ENGLISH

21 އޭޕްރީލު 2026

Advertisement

ކެބިނެޓަށް ގެންނެވި ބަދަލުތަކާ ގުޅިގެން 14 ވަޒީރަކަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް

20 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ވަަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވައިކުރެއްވުން

ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގެވުމަށް އިސްލާހީ ބަދަލުތަކެއް ގެންނެވުމުގެ ގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު، ވުޒާރާތަކުގެ މެންޑޭޓުތައް އަލުން ތަރުތީބުކުރައްވައި މަގާމުގެ ހުވައިކުރެއްވި 14 ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. 

މިބަދަލުތައް ވަޒީރުންގެ މަޖިލީހަށް ރައީސް ގެންނެވީ، ރައްޔިތުން އެދޭ ބަދަލުތައް ސަރުކާރަށް ގެންނެވުމަށް ރައީސަށް ޖާގަދެއްވުމުގެ ގޮތުން ކުރިން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ދިހަ ބޭފުޅަކު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެ ބޭފުޅުން އިސްތިއުފާދެއްވީ ސަރުކާރުގެ ހިންގުމަށާއި އިދާރީ އޮނިގަނޑަށް ގެންނެވުމަށް ރައީސް ގަސްތުކުރައްވާ އިސްލާހީ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ. 

އެ ބޭފުޅުން އިސްތިއުފާދެއްވުމާއެކު ބައެއް ވުޒާރާތައް އެއްކުރައްވައި ކުރިން ހުރި ބައެއް ވުޒާރާތައް އުވާލައްވައި، ވުޒާރާތަކުގެ މެންޑޭޓު މުޅިން އަލަށް އެކުލަވައިލެއްވުމާއެކު، ވުޒާރާތަކުގެ އަދަދުވެސް ވަރަށް ބޮޑަށް މަދުކުރައްވައި 15 ވުޒާރާއެއްގެ މައްޗަށް ސަރުކާރުގެ އިދާރީ އޮނިގަނޑު އަލުން ތަރުތީބުކުރެއްވުމަށް ރައީސް ނިންމެވިއެވެ. 

އެ ނިންމެވުމާ އެއްގޮތަށް އޮނިގަނޑު ތަރުތީބުކުރެއްވުމާއެކު، ކުރިއްސުރެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނާއި އަލަށް ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގެންނެވި ހަތަރު ބޭފުޅަކާއެކު ޖުމްލަ 14 ބޭފުޅުން ވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ހުވާކުރައްވާފައިވެއެވެ. 

ރުހުން ހޯދުމަށް ނަން ފޮނުއްވި 14 ވަޒީރުން 

  • މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް - މޫސާ ޒަމީރު
  • މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ - އަލީ އިހުސާން
  • މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - އިރުތިޝާމް އާދަމް
  • މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ޑރ.އިސްމާއިލް ޝަފީއު
  • މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާ - ގީލާ އަލީ
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވިލޮޕްމެންޓް، ޓްރޭޑް އެންޑް ޓްރާންސްޕޯޓް - މުހައްމަދު ސައީދު
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން - މުހައްމަދު އަމީން
  • މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްނެސް - އަބްދުﷲ ރާފިއު
  • މިނިސްޓްރީ އޮފް އާރްޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް - ހީނާ ވަލީދު
  • މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޕާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް - އަބްދުﷲ މުއްތަލިބް
  • މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ - އަލީ ޝަރީފް
  • މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް - ހަސަން ރަޝީދު
  • މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް - އަހުމަދު ޝިޔާމް

ވަޒީރުކަމުގެ ހުވައިކުރެއްވި 14 ބޭފުޅުން އެ މަގާމަށް އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ރައީސް މިއަދު މަޖިލީހަށް ފޮނުއްވުމުން އެ ބޭފުޅުންގެ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވާފައިވެއެވެ. 

ކޮމިޓީ މަރުހަލާގައި އެ ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށްފަހު ވަޒީރުކަމަށް އެ ބޭފުޅުން އައްޔަންކުރުމާމެދު ކޮމިޓީއަށް ފެންނަ ގޮތެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ ބޭފުޅުންނަށް ރުހުން ދިނުމާމެދު އާހިރު ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނެގޭ ވޯޓަކުންނެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސް ގެންނެވި ބަަދަލުތަކާއި ސަރުކާރުގެ އޮނިގަނޑުގެ ތަރުތީބުތަކަށް ގެންނެވި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ކުރިއަށްވުރެ މަސައްކަތްތައް ސްޓްރީމްލައިންކޮށް، ހިދުމަތްތަކާއި މަޝްރޫއުތައް ހަލުއިކުރެވި ނަތީޖާ ނެރެވޭ މިންވަރު އިތުރުކޮށް ޔަގީންކުރުމެވެ. 

ކިޔުންތެރިންގެ ހިޔާލު