ENGLISH

21 އޭޕްރީލު 2026

Advertisement

ސުނާމީ ބިނާ މައިޒާން ނިންމުމުގައި ބައިވެރިވުމަކީ ފަޚުރެއް: އެމްޓީސީސީ

20 އޭޕްރީލު 2026

|

ފާތުމަތު އަދާ

ސުނާމީ ބިނާ މައިޒާން ނިންމުމުގައި ބައިވެރިވުމަކީ ކުންފުންޏަށް ލިބުނު ފަޚުރެއް ކަމަށް އެ މަސައްކަތް ކުރި އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

ތިން ރުއްޕާކުގެ ނަމުން ކުރީން މަޝްހޫރުވި މިހާރު ސުނާމީ މޮނިއުމަންޓް ޕާކު، މަރާމާތު ކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ ތާރީޚުގެ ހިތާމަވެރި ހަނދާންތައް އާކޮށްދޭ ބިނާއެއްގެ ގޮތުގައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މިހާރު މިއީ ހިތްފަސޭހަ މާހައުލަކަށް ވެފައިވާއިރު، އާއިލާތަކާއި، ކުޑަކުދިން އަދި ދޮށީ އުމުރުގެ މީހުންނަށްވެސް ހިތްހަމަޖައްސާލައި ވަގުތު ހޭދަކޮށްލުމަށް މިތަނުން އަބަދުވެސް މަރުހަބާ ކިޔާނޭ ކަމަށެވެ.

ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްޕައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގެންދާތީ،ޝީޓް ޕައިލްތައް އާކޮށް، ކީވޯލް މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެގޮތުން މިހާރު އެ ސަރަހައްދު މަރާމާތު ކުރުމަށްފަހު މި ވަނީ އާންމުނަށް ހުޅުވާލާފައެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ހަނދާނުގައި ބިނާކުރި މި ބިނާ އެންމެ ފުރަތަމަ ހުރީ ލޮނުޒިޔާރަތްކޮޅުގައެވެ. ނަމަވެސް، ސިނަމާލެ ބްރިޖުގެ މަސައްކަތް ފެށުމާއެކު، މިހާރު އެހުރި ސަރަހައްދަށް މި ބިނާ ބަދަލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު