ENGLISH

20 އޭޕްރީލު 2026

Advertisement

ޤައުމީ ބެންކުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބެންކުގެ އެސެޓް 60 ބިލިއަނަށްވުރެ މައްޗަށްް

20 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ޤައުމީ ބެންކު -- ބެންކު އޮފް މޯލްޑިވްސް

ޤައުމީ ބެންކު -- ބެންކު އޮފް މޯލްޑިވްސްގެ ޖުމްލަ އެސެޓް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފި އެވެ.

ބީއެމްއެލުން އެކަން ހާމަކުރީ އެ ބެންކުގެ 2026 ވަނަ އަހަރުގެ މާލީ ނަތީޖާ ހާމަކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.

އެ ބެންކުން ބުނީ މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ނެރުނު ނަތީޖާއަކީ، ޖެހިޖެހިގެން ދެ އަހަރު ރެކޯޑް މިންވަރަކަށް ބޭންކަށް ލިބުނު ކުރިއެރުމަށްފަހު، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ނަތީޖާއެެއް ކަމަށެވެ. އަދި ބޭންކުގެ 43 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ނިންމާލުމަށްފަހު، މާލީ އާ އަހަރާ ބޭންކުން ކުރިމަތިލީ އެ ކާމިޔާބީ ދެމެހެއްޓުމުގެ އަޒުމުގައި ކަމަށެވެ.

މާލީ ދުޅަހެޔޮކަމާއި ފައިދާ އިތުރުވުން

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުން ހޯދާފައިވާ ބޮޑު ކުރިއެރުމަކީ ބޭންކުގެ މާލީ ދުޅަހެޔޮކަމާއި އެސެޓްތަކުގެ ފެންވަރު ރަނގަޅުކަމުގެ ހެއްކެއް ކަމަށް ބެންކުން ބުނެ އެވެ. މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވުމާއި ހިންގުމުގެ ހަރުދަނާކަން

ބޭންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވަނީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.

އެގޮތުން ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ބޭންކު ހިންގުމުގެ ޚަރަދުތައް ވަރަށް ބަލައިގެން މެނޭޖްކުރެވުމުގެ ސަބަބުން ހަރުދަނާ މިންގަޑެއްގައި ހިފެހެއްޓި، އާމްދަނީއާ އަޅާބަލާއިރު ޚަރަދު ހުރި މިންވަރު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް އިތުރަށް ރަގަޅު ކުރެވިފަ އެވެ.

މީގެ އިތުރުން އައިއެފްއާރްއެސް9 ގެ މިންގަނޑުތަކާ އެއްގޮތަށް ލޯނުތަކަށް އުނިކުރެވޭ މިންވަރު (އީސީއެލް) ވެސް ދަނީ ހަރުދަނާގޮތެއްގައި ކަނޑައެޅި ބެލެހެއްޓެމުން ކަން ބެންކުން ފާހަގަ ކުރެ އެވެ.

މާލީ ތާރީޚީ ކުރިއެރުމެއް

ބޭންކުގެ ބެލެންސްޝީޓަށް ބަލާއިރު، މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިއީ ބޭންކުގެ ތާރީޚުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ ޢަދަދު 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މީގެ ތެރޭގައި ބޭރުފައިސާގެ ޑިޕޮސިޓްތައް ބޮޑުދައުރެއް އަދާކުރާކަން ބެންކުން ފާހަގަ ކުރެ އެވެ. މީގެ އިތުރުން، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު  އިތުރުވެ، ލޯނުގެ ޖުމްލަ ޢަދަދުވަނީ 27.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަންވެސް ވަނީ ވަރުގަދަ މިންވަރެއްގައި ހިފެހެއްޓިފައެވެ. މިއީ ބޭންކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދީ، ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެތޭގޮތަށް ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.  

