ENGLISH

20 އޭޕްރީލު 2026

Advertisement

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ، އުސޫލުން ބޭރުން ކަމެއް ކުރަން ސަރުކާރުން ހިތްވަރުނުދޭނެ: ރައީސް

20 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ސަބަބުން އެ ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި، އެއްްވެސް ކުންފުންޏެއްގެ ތެރެއިން އުސޫލުން ބޭރުން ކަމެއް ކުރުމަށް ސަރުކާރުން ހިތްވަރުނުދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ކޮންމެ ހަފުތާއެއްގެ ހޯމަދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް މިހާރު ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް އިރުޝާދުދީފައިވާ ކަމަށެވެ. 

"ޕާފޮމޭންސް ބޭސްޑްކޮށް ބައްލަވާފައި މަސައްކަތުގެ ފަރުވާތެރިކަން ހުރިވަރާއި ވަޒީފާއަށް ނުކުމޭތޯއާއި ކުންފުނީގެ މަސައްކަތަށް ބަލައި، މުވައްޒަފުންގެ އަދަދު މަދުކުރުމަށް މިހާރު އެވަނީ އަންގާފައި. އަދި އެއާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް ޓްރިމްޑައުން ކުރުމަށް މުވައްޒަފުންގެ އަދަދު މަދުކުރުމަށް މިހާރު ކުންފުނިތަކުގައި އެވަނީ ފެށިފައި. އެހެންވީމާ އޭގެ ތެރެއިން ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް އަންނާނޭ،" ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރެވިގެންދާނީ ގާނޫނުތަކާއި ކުންފުނިތަކުގައި އެފަދަ ކަންކަން ކުރުމަށް ކަނޑައެޅިފައި ހުންނަ އިޖުރާއާތުތަކުގެ ތެރެއިންނެވެ. 

ކުންފުނިތަކަށް ޕީސީބީން ފޮނުވި ސާކިއުލާއެއްގައި އެ ބޯޑުން އަންގާފައިވަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33  އިންސައްތައިން ދަށްކުރުމަށެވެ. އަދި ކުންފުނިތަކަށް މުވައްޒަފުން ނެގުމުގައި ތަޖުރިބާއާއި ތައުލީމާއި ގާބިލުކަމަށް ބަލައިގެން މުވައްޒަފުން ނެގުމުގެ އުސޫލަށް އަމަލުކުރުމަށްވެސް އެ ސާކިއުލާގައި އިރުޝާދު ދީފައިވެއެވެ. 

ކުންފުނިތަކާ ގުޅޭ މައްސަލައެއްގެ ގޮތުގައި އެމްޓީސީސީން ތައާރަފުކުރި މާލެ ޓެކްސީ ލައިންގެ ހިދުމަތަށް ތައްޔާރުކުރި އެޕުގެ މަސައްކަތް ހަވާލުކުރުމުގައި މައްސަލަތަކެއް އުޅޭ މައްސަލައާ ގުޅިގެން ރައީސް ވިދާޅުވީ އެ އެޕުގައި މައްސަލަތަކެއް އުޅޭކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެމްޓީސީސީއާއި ޓްރާންސްޕޯޓު މިނިސްޓްރީއަށް ދީފައި އޮތް އިރުޝާދަކީ އެ މަސައްކަތް އެންމެ ރަނގަޅަށް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެކަށީގެންވާ ގޮތަކަށް ކުރިއަށްގެންދިއުމެވެ. އަދި ނުރަނގަޅު ކަމެއް ހިނގާނަމަ އެކަމެއް ދެނެގަނެ ވަގުތުން އެކަމަކާމެދު ފިޔަވަޅުއެޅުމަށް ރައީސް އޮފީހުން އަންގާފައިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"ކޮންމެ ގޮތެއްވިޔަސް ގާނޫނާއި ގަވާއިދާ ހިލާފަށް ނުވަތަ އުސޫލުތަކުގެ ބޭރުން ކަމެއް ކުރުމަށް ސަރުކާރުން އެއްވެސް މިންވަރަކަށް ފުރުސަތެއް ނުދޭނަން. އެކަހަލަ ކަމެއް ކުރާ ބަޔަކުނަމަ އެބަޔަކާމެދު ފިޔަވަޅު އެޅުމަށް ބާރުއަޅާނަން،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވެފައިވަނީ ޓެކްސީ އެޕުގެ މައްސަލަ ހައްލުކޮށް ވެބް އެޕެއް މިހާރު ތައްޔާރުކޮށްފައިވާއިރު، ދާއިމީ އެޕެއް ތައްޔާރުކުރުމުގެ މަސައްކަަތްވެސް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި އެޕް ހެދިގެން އަންނައިރު ރަނގަޅު ފެންވަރުގެ ހައްލެއް ރައްޔިތުންނަަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު