ENGLISH
20 އޭޕްރީލު 2026
ވިޔަފާރިތަކަށް ޓީޓީ ހެދުމަށް މި އަހަރު ބޭންކުން ދިން ޑޮލަރުގެ އެހީ %142 އިތުރުކުރެވިއްޖެ: ސައީދު
20 އޭޕްރީލު 2026
|
އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރާއްޖެއަށް މުދާ އެތެރެކުރުމުގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ ފުރަތަމަ ތިން މަހު ދޫކުރި ބޭރު ފައިސާގެ އަދަދު 142 އިންސައްތަ އިތުރުވެފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ޑޮލަރުގެ އަގު ދަށްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ހެޔޮ އަގުގައި ޑޮލަރު ފޯރުކޮށްދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ޑޮލަރުން ދޭ ހިދުމަތްތަކަށް ދޫކުރާ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
މި ސަރުކާރުންވަނީ ބޭންކުތަކަށް ޑޮލަރުން ލިބޭނެ އިންތިޒާމެއް ގާއިމުކުރުމުގެ ގޮތުން ބޭރު ފައިސާގެ ގާނޫނެއް ވުޖޫދަށް ގެނެސް، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކިން ނިޒާމަށް ޖަމާކުރުން ލާޒިމުކުރުމާއެކު، އެ އާމްދަނީގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުމުގެ އުސޫލެއް ގާއިމުކޮށްފަައެވެ.
ސައީދު ވިދާޅުވި ގޮތުގައި މި އުސޫލަށް އަމަލުކުރަން ފެށުމުގެ ސަބަބުން ބޭންކުތަކުން ވިޔަފާރިވެރިންނާއި އާއްމުންނަށް ރަސްމީ ޑޮލަރު ރޭޓުގައި ދޫކުރަމުންއައި ޑޮލަރުގެ އަދަދު އިތުރުވެފައިވެއެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު ވިޔަފާރިތަކަށް ޓީޓީ ހެދުމަށާއި، ފަރުދުންނާއި ވިޔަފާރިތައް ހިމެނޭ ގޮތަށް ކާޑުތަކުގެ ހިދުމަތަށް ބޭންކުން ދޫކުރި ޑޮލަރުގެ އަދަަދުތައް ވަޒީރު ވިދާޅުވެދެއްވިއެވެ.
"މިއަހަރުގެ ފުރަތަމަ ތިން މަސްތެރޭ ބޭރު ފައިސާ ފޮނުވުމަށް 106.2 މިލިއަން ޑޮލަރު ބީއެމްއެލްއިން ވިއްކި. މިއީ އެވެރެޖުކޮށް މަހަކު 35.4 މިލިއަން ޑޮލަރު. މިއީ 2025ގެ މި މުއްދަތާ އަޅާބަލާއިރު 142 ޕަސެންޓުގެ އިތުރުވުމެއް. އޭޕްރީލު މަހުގެ 16 ވަނަަ ދުވަހާ ހަމައަށް 25.2 މިލިއަން ޑޮލަރު ވިއްކި. މިއީ ކުރީ އަހަރަށްވުރެ ދެގުނަ އިތުރު އަދަދެއް،" ސައީދު ވިދާޅުވިއެވެ.
ފުރަތަމަ ތިން މަސްދުވަހު ކާޑުތަކުގެ މުއާމަލާތްތަކަށް ޖުމްލަ 129 މިލިއަން ޑޮލަރު ބޭންކުން ދޫކޮށްފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެއީ ކުރީ އަހަރުގެ އެ މުއްދަތުގައި ދޫކުރި އަދަދަށްވުރެ 23 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި މި ހުރިހާ ހިދުމަތެއް ޑޮލަރުން ފޯރުކޮށްދީފައިވަނީ ސަރުކާރުން އަދާކުރަންޖެހިފައި އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކު އެއްފަހަރާ އަދާކުރުމާއެކު، އެ ބުރައިން ސަލާމަތްވެ ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވެ ރާއްޖޭގައި އިންވެސްޓުކުރުމުގެ ޝައުގުވެރިކަން އިތުރުކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ސަރުކާރުން އަންނަނީ ހަނގުރާމައިގެ ހާލަތުގައިވެސް ރާއްޖެއަށް މުދާ ގެނައުމުގައި އަދި ވިޔަފާރިތަކަަށް ބޭނުންވާ ބޭރު ފައިސާ ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް އިންތިޒާމީ ގޮތެއްގައި ކުރިއަށްގެންދަމުންނެވެ.