ENGLISH
20 އޭޕްރީލު 2026
ޗައިނާ މިނިވަން ވިޔަފާރި އެއްބަސްވުން އެކުލަވައިލީ ވިޔަފާރިވެރިންގެ މަޝްވަރާ ހޯދައިގެން: ސައީދު
20 އޭޕްރީލު 2026
|
ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ޖަވާބުދެއްވަނީ، ފޮޓޯ: ރައްޔިތުންގެ މަޖިލީސް
އެންމެ މަޤްބޫލު
ޗައިނާއާއެކު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވައިލީ ވިޔަަފާރިވެރިންނާއި އެކި ދާއިރާތަކުގެ ހިއްސާދާރުންނާއެކު މަޝްވަަރާކޮށްގެން ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގަައި ރެސްޓޯރެންޓު ހިންގުމުގެ ހުއްދަ ޗައިނާގެ ވިޔަފާރިވެރިންނަށް ލިބޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަށް މަޖިލީހުގެ ތަޅުމުގައި މިއަދު ދެއްވި ޖަވާބުގައެވެ.
ސައީދު ވިދާޅުވި ގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވައިލީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ދިވެހި ވިޔަފާރިވެރިންނާއި، އެކި ސިނާއަތްތަކުގެ ހިއްސާވެރިންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި އެފަރާތްތަކުގެ ހިޔާލު ހޯދައިގެންނެވެ. އަދި އެ އެއްބަަސްވުން އެކުލަވައިލާފައިވަނީ ދިވެހި ވިޔަފާރިތަކުގެ މަސްލަހަތުތައް ހިމާޔަތްކުރެވޭނެ ގޮތަށްކަން ސައީދު ފާހަގަކުރެއްވިއެވެ.
އިތުރަށް ސައީދު ވިދާޅުވީ މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ 2017 ވަނަ އަހަރުކަމަށްވުމާއެކު، އޭގެ ފަހުން ވިޔަފާރިއާ ބެހޭ ވުޒާރާއިން އެކުލަވައިލާފައިވާ ބޭރުގެ އިންވެސްޓުމެންޓުތަކާ ގުޅުންހުރި ސިޔާސަތުތަކާއި، އެ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން ޗައިނާއަށްވެފައިވާ އިލްތިޒާމުތަކުގެ މެދުގައި ތަފާތުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ރެސްޓޯރެންޓު ވިޔަފާރިއަކީ ދިވެހިންނަށް ހާއްސަ ވިޔަފާރިއެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް ބައިނަލްއަގުވާމީ ފްރެންޗައިސްތަކަށް ފޮރިން އިންވެސްޓުމެންޓު ސިޔާސަތުގައި ކަނޑައަޅާފައިވާ ވަކި އުސޫލެއްގެ ތެރެއިން ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންވޭ. ހަމައެފަދައިން ބައެއް ރިސޯޓުތަކާއި އެއާޕޯޓުތައް ހިންގާ ސަރަހައްދުތަކުގައިވެސް ފެްރެންޗައިސްތައް ހަރަކާތްތެރިވުމަށް ފުރުސަތު ލިބޭ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާގެ އެންޓަރޕްރަނިއަރުންނަށްވެސް ހަރަކާތްތެރިވެވޭނީ ވަކި ޝަރުތުތަކެއްގެ ތެރެއިން ކަމުގައި ދަންނަވަން،" ސައީދު ވިދާޅުވިއެވެ.
އިތުރަށް ސައީދު ފާހަގަަކުރެއްވީ އެ އެއްބަސްވުން ފާސްކުރުމަށް އެއިރު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އިދިކޮޅު އެމްޑީޕީން ބައިވެރިނުވި ކަމެވެ. އެމްޑީޕީގެ ސަރުކާރުގައި އެ އެއްބަސްވުން ތަންފީޒުކުރަން ނުފަށައި މަޑުޖައްސާފައި އޮތްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މިހާރު ކުރިމަތިވެފައި އޮތް ހަނގުރާމައިގެ ހާލަތުގައިވެސް މުދަލުގެ އަގުތައް އެކަށީގެންވާ މިންވަރަށްވުރެ މަތިނުވެ، ހިފަހެއްޓުމަށް މަގުފަހިވެގެންދިޔަ ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ބާޒާރު ކަމުގައިވާ ޗައިނާގައި ވިޔަފާރިކުރުމުގެ ގިނަ ފުރުސަތުތަކެއް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ލިބިގެންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.