ENGLISH
21 އޭޕްރީލު 2026
އުކުޅަހުގައި އިމާރާތްކުރާ ފުލުހުންގެ އިދާރާގައި މިހާރު ކުރަމުން އަންނަނީ ގިއުގަނޑުގެ މަސައްކަތް
21 އޭޕްރީލު 2026
|
އުކުޅަހު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
އއ. އުކުޅަހުގައި ތަރައްޤީކުރާ ފުލުހުންގެ އިދާރާގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ގިއުގަނޑުގެ މަސައްކަތުގެ އިތުރުން ރޭނުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.
ފުލުހުންގެ އިމާރާތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.
މި މަޝްރޫޢުގެ ދަށުން، 5200 އަކަފޫޓުގެ ސަރަޙައްދެއްގައި ޕޮލިސް އިމާރާތަކާއެކު ކުށްވެރިން ބައިތިއްބާ ތަނެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 7.11 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމާގޮތަށެވެ.
އުކުޅަހު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ
ރާއްޖޭގެ ހުރިހާ ރަށަކުން ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. ސަރުކާރުން މިހާރު އަންނަނީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. އޭގެތެރޭގައި، ފުލުހުންގެ މަރުކަޒުތައް މަރާމާތު ކުރުމާއި، ފުލުހުންގެ ޕޯސްޓުތައް ޤާއިމުކުރުމާއި، ފުލުހުންގެ އާ މަރުކަޒުތައް އެޅުން ހިމެނެ އެވެ.
ރާއްޖޭގައި ކުށްކުރާ މީހުން މަދުކޮށް، ޤާނޫނާއި ގަވާޢިދަށް ދިވެހިން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފުލުހުން ދެމުން އަންނަ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމަށް ސަރުކާރުންނާއި، ފުލުހުންގެ ޚިދުމަތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.