ބޭރު ފައިސާގެ އެހީތެރިކަމާއި ބޭނުންތައް އިތުރުވުން

ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް މުދާގެނައުމަށާއި އެހެން ވިޔަފާރި ބޭނުންތަކަށް، ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވެ އެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދެކެވެ. އަދި މިބޭނުމަށް މިދިޔައަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު %142 އިތުރު ޢަދަދެކެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެތެރޭގައި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން 32 ހާސް މުޢާމަލާތަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބެންކުން ބުނެ އެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް، ކްރެޑިޓް ކާޑާއި ޑެބިޓްކާޑު މެދުވެރިކޮށް ކުރެވުނު މުޢާމަލާތްތަކަށް 119.9 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ އެވްރެޖްކޮށް މަހަކަށް 40 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކުނު ޢަދަދަށްވުރެ %23 އިތުރު ޢަދަދެކެވެ. މިހެންކަމުން މިއަހަރު ފުރަތަމަ ކްއާޓަރގައި ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ވިއްކާފައިވާ ޑޮލަރުގެ ޢަދަދު 226 މިލިއަން ޑޮލަރަށް ވުރެ ގިނަކަން ފާހަގަކުރަމެވެ.

ބޭރު ފައިސާލިބޭ މިންވަރަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފެބްރުއަރީ 28 އިން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވުމާއި، ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ މިންވަރު ދަށްވުމުގެ ސަބަބުން، ކްރެޑިޓްކާޑާއި ޑެބިޓްކާޑުގެ މުޢާމަލާތްތަކަށް ބޭރުން އަންނަ ފައިސާ (ނެޓް ކާޑު އިންފްލޯ) މި މަހުގެ މިހާތަނަށް ގާތްގަޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.

އަދި މުދާ އެތެރެކުރުމަށާއި ބޭރުގެ ޚިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު ވަނީ ދެ ގުނަ އިތުރުވެފަ އެވެ. މި ބަދަލުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން މި ބޭންކު މެދުވެރިކޮށް އަންނަ ފައިސާއަށްވުރެ އަޅުގަނޑުމެން މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ (ނެޓް އައުޓްފްލޯ) ވަރަށް ބޮޑުތަނުން އިތުރު ވެގެންދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތައް

މިފަދަ ގޮންޖެހުންތަކާއެކުވެސް، ބޭންކުން ދަނީ ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާކޮށް މެނޭޖްކުރަމުންކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު އެކަނިވެސް ކާބޯތަކެއްޗާއި މުހިންމު މުދާ އެތެރެކުރުމަށް، ރާއްޖެއިންބޭރަށް ފައިސާ ފޮނުވުމަށް 25 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭންކުން ވަނީ ބޭރުފައިސާ ވިއްކާފައިވާ ކަމަށެވެ.

މިއީ ފުރަތަމަ ކުއާޓަރުގެ އެވްރެޖަށްވުރެ މާމަތީ ޢަދަދެއްގެ އިތުރުން، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ. އަދި ހަމަ އެހެންމެ ކްރެޑިޓް ކާޑާއި، ޑެބިޓް ކާޑުތަކުގެ މުޢާމަލާތްތަކަށް ބޭރު ފައިސާ ވިއްކި ޢަދަދުވެސް ވަރަށް ބޮޑުތަން އިތުރުވެފައިވެއެވެ. އެގޮތުން އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު 22 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. ރާއްޖެއިން ބޭރުން އަންނަ ފައިސާ މަދުވާމިންވަރު އިތުރުވެގެން ދާނަމަ، ނިސްބަތުން އެއާއި އެއްވަރަކަށް ބޭރުފައިސާ ވިއްކާ ޢަދަދަށް ވަގުތީ ގޮތުން އަޅަންޖެހިދާނެ ފިޔަވަޅެއް މެނުވީ، ބޭންކުން މަސައްކަތް ކުރާނީ މެދުނުކެނޑި ވިޔަފާރިތަކާއި އާންމު ފަރުދުންގެ މުހިންމު ބޭނުންތަކަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އިގްތިސާދީ މުހިންމު ދާއިރާތަކަށް އެހީތެރިވުން

މި ދަނޑިވަޅުގައި ބޭންކުން ދަނީ ފަތުރުވެރިކަން، އިމާރާތްކުރުން، މަސްވެރިކަން އަދި އެހެނިހެން ސިނާއަތްތަކާ ގާތުން މަސައްކަތްކޮށް، އެ ދާއިރާތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަންނަމުން ކަމަށް ވެސް ބެންކުން ބުނެ އެވެ.

