ENGLISH
20 އޭޕްރީލު 2026
މިއަހަރުގެ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މާދަމާ ފަށަނީ
20 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ދިވެހި ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ގައުމީ ދިފާއީ ބާރުން ބުނީ، މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލު މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ. އެގޮތުން ހަރަކާތްތައް ފެށިގެން ދާނީ،ރާއްޖޭގެ ހަތަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ހުރިހާ މަރުކަޒުތަކެއްގައި ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންނެވެ. މާލޭގައި މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށީގަ އެވެ.
ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި، މާލޭގެ މަގުތަކުގައި ކުރިއަށްގެންދާ ސިފައިންގެ އަސްކަރީ ހިނގާލުން ބޭއްވުމަށް ނިންމާފައިވަނީ މޭ 2 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ހަވީރު 16:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ ތަފާތު ދާއިރާތަކާއި ޚިދުމަތްތައް އާންމުންނަށް ދައްކާލުމުގެ އިތުރުން، އެމްއެންޑީއެފް ބޭންޑުގެ ހުށަހެޅުންތައް ކުރިއަށްދާނެކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ،މި މުނާސަބަތާއި ގުޅިގެން ބާއްވާ އެންމެ މުހިންމު އެއް ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ކަމަށެވެ.
މޭ ނުވަ ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ ޖަލްސާގައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްފައިވާ ސިފައިންނަށް ހިތްވަރު ދިނުމުގެ އިތުރުން، އެމްއެންޑީއެފްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އާންމު ފަރާތްތަކުގެ އަގުވަޒަންކުރުން އޮންނާނެކަމަށްވެސް ގައުމީ ދިފާއީ ބާރުން މައުލޫމާތުދީފައިވެ އެވެ.