ENGLISH
20 އޭޕްރީލު 2026
މަގާމުތަކަށް އައްޔަންކުރެއްވުމުގައި އިލްމީ މިންގަނޑެއް ކަނޑައެޅުއްވުމަކީ ރައްޔިތުން ތާއީދުކުރާނެ ހަރުދަނާކަމެއް: ނިހާން
20 އޭޕްރީލު 2026
|
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބިއުރޯގެ އިސްވެރިޔާ އަދި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހްްމަދު ނިހާން ހުސައިން މަނިކު --
އެންމެ މަޤްބޫލު
ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމުގައި އިލްމީ ފެންވަރަށް ރިއާޔަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ އާއްމުން ބަލައިގަންްނާނެ، ހަރުދަނާ އިސްލާހީ ބަދަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބިއުރޯގެ އިސްވެރިޔާ އަދި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހްްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމުގައި ބައްލަވާނެ އަސާސީ މިންގަނޑުތަކެއް ހާމަކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ސްޓޭޓު މިނިސްޓަރު ފެންވަރުގައި މަގާމުތަކަށް އައްޔަންކުރައްވާނީ ދަށްވެގެން މާސްޓާސް ޑިގުރީ ހާސިލުކޮށްފައިވާ މީހުން ކަމަށާއި، ވަޒީރުންގެ މަގާމަށް އައްޔަން ކުރާނީ ފުރަތަމަ ޑިގުރީ ހާސިލުކޮށްފައިވާ މީހުން ކަމަށެވެ.
ނިހާނު ވިދާޅުވީ ރަައީސްގެ މި ނިންމެވުމަކީ މިއަދު ކޮންމެހެން ނިންމަވަންޖެހިފައިވާ ކަމެއް ކަމަށެވެ. އެތައް އަހަރަކަށް ރާއްޖޭގެ އާއިލާތަކުން ދަރިންނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް ގިނަ ގުރުބާނީތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް މަތީ ތައުލީމު ހާސިލުކުރުމުން އެކަމަށް އާއްމު ވަޒީފާތައް ދިނުމުގައި އެކަށީގެންވާ ބުރަދަނެއް ނުދެވުމަކީ ރައްޔިތުންގެ ޒަމާންްވީ ޝަކުވާއެއް ކަމުގައި ނިހާނު ފާހަގަކުރެއްވި އެވެ. އޭގެ ބަދަލުގައި ވަޒީފާއަށް މީހުން އައްޔަންކުރުމުގައި ސިޔާސީ ވިސްނުންތައް އިސްކުރެވުމަކީ ރައްޔިތުންގެ ނުރުހުން އަމާޒުވާ ކަމެއް ކަމަށެވެ.
އަދި ނިހާނު ވިދާޅުވީ މިފަދަ ސާފު އިލްމީ މިންގަނޑެއް ކަނޑައެޅުއްވުމަކީ މުޅި ނިޒާމަށް ރައްޔިތުންގެ އިތުބާރު އިއާދަކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި ތައުލީމާއި ޤާބިލްކަމަަށް ބަލާ މަޤާމުތައް ހަވާލުކުރުމަކީ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ ވަރުގަދަ ފިޔަވަޅެއް ކަމުގައި ވިދާޅުވި އެވެ.
އަދި މި ބަދަލާއެކު ތަޢުލީމުގެ މުހިންމު ކަން ވަޒަންކުރެވި އެފަދަ މީހުންނާއި ބެލެނިވެރީންނަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.