ENGLISH
21 އޭޕްރީލު 2026
ގްރެޓާ ތަންބާގް: މޫސުމީ ބަދަލުތަކަށް ވަކާލާތުކުރުމުގައި ހުއްޓުވާނުލެވުނު އަޑެއް
21 އޭޕްރީލު 2026
|
15 އަހަރުގެ ގްރެޓާ ތަންބާގް އެކަނި ހުރެ ފެށި މުޒާހަރާ -- ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
މޫސުމީ ބަދަލުތަކުގެ ވާހަކަދައްކާއިރު، ގްރެޓާ ތަންބާގަކީ ދުނިޔެއަށް އައު މޫނެއް ނޫނެވެ. އެކި ޕްލެޓްފޯމްތަކުގައި މޫސުމީ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް އޭނާ މަސައްކަތްކުރަމުންދާއިރު އޭނާގެ ފެށުމަށް ބަލާލުން މުހިންމެވެ.
ދުނިޔެއަށް ގްރެޓާ އެންމެ ފުރަތަމަ ތައާރަފުވީ 2018 ވަނަ އަހަރު އުމުރުން 15 އަހަރުގައި، ސްވީޑަންގެ މަޖިލިސްކުރާ ގެކޮޅުގެ ބޭރުގައި އަތުން ލިޔެފައިވާ ބޯޑެއް ހިފައިގެން އޭނާ އެކަނި ކުރި މަސައްކަތުންނެވެ. އޭނާ ހިފައިގެން އިން ބޯޑުގައި ލިޔެފައިވަނީ “ސްކޫލް ސްޓްރައިކް ޕޯ ކްލައިމެޓް" މިހެންނެވެ. އެއިން ދޭހަވަނީ މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ސްކޫލްތަކުން ކުރާ މުޒާހަރާއެއް ކަމެވެ. އެހެންނަމަވެސް ގިނަ ބައެއްގެ ލޮލުގައި މިކަން އަޅައިގަތީ އުމުރުން ކުޑަ ކުއްޖަކު އެކަނި އިނދެ މިފަދަ މުހިންމު ކަމަކަށް އަޑު އުފުލުމުންނެވެ.
އެހެންނަމަވެސް އޭނާ އެކަނި އިނދެ އެ ދުވަހު ކުރި މަސައްކަތް މުޅި ދުނިޔޭގެ ސަމާލުކަމަށް އައެވެ. ދާދި އަވަހަށް ސްވީޑަންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޑުއުފުލާ މީހުންގެ އަދަދު އިތުރުވެ، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދުނިޔެއިން ވާހަކަދައްކާ ގޮތް ބަދަލުވިއެވެ.
އެކަނި އިނދެ ފެށި މުޒާހަރާއެއް ވަރަށް އަވަހަށް އެއަށްވުރެ މާ ބޮޑު އެއްޗަކަށް ބަދަލުވެގެން ދިޔައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކި ހިސާބުތަކުގެ ސްކޫލް ދަރިވަރުން ކްލާސްރޫމްތަކުން ނުކުމެ، މަގުތަކާއި މައިޒާންތައް ފުރާލައި، މިކަމަށް ފިޔަވަޅު އެޅުމަށް ސަރުކާރުތަކަށް ޑިމާންޑުކުރަމުން ދިޔައެވެ. މިހާރު 'ފްރައިޑޭސް ފޯ ފިއުޗާ'ގެ ނަމުން މަޝްހޫރުވެފައިވާ މި ހަރަކާތުގެ ތެރެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް ވަކާލާތުކުރާއިރު، ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރަށް ބަދަލުތައް ގެނައުމަށްވެސް ދަނީ ބާރުއަޅަމުންނެވެ.
މިކަމުގައި ތަންބާގް ކުރިއަރައި ގޮސްފައިވާ ގޮތް ނުހަނު ޚާއްސަވެފައި ތަފާތުވެސްމެއެވެ. އޭނާއަކީ ވަކި ސިޔާސީ ފިކުރެއް، ތައުލީމީ މުއައްސަސާއެއް، ބާރެއް ނުވަތަ ބައެއްގެ ތާއީދު އޮތް މީހެއް ނޫނެވެ. އެހެންނަމަވެސް އޭނާއަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވަނީ އޭނާއަށް ލިބޭ ކޮންމެ ޕްލެޓްފޯމެއްގައިވެސް ހިއްސާކުރަން ބޭނުންވާ މެސެޖު ރައްދުކޮށްދޭ ގޮތުންނެވެ. ދުނިޔޭގެ ބޮޑެތި ޕްލެޓްފޯމްތައް ކަމަށްވާ އދ. ފަދަ ތަންތަނުގައި ނުހަނު ކެރި ހުރެ އޭނާ ވަނީ އަންނަން އޮތް ޖީލުތައް ފެއިލްކުރަމުންދާކަމުގެ ތުހުމަތުތައް ދުނިޔޭގެ ލީޑަރުންނަށް ކޮށްފައެވެ. އޭނާގެ ބާރުގަދަ މިފަދަ ބަސްތަކަކީ ހަމަ ގައިމުވެސް ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބުނު ސަބަބެކެވެ. ހަމަ މިއާއެކު ތަންބާގް ވަނީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކާ ރާގުވެސް ބަދަލުކޮށްލާފައެވެ.
ތަންބާގް ނުހަނު ކެރިގެން ނެގި މި ފިޔަވަޅުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް، ޚާއްސަކޮށް ޅަ އުމުރުގެ ކުދިންނަށް މޫސުމީ ބަދަކުތަކަށް ވަކާލާތުކޮށް ވާހަކަ ދެއްކުމުގެ ހިތްވަރު ލިބިގެންދިޔައެވެ.
ތަންބާގުގެ މެސެޖުތައް ރާއްޖެ ފަދައިން މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ވަރަށް ޚާއްސަވެފައި މުހިންމެވެ. އޭނާ ބުނެދެމުންދަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ލަސްކުރުމަކީ އެއިން ކުރާ އަސަރުތައް ކޮންމެ ދުވަހަކުހެން ތަޖުރިބާ ކުރަމުންދާ ގައުމުތަކަށް އޮތް އޮޕްޝަނެއް ނޫން ކަމެވެ. އަދި އަވަސް ހައްލެއް ނުލިބިއްޖެނަމަ މި ގައުމުތަކުން ކުރިމަތިލާންޖެހޭނެ ހިތި ހަގީގަތުގެ ވާހަކައެވެ.
އޭނާގެ މި މަސައްކަތުގައި ގިނަ ބައެއްގެ ފަރާތުން ފާޑުކިޔުންތަކާއި ގޮންޖެހުންތައް އަމާޒުވިނަމަވެސް އޭނާ ހުރީ ފަހަތަށްނުޖެހި ހިތްވަރާއެކު މި މަސައްކަތް ކުރުމުގެ އަމާޒުގައެވެ. މޫސުމީ ބަދަލުތަކުގެ ވާހަކައަކީ ދުވަސްކޮޅަކު ދައްކާފައި ހުއްޓާލާ ވާހަކައެއްގެ ބަދަލުގައި ދާއިމީ ހައްލެއް ލިބެންދެން މިކަމަށް އަޑުއުފުލުމުގެ އަމާޒުގައެވެ.