ENGLISH
21 އޭޕްރީލު 2026
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒާއި ގުޅުވައިގެން ވީޑިއޯ ހެދުމުގެ މުބާރާތެއް
21 އޭޕްރީލު 2026
|
މިދިޔަ އަހަރު ބޭއްވި ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒާއި ގުޅުވައިގެން، ވީޑިއޯ ހެދުމުގެ މުބާރާތެއް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި މިވަނީ، ބައިނަލްއަޤުވާމީ ގޮތުން މިއަދު ފާހަގަކުރާ 'ކްރިއޭޓިވިޓީ އެންޑް އިނޮވޭޝަން ޑޭ" އާ ވެސް ގުޅުވައިގެންނެވެ. މުބާރާތުގެ މަޤްޞަދަކީ، ދިވެހީންގެ އުފެއްދުންތެރިކަމާއި އައު ޚިޔާލުތައް ދައްކުވައިދިނުމުގެ ފުރުޞަތު ހުޅުވާލުމެވެ.
ބީސީސީން ބުނީ، މުބާރާތުގައި ބައިވެރިކުރާ ވީޑިއޯތައް އަޕްލޯޑް ކުރާނީ ޓިކްޓޮކް، އިންސްޓަގްރާމް އަދި އެނޫންވެސް އެފަދަ މީސްމީޑިޔާ މަންސަތަކަށެވެ. އަދި، މުބާރާތުގައި ހިމެނޭ ކުރު ފިލްމު ކެޓެގަރީ (3 ނުވަތަ 5 މިނެޓުގެ) ގެ ވީޑިއޯތައް މުބާރާތުގައި ބައިވެރި ކުރެވޭނީ، ސޯޝަލް މީޑީއާ ނުވަތަ އެނޫންވެސް މަންސައަކަށް އަޕްލޯޑު ކުރުމަށްފަހު، އެ ވީޑިއޯގެ ލިންކު [email protected] އަށް ފޮނުވުމުންނެވެ.
މުބާރާތުގައި ބައިވެރިކުރާ ކޮންޓެންޓު އަޕްލޯޑު ކުރަންވާނީ ބައިވެރިވާ ފަރާތުގެ އަމިއްލަ މީސްމީޑިޔާ މަންސަތަކުގައި ކަމަށާއި، އެގޮތުން ހިއްސާކުރާ ވީޑިއޯތަކުގައި ބީސީސީގެ މީސްމީޑިޔާ @BCC އާއި މޯލްޑިވްސް އެކްސްޕޯ @EXPOMV އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓު އެންޑް ޓްރޭޑު @MOEDT ޓެގް ކުރުމާއެކު ވީޑިއޯތަކާއެކު #mauraz26 ހޭޝްޓެގް ބޭނުންކުރަންވާނެ ކަމަށް ވެސް ބީސީސީން ވަނީ ބުނެފައެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 ގައި ހުރި ބައެއް ތަކެތި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ވީޑިއޯ ހެދުމުގެ މި މުބާރާތުން 2 ކެޓެގަރީއަކުން އެންމެ މޮޅު ވީޑިއޯ ހޮވުމަށް ހަމަޖެހިފައިވާއިރު، އެއީ އެންމެ އުފެއްދުންތެރި ވީޑިއޯގެ ކެޓެގަރީ (ކުރު ފިލްމު- 3 ނުވަތަ 5 މިނެޓުގެ) އަދި އެންމެ މޮޅު ވީޑިއޯ ރީލް (1 މިނެޓަށްވުރެ ކުރު) ހުށަހަޅާ ކެޓެގަރީއެވެ.
ބީސީސީ އިން ބުނީ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި، މުބާރާތުގައި ބައިވެރިކުރާ ވީޑިއޯތަކަކީ ހުރިހާ ޢުމުރެއްގެ މީހުން ބަލަން އެކަށީގެންވާފަދަ، ޢާންމު އިޖުތިމާޢީ މިންގަނޑަށް ފެތޭ ވީޑިއޯތަކަކަށް ވާންޖެހޭނެ ކަމަށެވެ.
އެގޮތުން، މުބާރާތުގައި ބައިވެރިކުރާ ކޮންމެ ވީޑިއޯއެއްގައިވެސް އުފެއްދުންތެރި ގޮތެއްގައި ކޮންމެވެސް މޮޅު ޚިޔާލެއް، ނުވަތަ ކަމެއްގެ ހައްލެއް، ބެލުންތެރިންނަށް ފަސޭހައިން ފަހުމުވާނެފަދަ ގޮތަކަށް ހުށަހަޅަން ވާނެ ކަމަށާއި، ހުށަހަޅާ ވީޑިއޯއަކީ ހުށަހަޅާ ފަރާތުގެ ކޮޕީރައިޓް ކޮންޓެންޓަކަށް ވުމާއި، އެއްވެސް ސިޔާސީ ފިކުރަކާ އެއްކޮޅު ނުވަތަ ދެކޮޅު ކޮންޓެންޓް ނުހިމެނުމާއި، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ ކޮންޓެންޓް ނުހިމެނުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ބީސީސީން ބުންޏެވެ.
މިދިޔަ އަހަރު ބޭއްވި ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް
އަދި ހުށަހަޅާ ކޮންމެ ވީޑިއޯއަކީ އެ ހުށަހަޅާ ފަރާތުގެ އަމިއްލަ ކޮންޓެންޓަކަށް ވާންޖެހޭއިރު، އެހެން ފަރާތެއްގެ މަސައްކަތެއްގެ ކޮޕީއެއް ނުވަތަ ރީޕޯސްޓެއްނަމަ އެ ހުށަހެޅުމެއް ޑިސްކޮލިފައި ވާނެއެވެ. މުބާރާތުގައި ބައިވެރިކުރާ ވީޑިއޯ ކޮންޓެންޓު ބީސީސީގެ މަންސަތަކުގައި ޙިއްސާކުރުމުގެ ފުރިހަމަ އިޚްތިޔާރު ބީސީސީއަށް އޮންނާނެ ކަމަށް، މުބާރާތުގައި ވީޑިއޯ ބައިވެރިކުރާ ފަރާތުން އެއްބަސްވާންވާނެ ކަމަށް ބީސީސީން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އުފެއްދުމެއް އުފެއްދި ފަރާތުގެ މިލްކުވެރި ފަރާތަކީ އެ އުފެއްދުން އުފެއްދި ފަރާތުގެ ގޮތުގައި ދެމިއޮންނާނެއެވެ.
މި މުބާރާތަށް ހުށަހެޅޭ ވީޑިއޯގެ ތެރެއިން ހޮވާ އެންމެ މޮޅު ވީޑިއޯ އުފެއްދި ފަރާތަށް ޑީޖޭއައި ފްލިޕް ފްލައި މޯ ކޮމްބޯ އަކާއި އޮސްމޯ ޕޮކެޓް 3 ކްރިއޭޓަރ ކޮމްބޯއެއް ދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ މޮޅު ވީޑިއޯ ރީލްސް ހުށަހެޅި ފަރާތަށް ދިނުމަށް ހަމަޖެހިފައިވަނީ، އައިފޯން 17 ޕްރޯ މެކްސްއެކެވެ.
މުބާރާތުގައި ބައިވެރިކުރާ ވީޑިއޯ އުފައްދައި އަޕްލޯޑް ކުރުމުގެ ސުންގަޑިއަކީ 31 މެއި 2026 އެވެ.