ENGLISH

20 އޭޕްރީލު 2026

Advertisement

ޤައުމީ ފުޓްސަލް ޓީމްގެ ކުޅުންތެރީންނަށް މުސާރަ ދޭން ފަށަނީ

20 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ސާފް ފުޓްސަލް މުބާރާތުގެ ޝަރަފުވެރި ތަށި ރާއްޖެއިން އުފުލާލަނީ --

ދިވެހި ޤައުމީ ފުޓްސަލް ޓީމްގެ ކުޅުންތެރިންނަށް މުސާރަ ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި އަންނަ އަހަރުން ފެށިގެން ދިވެހި ޤައުމީ ފުޓްސަލް ޓީމްގެ ކުޅުންތެރިންނަށް މުސާރަ ދިނުމަށް ކުރަން ޖެހޭ މަސައްކަތް ދަނީ ކުރަމުންނެވެ.

މިއީ ފުޓްސަލް ކުޅުންތެރީންނާއި މުޅި ފުޓްސަލް އާއިލާ ވެސް ވަރަށް ބޮޑަށް އެދެމުންދާ ކަމެއްކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ މިހާރު އޮތް އުސޫލާމެދު ގިނަ ބައެއްގެ ކަންބޮޑުވުމާއި ޝަކުވާ އެބައޮތް ކަމަށެވެ. އެހެން ކަމުން އެ އުސޫލު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެއްވި އެވެ.

ވަޒީރު މިއަދުވެސް ވިދާޅުވީ އެއްވެސް ކުޅިވަރެއްގެ ޤައުމީ ޓީމަށް މުސާރައެއް ނުވަތަ އިނާޔަތެއް ދޭނަމަ އެކަމަށް ޚާއްސަ އުސޫލެެއް އޮންނަން ޖެހޭ ކަމަށެވެ. އަދި އެފަދަ ކުޅިވަރުތަކަށް ޚާއްސަކޮށް ޤައުމީ ފެންވަރުގައި މުބާރާތްތައް ބާއްވަން ޖެހޭ ކަމަށެވެ. އެހެން ކަމުން ފުޓްސަލްއަށް ޙައްޤު މަޤާމު ހޯދައިދިނުމަށް އެކަންކަން ފުރިހަމަކޮށް ތަރުތީބު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރެއްވި އެވެ.

އަދި އަންނަ އަހަރުގެ ބަޖެޓްގައި އެކަމަށް ފައިސާ ހިމެނުމުގެ މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ދިވެހި ޒުވާނުންގެ މެދުގައި މިހާރު އެންމެ މަޤްބޫލު ކުޅިވަރަކީ ފުޓްސަލް އެވެ. މާލެ ހިމެނޭހެން މުޅި ރާއްޖޭގައި ކޮންމެ އަހަރަކު ފުޓްސަލްގެ ވަރަށް ގިނަ މުބާރާތްތައް ފޯރީގައި ކުރިއަށް ގެންދެވެ އެވެ. ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި ވެސް މުބާރާތްތައް ބޭއްވެ އެވެ.

ފުޓްސަލްގެ އަޑު އަލުން ގަދަވީ ދެކުނު އޭޝިއާގެ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވީ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހާސިލްކޮށް، ރާއްޖޭން އެ މުބާރާތުގެ ޝަރަފުވެރި ޓްރޮފީ އުފުލާލުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު