަ ރާއްޖެއަށް ވެސް އެ ފުރުސަތު ލިބިގެންދާނެކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު  ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު، އަބްދުއްރަހްމާން ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ. 

މެމްބަރު ސުވާލުކުރެއްވީ ގުރުއަތުން ނުވަތަ ހަދިޔާއަކަށް މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން ހައްޖު ލިބޭ މީހާއަށް ހަމަ އެއަހަރު ހައްޖަށް ދެވޭތަން ފެނޭ ކަމަށާއި އެގޮތަށް އިސްކަން ދީގެން ބަލި މީހުން ނޫނީ ދެމަފިރިންނަށް އެއްކޮށް ހައްޖަށް ދެވޭ ގޮތް ނެހެދެނީ ކީއްވެތޯ އޮޅުންފިލުވައިދިނުމަށް އެދި އެވެ. 

ވަޒީރު ވިދާޅުވީ ދެމަފިރިން ހައްޖަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވާ ކަމަށެވެ. ކުންފުނިތަކާއި ގުރުއަތުން ހޮވޭ ފަރާތްތަކަށް ހައްޖުގެ ފުރުސަތު ލިބުމަކީ ރާއްޖޭގައި ވަރަށް ކުރީއްސުރެން ހިނގަމުން އަންނަ ކަންކަން ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ސަރުކާރުން ވަނީ އެކަންކަން ހިނގާ މިންވަރު ވަރަށް ބޮޑަށް މަދުކޮށްފައި ކަމަށެވެ. 

"މައުލޫމާތު ކުށްކަމުގައި ނުވާނަމަ މިއަހަރު ކުންފުނިތަކަށް އެގޮތަށް ވަރަށް މަދު ފުރުސަތުތަކެެއް ދީފައިވަނީ ވެސް. އެއީ ހަގީގަތުގައި ކިޔޫގައި ތިބޭ މީހުންނަށް ފުރުސަތު ދިނުމަށްޓަކައި. އަޅުގަނޑު ގަބޫލުކުރާކަމެއް ނޫން އެއީ ކިޔޫގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބާ ކުންފުނިތަކަށް މިގޮތަށް ފުރުސަތު ދޭކަށް. ކިޔޫއަށް އަރާމަތިން ކުންފުނިތަކަށް ވެސް ފުރުސަތު ދެވިދާނެ،". ހައްޖަށް ދިއުމަށް ދައްކަންޖެހޭ ފައިސާގެ ވަކި މިންވަރެއް ދެއްކުމަށްފަހު އަވަހަށް ކިޔޫއަށް އެރުމަކީ އެންމެ ބުއްދިވެރި ގޮތް ކަން ފާހގަކުރައްވަމުން ވަޒީރު ވިދާޅުވި އެވެ. 

ވަޒީރު ވިދާޅުވީ މިވަގުތަށް އެއްވެސް ގައުމަކަށް ކޯޓާ އިތުރުނުކޮށް މަޑު ޖައްސާލާފައިވަނީ މައްކާއާއި މަދީނާގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ނިންމަންދެން ކަމަށާއި މަޝްރޫއުތައް ނިމުމާއެކު ހައްޖު ކޯޓާ އިތުރުވެގެންދާނެކަމަށެވެ. 

"ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މިނިސްޓްރީން ވެސް ސައުދީ ސަރުކާރާއި އެންމެ މަތީ ފެންވަރުގައި ކޯޓާ އިތުރުކުރުމުގެ މަޝްވަރާތައް އަންނަނީ ކުރަމުން. އެއްވެސް ގައުމަކަށް ކޯޓާ އިތުރު ކުރެވޭނެ އެ ފުރުސަތު ރާއްޖެއަށް ލިބޭނެ.އަދި އޮތީ އެއްވެސް ގައުމަކަށް އިތުރު ނުކުރެވި،". ވަޒީރު ވިދާޅުވި އެވެ. 

ހައްޖު ކިޔޫ ދިގުވި މައިގަނޑު ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ކޮވިޑް ގެ ދުވަސްވަރު ހައްޖަށް ދިއުމަށް ހުރަސްއެޅިގެން ދިއުމެވެ. ކޮވިޑްގެ ދުވަސްވަރު ދެ ހަރަމްފުޅު ބަންދުކޮށް، އުމްރާ ދަތުރުތައް މެދުކަނޑާލި އެވެެ. ވުމާއެކު އެ ދުވަސްވަރު ހައްޖަށް ދިއުމުގެ ފުރުސަތު އެ އަހަރު ކިޔޫގައި ތިބި މީހުންނަށް ލިބިފައެއް ނުވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު