ENGLISH
20 އޭޕްރީލު 2026
ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ ދުވެއްޔާމެދު ހިތްހަމަނުޖެހޭ، ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދެން: ރައީސް
20 އޭޕްރީލު 2026
|
ތިލަމާލެ ބުރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާ މިންވަރު ފެންނަ ފޮޓޯއެއް، ފޮޓޯ: ދައުރު
އެންމެ މަޤްބޫލު
މާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅުވައިލާ ތިލަމާލެ ބުރިޖުގެ މަސައްކަތް ހިނގަމުންދާ ދުވެއްޔާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވައި، އެ މަޝްރޫއުގެ ދުވެލި ހަލުއިކުރުމަށް ސަރުކާރަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުގައި އިންޑިޔާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓު ނަގައިގެން ފެށި މަޝްރޫއު ނިންމުމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޯންސް ކުންފުނިން އެކިފަހަރު ދެމުން އަންނަނީ އެކި މުހުލަތެވެ. މަޝްރޫއުގެ މަސައްކަތް ހިނގަމުންދާ ދުވެލި ހަލުއިކުރުމަށް އިތުރު 100 މިލިއަން ޑޮލަރު ލައިން އޮފް ކްރެޑިޓަށް ކުރީ ސަރުކާރުން އިތުރުކުރިއެވެ.
ނަމަވެސް އެކަށީގެންވާ ދުވެލީގައި އެ މަޝްރޫއުގެ މަސައްކަތް ނުދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ކުރިން އޮތީ މި އަހަރުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅުވައިލުމަށްފަހު 2027 ވަނަ އަހަރު ނިމުމުގެ ކުރިން ގުޅިފަޅާއި ތިލަފުށި ގުޅުވައިލުމުގެ މަސައްކަތް ނިންމާ ގޮތަށެވެ.
މިއަދު އޮތް ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ އެމަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ހަލުއިމިނުގައި ނޫންކަމަށެވެ.
"ހަގީގަތުގައި ވަރަށް ލަސް ކުރިއަށްދާލެއް، އެކަމަކު ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްވިއްޔާ ކޮށްދެމުން. މިދޭތެރެއިން މުއްދަތު އިތުރުކޮށްދޭން ވަރަށް ބޮޑަށް އެދިގެން ވަރަށް ބޮޑަށް ބަލާފައި މުއްދަތު އިތުރުކޮށްދީފިން. ހަމަ ޔަގީނުންވެސް އަޅުގަނޑު ހިތްހަމަނުޖެހޭ ދާ ސްޕީޑާ ދޭތެރޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބުރިޖުގެ މަސައްކަތް ނިމޭނެ ތާރީހެއް 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ހާމަކުރެއްވި ނަމަވެސް އެ ތާރީހަށް އެ މަސައްކަތް ނުނިމޭ ކަމަށެވެ. އެ ސަބަބަށްޓަކައި މި އަހަރުގެ ރިޔާސީ ބަޔާނުގައި ބުރިޖުގެ މަސައްކަތުގެ ވާހަކަ ނުހިމަނުއްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ކުރިން 2026 ގައި ނިމެން އޮތް މަޝްރޫއު ނިމޭނެކަމަށް މިހާރު ލަފާކުރަނީ 2027 ގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ނިމިގެންދިއުމަކީ ވަރަށް ބޮޑަށް އުފާކުރައްވާނެ ކަމެއް ކަމަށާއި، މަޝްރޫއު އަވަހަށް ނިންމުމަށް ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށްގެންދަވާނެ ކަމަށެވެ.