ENGLISH
21 އޭޕްރީލު 2026
ރައީސް އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށް ވެސް "އޭ" ފާހެއް
20 އޭޕްރީލު 2026
|
ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްގެ އޮފީހުގެ 2024 ވަނަ އަހަރުގެ މާލީ ރިކޯޑުތައް ހުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.
ރައީސް އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާގޮތުން އެ އޮފީހުގެ 31 ޑިސެންބަރު 2024 ގައި ނިމުނު މާލީ އަހަރުގެ ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނުގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި، ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ހުރި ރިކޯޑުތަކުގައި އުނިއިތުރުކަމެއް ހުރިކަމަށް ފާހަގަކުރެވިފައެއް ނުވެ އެވެ.
އަދި ރައީސް އޮފީހުގެ 2024 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކޮށްފައިވަނީ، އެ އޮފީހަށް ފާސްކޮށްދިން ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރަށް ރައީސް އޮފީހުގެ 2024 ވަނަ އަހަރުގެ އެހެނިހެން މާލީ ކަންކަން ހިންގާ ބަލަހައްޓާފައި ވަނީ ވެސް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަމަށް ރިޕޯޓުގައި ވެއެވެ.
ދެހާސް ސައުވީސް ވަނަ އަހަރަށް ރައީސް އޮފީހަށް ފާސްކޮށްފައިވަނީ 204,600,000 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން އަހަރު ނިމުނުއިރު ޖުމުލަ ހަރަދު ކޮށްފައިވަނީ 240,050,424 ރުފިޔާ އެވެ.
މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުގެ 2024 ވަނަ އަހަރުގެ މާލީ ރިކޯޑުތައް ހުރީ ވެސް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.