ENGLISH

20 އޭޕްރީލު 2026

Advertisement

މިހާރުން މިހާރަށް ބޮޑުހިލައިގެ މައްސަލަ ޙައްލުކުރެވޭނެ ގޮތްތަކެއް ހޯދަން މަޝްވަރާކޮށްފި

20 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން. ފޮޓޯ؛ރައީސް އޮފީސް

މިހާރުން މިހާރަށް ބޮޑުހިލައިގެ މައްސަލަ ޙައްލުކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށް މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދެވުމަށާއި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި އިއްޔެ ކުރެވި މަޝްވަރާތަކުގެ ތެރެއިން ނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިކަމާއި ގުޅޭ ގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ހެދުމަށް މައިގަނޑު ގޮތެއްގައި ބޭނުންވާ ބޮޑުހިލައިގެ ބަދަލުގައި، ކޮންސްޓްރަކްޝަން ޑެމޯލިޝަން ވޭސްޓް ނުވަތަ އެހެންވެސް މެޓީރިއަލެއް ބޭނުންކޮށްގެން އީޖާދީ އެހެން ޙައްލެއް (ޚަރަދު ކުޑަ، ރެސިލިއެންޓް، ރާއްޖޭގެ ތިމާވެށްޓާ ގުޅޭ) ހޯއްދެވުމަށް ނިންމަވާފައި ކަމަށެވެ.

އަދި ކަމާބެހޭ ވުޒާރާތައް ގުޅިގެން މިފަދަ ޙައްލެއް ހޯދުމަށްޓަކައި ދިރާސާއެއް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން ރިސަރޗް ގްރާންޓެއް ފަދަ ފައިސާގެ އެހީތެރިކަމެއް ހަމަޖައްސަވައިދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއެވެ.  މީގެ އިތުރުން ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ގޮނޑުދޮށް ޙިމާޔަތްކުރަން ބޭނުންކުރާ މިފަދަ ވަސީލަތްތައް ވިއްކާ ކުންފުނިތަކާ މަޝްވަރާކުރައްވައިގެން، މިހާރުން މިހާރަށް ބޮޑުހިލައިގެ މައްސަލަ ޙައްލުކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށް މި ޖަލްސާގައި ވަނީ ނިންމަވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. 

ރައީސް އޮފީހުން ބުނީ އިއްޔެގެ ޖަލްސާގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން، ޤައުމުގެ ތެލާއި ހަކަތައިގެ ރައްކާތެރިކަން ވަރުގަދަކުރުމަށް އެކުލަވައިލައިފައިވާ އޮނިގަނޑާ ގުޅޭ ގޮތުން ހުށައެޅުއްވި ކަރުދާހަށްވެސް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އެގޮތުން މި މަޝްވަރާގެ އަލީގައި، ދިވެހިރާއްޖޭގައި ތެލާއި ހަކަތައިގެ ރައްކާތެރިކަން ވަރުގަދަކުރުމަށް މިހާރު އޮތް ޤާނޫނުގެ ތެރެއިން ހައްދަވަންޖެހޭ ގަވާއިދުތަކާއި ސްޓޭންޑަރޑްތައް ހައްދަވައި، އެއަށް އިތުރަށް ބޭނުންވާ ޓެކްނިކަލް ޑީޓެއިލްތަކާ ގުޅޭގޮތުން 'މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ކޮމިޓީ"ގައި މަޝްވަރާކުރެއްވުމަށްފަހު، އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން މިއާ ގުޅޭ ކަންކަން ނިންމެވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައިކަން އެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު