ENGLISH

21 އޭޕްރީލު 2026

Advertisement

ހައި ކޯޓަށް ޖަމީލް، ފެމިލީ ކޯޓަށް ނަޝީދު އައްޔަނުކުރައްވައިފި

21 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް އައްޔަނުކުރެއްވި ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އަދި ފެމިލީ ކޯޓުގެ އިސް ޤާޒީގެ މަގާމަށް އަލްއުސްތާޛު ޢަބްދުﷲ ނަޝީދު އައްޔަންކުރައްވައިފި އެވެ. 

މިކަން ހާމަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މި ދެ މަގާމަށް ދެބޭފުޅުން އައްޔަނުކުރުމަށް އިއްޔެ ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 16 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައި ވެއެވެ.

އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2025 އޯގަސްޓް 03 ވަނަ ދުވަހު އެވެ.

ފެމިލީ ކޯޓުގެ އިސް ޤާޒީގެ މަގާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު ޢަބްދުﷲ ނަޝީދު

އަލްއުސްތާޛު ޢަބްދުﷲ ނަޝީދަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ވަނީ މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުކަމާއި ނ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓުކަމާއި ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ އިތުރުން ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމް އަދާކުރައްވާފައި ވެއެވެ.

ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ފެމިލީ ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރެފައިވަނީ 2016 މާރިޗު 24 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު