ENGLISH
20 އޭޕްރީލު 2026
ދެ ކްރޫޒްލައިނާއަކުން 3500 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް
20 އޭޕްރީލު 2026
|
ރާއްޖެއަށް ޒިޔާރަތްކުރި އެމްއެސް ނޯވީޖިއަން ސަން ކްރޫޒްލައިނާ-- ފޮޓޯ: އިމިގްރޭޝަން
އެންމެ މަޤްބޫލު
ރާއްޖެ ޒިޔާރަތްކޮށްފައިވާ ބޮޑު ދެ ކްރޫޒްލައިނާއަކުން، 3689 ފަތުރުވެރިން އައިސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސް ގައި މިއަދު ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، "އަޒަމާރާ އޮންވާޑް" ނަމަކަށް ކިޔާ ކުރޫޒްލައިނާ އާއި "އެމްއެސް ނޯވީޖިއަން ސަން" ކްރޫޒްލައިނާ މާލެ ބޭރުގައި ބަނދަރުކޮށްފައިވަނީ އިއްޔެ ކަމަށެވެ.
މި ދެ ކްރޫަޒްލައިނާގެ ފަސިންޖަރުންނާއި ކްރޫންނަށް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން ކްލިއަރެންސްދީފައިވާ ކަމަށް އިމްގްރޭޝަނުން ބުނެފައިވެ އެވެ.
މި ދެ ކްރޫޒްލައިންގެ ތެރެއިން "އަޒަމާރާ އޮންވާޑް" އިއްޔެ ރާއްޖެ އައީ އިންޑިއާގެ ކޮޗިން އިން ފުރައިގެންނެވެ. އަދި ހަމައެއާއެކު "އެމްއެސް ނޯވީޖިއަން ސަން" އިއްޔެ ރާއްޖެ އައިސްފައިވަނީ ތައިލެންޑްގެ ޕުކެޓުން ފުރައިގެންނެވެ.
އިމެގްރޭޝަން އިން ބުނީ، "އަޒަމާރާ އޮންވާޑް" ގައި 583 ފަސިންޖަރުންނާއި 388 ކްރޫން ހިމެނޭކަމަށެވެ. މީގެ އިތުރުން "އެމްއެސް ނޯވީޖިއަން ސަން" ގައި 1816 ފަސިންޖަރުންނާއި، 902 ކްރޫއިން ހިމެނޭ ކަމަށްވެސް އިމިގްރޭޝަންއިން ބުނެފައިވެ އެވެ.
ރާއްޖެއަށް ދޭތެރެ ދޭތެރެއިން ކްރޫޒްލައިނާތައް އާދެ އެވެ. އަދި މި ކްރޫޒްލައިނާތައް މާލެއާއި އަދި އަތޮޅުތެރޭގެ ރަށްރަށަށް މަޑުކޮށް ފަތުރުވެރިންވެސް އެ ރަށްރަށަށް ފައިބަ އެވެ.
މިއަރަކީ ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެެރިން އަންނަމުން ދިޔަ އަހަރެކެވެ. އެހެންނަމަވެސް މެދު އިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން، ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ މިންވަރު ވަނީ ދަށްވެފަ އެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ރާއްޖެއަށް ކްރޫޒްލައިނާތަކުން ފަތުރުވެރިން ޒިޔާރަތްކުރުމަކީ، ފަތުރުވެރިކަމުގެ ސިނާއަތަށާއި، ރާއްޖޭގެ އިގްތިޞާދަށް އޭގެ މަންފާކުރާނެ ކަމަށެވެ.
ރާއްޖެ ޒިޔާރަތްކުރާ ކްރޫޒްލައިނާތައް ގިނަވެފައިވާއިރު، ކްރޫޒްލައިނާތަކަށް ޚާއްސަ ޖެޓީތައް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވެ އެވެ.