އަދި އެ ސިނާއަތްތައް ދެމެހެއްޓުމަށް ބޭނުންވާ ވިޔަފާރި ރައުސްމާލާއި މާލީ އެހީތެރިކަން ބޭންކުން ދަނީ ފޯރުކޮށްދެމުންދާކަން ފާހަގަކޮށްފައިވެ އެވެ.

ލޯނު ދޫކުރުން އިތުރުވުން

މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި ހުރިހާ ސިނާޢަތްތައް ހިމެނޭހެން ބޭންކުން މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވެ އެވެ. އަދި މީގެ އިތުރުން އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާގެ ލޯނާއިއެކު، މިއަހަރު ދޫކުރެވިފައިވާ އާ ލޯނުގެ ޢަދަދު މިހާރު ވަނީ ފަސް ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ. މިއީ 2025 ވަނަ އަހަރު މުޅި އަހަރު ދޫކުރި އާ ލޯނުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ. މިއިން ހާމަވަނީ ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުމަށް ބޭންކުން ދޭ އަހައްމިއްޔަތެވެ.

ޚިދުމަތުގެ ވިއުގަ އިތުރަށް ފުޅާކުރުން

މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައިކަން ބެންކުން ފާހަގަ ކުރެ އެވެ. މިގޮތުން ތ. ވިލުފުށި، އއ. ތޮއްޑޫ، ހދ. ހަނިމާދޫ، ލ. ހިތަދޫ، ސ. ހުޅުދޫ އަދި ހދ. ކުޅުދުއްފުށީގައި ބޭންކުގެ އައު ބްރާންޗުތައް ހުޅުވައި، ރާއްޖޭގެ 70 ރަށެއްގައި އަލަށް 90 އޭޓީއެމް ވަނީ ބަހައްޓާފަ އެވެ.

މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި 70 ރަށުގައި ބެހެއްޓުނު 90 އޭޓީއެމްގެ ޚިދުމަތް އެއްފަހަރާ ސިންކްރޮނައިޒްކޮށް ފަށާފަ އެވެ. މި އައު އޭޓީއެމް ތަކާއިއެކު، ބޭންކުގެ ވިއުގަ މިހާރު ވަނީ 253 ދިވެހި ރުފިޔާ އޭޓީއެމް އަދި 86 ޔޫއެސް ޑޮލަރު އޭޓީއެމްއަށް ފުޅާވެފަ އެވެ.

މާކެޓް ކެޕިޓަލައިޒޭޝަން އިތުރުވުން

ނިމިދިޔަ ކުއާޓަރުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސްގެ އެންމެ ފަހުން ބޭއްވުނު އަހަރީ އާންމު ޖަލްސާގައި ފާސްކުރި ބޯނަސް ހިއްސާ ދޫކުރުމާއި ހިއްސާ ބައިކުރުމުގެ (ޝެއަރ ސްޕްލިޓް) ނިންމުމާ ގުޅިގެން، ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 7.8 ގުނަ އުފުލިފަ އެވެ. ކުންފުނީގެ މި ނިންމުންތަކާއެކު، އަހަރީ އާންމު ޖަލްސާގެ ކުރިން 3.6 ބިލިއަން ރުފިޔާގައި ހުރި މާކެޓް ކެޕިޓަލައިޒޭޝަން، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ވަނީ 28.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ޖުމްލަ ގޮތެއްގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުން ދައްކާފައިވަނީ މާލީ ގޮތުން ވަރުގަދަ، އަދި ދެމެހެއްޓެނިވި ފައިދާއެއް ހޯދަމުންދާ ފުރިހަމަ ނަތީޖާއެއްގެ ގޮތުގައި ޤައުމީ ބެންކުން ދެކެ އެވެ.

ކިޔުންތެރިންގެ ހިޔާލު