ENGLISH
21 އޭޕްރީލު 2026
އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރުލިބޭ އެއްވެސް ޢަމަލެއް ނުކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
21 އޭޕްރީލު 2026
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް-- ފޮޓޯ: ވަން އޮންލައިން
އެންމެ މަޤްބޫލު
މާލެސިޓީގައި، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގުޅިގެން ކުރިއަށްގެންދާ މުޒާހަރާތަކުގައި، ޚިޔާލުފާޅުކުރުމުގެ ހައްގާއި ރޫހާ ހިލާފު އަމަލުތައް ކުރަމުން އަންނާތީ، ސިޔާސީ ހަރަކާތްތައް ޤާނޫނީ އިމުގެ ތެރެއިން ކުރިއަށްގެންދިއުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފި އެވެ.
އެޗްއާރުސީއެމްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މާލެ ސިޓީގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ އެއްވުންތަކުގައި އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ވާހަކަ ދައްކައި، އެވާހަކަތައް މީޑިއާގެ ޒަރީއާއިން ޢާންމުކުރަމުން އަންނަ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން އާންމުންގެ މެދުގައި ނަފްރަތު އުފެދި، ހަމަނުޖެހުމަށް މަގުފަހިވާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް ފުޅާކޮށް ޤާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ޙައްޤެކެވެ. މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން، ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤެއްކަން އެޗްއާރްސީއެމްއިން ފާހަގަކޮށްފައިވެ އެވެ.
މުޖުތަމައުގެ ހަމަޖެހުމާއި މަސްލަޙަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ޚިޔާލުތަކަކީ، ޤާނޫނުއަސާސީ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ރޫޙާ ޚިލާފު އަމަލުތަކެއްކަން ފާހަގަކޮށް އެކަމާ ކަންބޮޑުވާކަން އެޗްއާރްސީއެމް އިން ބުންޏެވެ.
އެޗްއާރްސީއެމްއިން އިން ވަނީ މިފަދަ އަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސްވެރިން އެފަދަ އަމަލުތައް ނުކުރަމަށް ގޮވާލާފަ އެވެ. ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާއެކު އެޅުއްވުމަށްވެސް އެޗްއާރްސީއެމް އިން ގޮވާލާފައިވެ އެވެ.
ގާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ބޭނުން ހިފުމުގައި، އެހެން މީހުންގެ އިންސާނީ ކަރާމަތަށާއި ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތައި، ހަމަނުޖެހުން ނުހިންގުމަށާއި، އަނިޔާވެރި ޢަމަލުތައް ކުރުމަށް ހިތްވަރުލިބޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް ކޮމިޝަނުން އިލްތިމާސްކޮށްފައިވެ އެވެ.
ސިޔާސީ ހަރަކާތްތައް އިންތިޒާމް ކުރާ ފަރާތްތަކުން އާންމު މަސްލަހަތު އިސްކުރުމަށާއި، މީހުންގެ އަބުރާ އިއްޒަތް ގެއްލި، މުޖުތަމައުގައި ފަސާދާއުފެދޭފަދަ ކަންތަތްތައް ނުހިގާނެ ފަދަގޮތަކަށް އެއްވުންތައް ރޭވުމަށްވެސް އެޗްއާރުސީއެމްއިން ނަސޭހަތްތެރިވެފައިވެ އެވެ.
ސިޔާސީ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ޚިލާފު ނުވާ ގޮތަކަށް،ދައުލަތުގެ ސަލާމަތީ ބާރުތަކުން ވެސް ސިޔާސީ ޕާޓީތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ގޮވާލާފައިވެ އެވެ.