ENGLISH

21 އޭޕްރީލު 2026

Advertisement

ސިޓީތަކުގެ ނިންމުމަކީ ކަންކަން ރަނގަޅުކުރުމަށް ރައްޔިތުން ދިން ފުރުސަތެއް: ރައީސް

21 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛ރައީސް އޮފީސް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީން ނިންމި ނިންމުމަކީ ކަންކަން ރަނގަޅުކުރުމަށް ރައްޔިތުން ސަރުކާރަށް ދިން ފުރުސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން އިއްޔެ ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ވިދާޅުވީ ނިމިދިޔަ އިންތިހާބަކީ ކާމިޔާބީއާއި ނާކާމިޔާބީ ހިމެނުނު އިންތިހާބެއްކަމަށެވެ. 

"އަޅުގަނޑު ދަންނަވާނީ އެގޮތަށް އެބޭފުޅުން ނިންމި ނިންމުމަކީ ކަންކަން ރަނގަޅުކުރުމަށްޓަކައި ދެއްވި ފުރުސަތެކޭ. އަދި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އިންތިހާބުން މެޖޯރިޓީ ދެއްވި ރަށްތަކުގެ ރައްޔިތުންނަށް ވެސް،". ރައީސް ވިދާޅުވި އެވެ. 

ފަސް ސިޓީން ނިމިދިޔަ އިންތިހާބުގައި ލިބުނު ނާކާމިޔާބީ އެމަނިކުފާނު ނަންގަވަނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް ވިދާޅުވި އެވެ. އެގޮތުން ވޯޓު ނުދެއްވިޔަސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި އެ ރަށްރަށް ފަރަގު ނުކުރައްވާނެކަމުގައި ވިދާޅުވި އެވެ. 

"މާލެ މިސާލަކަށް ބަލާނަމަ. މާލޭގެ ކަންކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. ބޯހިޔާވަހިކަން، މަގުތަކުގެ މައްސަލަ. މިކަންކަން ހައްލުކޮށްދޭނަން،". އިދިކޮޅު ކައުންސިލެއް އޮތަސް ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭނީ ހަމަހަމަ އުސޫލަކުންކަން ހާމަކުރައްވައި ރައީސް ވިދާޅުވި އެވެ. 

ބައެއް ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ނުދޭކަމަށް ވިދާޅުވާ ވިދާޅުވުން މި ބައްދަލުވުމުގައި ވެސް ރައީސް ވަނީ ތަކުރާރުކުރައްވާފަ އެވެ. 

އޭޕްރީލް ހަތަރު ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ސިޓީތަކުން ނާކާމިޔާބުވީނަމަވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕީއެންސީން ނެވެ. 

ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ކޮންގްރެސް ޕާޓީން ވަނީ 584 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 563 ގޮނޑި އެވެ. އެހެންކަމުން 21 ގޮނޑީގެ ފަރަގުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށް ވަނީ ކޮންގްރެސް ޕާޓީ އެވެ.

ކިޔުންތެރިންގެ ހިޔާލު