ENGLISH
20 އޭޕްރީލު 2026
ސްކޫލްތަކުގެ ކުޅިވަރު މުބާރާތްތައް ކުރިއަށް އޮތް ތާނގާއި ކުރިއަށްގެންދާނެ: ވަޒީރު ރާފިޢު
20 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ތަޢުލީމީ ވުޒާރާއާއި ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ އެކުގައި މަޝްވަރާތައް ކުރިއަށްގެންގޮސްގެން ބޭނުންވާ ބަދަލުތައް ގެނެސްގެން ސްކޫލްތަކުގެ ކުޅިވަރު މުބާރާތްތައް ކުރިއަށްގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ، ކޮންމެ ހަފްތާއަކު އެއްފަހަރު ކުރިއަށްގެންދަވާ ނޫސްވެރިންގެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ބައްދަލުވުމުގައެވެ.
ސްކޫލްތަކުގެ ކުޅިވަރު މުބާރާތްތަކާ ގުޅޭގޮތުން ދާދިފަހުން ތަޢުލީމީ ވުޒާރާއިން ނެރުނު ސާކިއުލާއަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އޭރު ބޭއްވުނު މަޝްވަރާތަކުގައި ވާހަކަދެކެވިފައިވަނީ އިންޓަސްކޫލް ނަމުގައި ނުވަތަ ރާއްޖެ ޖޫނިއާސް ނަމުގައި އެ މުބާރާތްތައް ބޭއްވުމާ ގުޅޭގޮތުން ކަމަށެވެ.
"އިންޓަ ސްކޫލް ކިޔާފައި މުބާރާތެއް ބާއްވާނީތޯ ނޫނިއްޔާ ރާއްޖެ ޖޫނިއާސް ކިޔާފައި ބާއްވާނީތޯ މުބާރާތެއް، އެކަމުގެ މަޝްވަރާ ކުރެވުނީ. އެހެން ނަމަވެސް [މި] ސާކިއުލާއާ ގުޅިގެން އަޅުގަނޑުމެން، އެޑިއުކޭޝަން މިނިސްޓްރީ އާ އެއްކޮށް މަޝްވަރާތަކެއް ކުރަމުން އެބަގެންދަން. މާދަމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، [ހަމަ] އެސޯސިއޭޝަންތަކާއި މިނިސްޓްރީއާ އެއްކޮށް މަޝްވަރާތަކެއް ކުރެވިގެންދާނެ. އިރާދަކުރެއްވިއްޔާ، އެ ސްކޫލްތަކުގެ މި ކުޅިވަރު މުބާރާތްތައް [ހަމަ] ކުރިއަށް އޮތްތަނުގައި ކުރިއަށްދާނެ،" ވަޒީރު ވިދާޅުވިއެވެ.
އިންޓަސްކޫލް މުބާރާތްތައް ބޭއްވުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ދެކެވެނު ވާހަކަތަކާ ބެހޭގޮތުން ވަޒީރު ވިދާޅުވީ، މިހާތަނަށް ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު، ނިންމުމެއް ނިންމަންޖެހިފައިވަނީ އެ މުބާރާތްތައް ބޭއްވުމުގެ ގެންގުޅޭނެ ވަކި އުސޫލަކާ ގުޅޭގޮތުން ކަމަށެވެ.
އަދި، ކުރިއަށް އޮތް ތާނގާއި އިންޓަސްކޫލް މުބާރާތްތައް ކުރިއަށްގެންދިއުމުގައި ފެސްޓިވަލް ސްޓައިލަށް ކުޅުވާނެ އުމުރުފުރައިގެ އިތުރުން ވާދަވެރި (ކޮންޕެޓިޓިވް) ލެވެލްގައި ކުޅޭނެ އުމުރުފުރައިވެސް ކަނޑައަޅައި އެކަމާމެދު މަޝްވަރާތަކެއް ކުރިއަށްގެންދަވާނެ ކަމަށް ރާފިޢު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެކަން ވަކި ގޮތަކަށް މެންޑޭޓްކުރަން ވެސް ބޭނުން. ކޮން އޭޖް ގްރޫޕަކުންތޯ ފެސްޓިވަލް ސްޓައިލަށް އަޅުގަނޑުމެން ކުޅެމުންދާނީ، ކޮން އޭޖް ގްރޫޕަކުންތޯ އިންޓަ ސްކޫލް މުބާރާތްތައް ކޮމްޕެޓިޓިވް ލެވަލްއެއްގައި ކުޅެމުންދާނީ. މިއީ، އަޅުގަނޑުމެން ޑިސްކަސް ކުރަން ބޭނުންވާ ކަމަކީ ވެސް. އަދި މީގެ ތެރޭގައި ކުދިންނަށް ކިތައް ކުޅިވަރުގައިތޯ ބައިވެރިވެވޭނީ، މިނިމަމް. ނޫނީ މެކްސިމަމް ކިތައް ކުޅިވަރުގައި ތޯ ބައިވެރިވެވޭނީ، އަދި އެ ކުޅިވަރުތަކުގެ ވައްތަރުތަކަށް ބަލާފައި ކިހިނެއްތޯ އަޅުގަނޑުމެން ބައިވެރިވުން އެންމެ ރަނގަޅީ. އެއީ ޓީމު ސްޕޯޓެއް އަދި އިންޑިވިޖުއަލް ސްޕޯޓެއް ވެއްޖިއްޔާ ކިހިނެއްތޯ އަޅުގަނޑުމެންނަށް އެ ޑައިރެކްޝަން ގެންދާނީ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކުޅިވަރުތަކުގައި ކުޅުވާނެ އުމުރުފުރައެއް ކަނޑައެޅުމުގައި ވަރަށް ރަނގަޅަށް ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން، މިސާލަކަށް 12 އަހަރުން ދަށުގެ އުމުރުފުރައިގެ ކުދިން މުބާރާތްތަކުގައި ބައިވެރިކުރާ ކަމުގައިވާނަމަ އެކި ކުޅިވަރުތަކުގައި ކުދިން ބައިވެރިކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.
"އެއީ، ކުދިންގެ ސްކިލް އެކި ކުޅިވަރުގައި އެކި ސްކިލް މި ޑިވެލޮޕްވަނީ. ކުޑައިރު ކުދިން އެބަ ބައިވެރިކުރަން ޖެހޭ، އެކި ހަރަކާތްތަކުގައި، އެހެން ނަމަވެސް ކޮމްޕެޓިޓިވް ލެވަލެއްގައި ގެންދަން ބަލާއިރުގައި ވަކި އޭޖް ގްރޫޕެއް، ކަނޑައަޅަން އެބަޖެހޭ އަޅުގަނޑުމެން. ދެން އެ ކުއްޖާ ޑިވެލޮޕްވަމުންދާ ވަރަކަށް އެ ކުއްޖާގެ އެ ޓްރެއިނިން ސެޝަންތަކާ މި ކަންކަން މިއީ ޓެކްނިކަލް ލެވަލްއެއްގައި ޑިސްކަސް ކުރެވިގެންދާނެ ކަންކަން،" ނިންމާލަމުން ވަޒީރު ވިދާޅުވިއެވެ.