ENGLISH

21 އޭޕްރީލު 2026

Advertisement

ބީއެމްއެލް އިން ބްލެކް މާކެޓްގައި ބޭރު ފައިސާ ހޯދާފައިވާ ކަމަށް ބުނާ ވާހަކައަކީ ބޮޑު ދޮގެއް

20 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ބީއެމްއެލް --

ބޭންކް އޮފް މޯލްޑިވްސް އިން ގަވާއިދާ ހިލާފު، ނުރަސްމީ ޕްރައިވެޓް ޑީލަރުންގެ ގޮތުގައި ބްލެކް މާކެޓްގައި އެކްސްޗޭންޖްކުރާ ފަރާތްތަކުން ބޭރު ފައިސާ ހޯދާފައިވާ ކަމަށް ބުނެ ކާކު ކަން ނޭގޭ ފަރާތަކުން ސޯޝަލްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު، އަދި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެ ބެންކުން ބުނެފި އެވެ.

ބެންކު އޮފް މޯލްޑިވްސް ޗީފް ސްޕޯރކްސްޕާސަން މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަރުދަނާކޮށް ރެގިއުލޭޓް ކުރެވޭ މާލީ އިދާރާގެ ހައިސިއްޔަތުން، ބެންކުން އަމަލުކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ގައިޑްލައިންތަކާއި ރިޕޯޓިން ފްރޭމްވޯކްތަކާ އެއްގޮތަށް ކަމަށެވެ.

މިއަދު ޝާއިއުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 226 މިލިއަން ޔޫ.އެސް ޑޮލަރު ވިއްކާފަ އެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި، ޒަރޫރީ މުދަލާއި، އަދި ވިޔަފާރީގެ ބޭނުންތަކަށް އިމްޕޯޓް ކުރުމަށް ހާއްސަކޮށް ދޫކުރި 106.2 މިލިއަން ޑޮލަރު ހިމެނެ އެވެ.

މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅާބަލާއިރު %142 ގެ އިތުރުވުމެކެވެ. އަދި އޭޕްރިލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް 25 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ވިއްކާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި މިންވަރަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. ގައުމުގެ އިގްތިސާދަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މިފަދަ ބޮޑު އަދި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދާފައިވުމަކީ ބޭންކުގެ ލިކުއިޑިޓީ މެނޭޖްމަންޓްގެ ހަރުދަނާކަމާއި، ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންގެ ބޭނުންތައް ފުއްދައިދިނުމަށް ބޭންކުން ދޭ ސަމާލުކަން ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ ބޭންކުގެ ޑޮލަރުގެ ރިޒާވް ހުސްވެފައިވާ ކަމަށް ބުނާ ވާހަކަތަކާ ދެކޮޅު ހެކިތަކެއް ކަން ސަޢީދު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އިގްތިސާދާ ނުހަނު ބޮޑަށް ގުޅިފައިވާ އަދި ރާއްޖެއާއި ބޭރު ގައުމުތަކާ ގުޅުވައިދޭ ޕޭމަންޓް ސިސްޓަމްގެ މައިބަދަ އެވެ. އަދި ރާއްޖޭގައި ބޭރުގެ މުއާމަލާތްތައް ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ބެންކުވެސްމެ އެވެ.

"މިއަދު އަޅުގަނޑުމެން އާންމުކުރި ނަތީޖާތަކުން ފެންނަ ފަދައިން، ބޭންކުގެ ބެލެންސް ޝީޓާއި ކެޕިޓަލް އެޑިކުއަސީ ހުރީ ވަރަށް ހަރުދަނާކޮށެވެ. އަޅުގަނޑުމެން ދެމިތިބޭނީ ދެފުށް ފެންނަ ގޮތެއްގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ޚިދުމަތް ކުރުމުގައެވެ," ސައީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު