ENGLISH
20 އޭޕްރީލު 2025
ގޯލަން ހައިޓްސްގައި އިޒްރޭލުން ވަޒަންވެރިވުމަށް ކުރަމުންގެންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފި
16 ޑިސެމްބަރު 2024
|
ސީރިޔާގެ ގޯލާން ހައިޓްސްގެ ބިންތަކުގައި އިޒްރޭލުން ވަޒަންވެރިވުމަށް ކުރަމުންގެންދާ މަސައްކަތްތައް ފުޅާކުރުމަށް އިޒްރޭލް ސަރުކާރުން ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
މި ނިންމުމަކީ ބައިނަލްއަޤުވާމީ އެންމެހައި ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަދި މި ސަރަހައްދުގައި ޞުލްހަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ނިންމުމެއް ކަމުގައި ދިވެހި ސަރުކާރުން ޤަބޫލުކުރާ ކަމަށް ޚާރިޖީ ވުޒާރާ އިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ސީރިޔާގެ ގޯލާން ހައިޓްސް ގެ ބިންތަކަށް ނުޙައްޤުން ވެރިވެގަތުމަށް އިޒްރޭލުން ހިންގަމުންގެންދާ ޖަރީމާތައް ހުއްޓުވުމަށާއި، އިޒްރޭލުން ސީރިޔާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށާއި އަދި އދ. ގެ ކަމާބެހޭ ޤަރާރުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިޒްރޭލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައްވައިފައެވެ. މީގެ އިތުރުން، 1967 ވަނަ އަހަރުން ފެށިގެން ސީރިޔާގެ ގޯލާން ހިފާފައިވާކަން ފާހަގަކުރައްވައި، ސަލާމަތީ މަޖިލީހުގެ ޤަރާރު 497 (1981) ފަދަ އދ.ގެ ކަމާގުޅޭ ޤަރާރުތަކަށް ޢަމަލުކުރުމަށް އިޒްރޭލަށް ދިވެހި ރާއްޖެ އިން ވަނީ އިލްތިމާސްކުރައްވައިފައެވެ.
ސީރިއާގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަޙައްދީ ސަލާމަތަށް ތާއީދުކުރުމުގައި ދިވެހިރާއްޖެ ދެމިއޮނަން ވިދާޅުވެ ސީރިޔާގެ ރައްޔިތުންގެ އުންމީދުތައް ޙާޞިލްވާނެ ގޮތަށް، އެ ޤައުމުގައި ސުލްޙައާއި، ސަލާމަތާއި، އިސްތިޤްލާލު ޤާއިމްކުރުމަށް ކުރެވޭ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ހުރިހާ މަސައްކަތަކަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ދެއްވައިފައެވެ.