ENGLISH

20 އޭޕްރީލު 2026

Advertisement

އިންތިޤާލީ ސަރުކާރަކަށް އެމްޑީޕީއިން ގޮވާލަންޖެހޭ ޖާގައެއް ނެތް: ޖާބިރު

20 އޭޕްރީލު 2026

|

އައިޝަތު ޝާލީން

ކުރީގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު އެމްއެމްޓީވީގެ ބޮޑުޚަބަރު ޕްރޮގްރާމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްއެމްޓީވީ

އިންތިޤާލީ ސަރުކާރެއް އުފައްދަން އިދިކޮޅު އެމްޑީޕީއިން ގޮވާލާ ގޮވާލުމަކީ ޒިންމާދާރުކަން ކުޑަކޮށް ދައްކާ ވާހަކަތަކެއް ކަމަށާއި، މިފަދަ ވާހަކަތަކެއް ދައްކަންޖެހޭ ޖާގައެއް އޮތް ކަމަށް ގަބޫލުނުކުރައްވާކަމަށް ކުރީގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ ބޮޑުޚަބަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޖާބިރު ވަނީ ނިމިދިޔަ އިންތިޚާބުގައި ސަރުކާރަށް ބޮޑުތަނުން ކާމިޔާބީ ލިބުނުކަން ފާހަގަކުރައްވާފައެވެ.  

މިގޮތުން އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު ރައްޔިތުން ކޮންގްރެސް ޕާޓީއަށް ތާއީދު ދީފައިވާކަމަށެވެ. އަދި ފުރަތަމަ ނެރުނު ނަތީޖާއަށް ބަލައި އިދިކޮޅަށް އިންތިޚާބު ކާމިޔާބު ކުރެވުނީ ކަމުގައި ނިންމައި އުފާ ފާޅުކުރަން ފެށި ފެށުން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ އިންތިޚާބުގެ ފުރިހަމަ ނަތީޖާ ނިކުތް އިރު ރައްޔިތުންގެ ނިންމުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އިންތިޚާބު ކާމިޔާބު ކުރެވިފައިވާކަމަށެވެ. 

ނަތީޖާއަށް ބަލާއިރު ޕީއެންސީއަށް 586 ގޮނޑި ކާމިޔާބުކުރެވިފައިވާކަމަށާއި، މިއީ ހަގީގަތުގައި ޕާޓީއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއްކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ކާޏިޔާބީގެ ހަގީގީ އުފާ ފާޅުކުރަންޖެހޭނީވެސް ޕީއެންސީއިން ކަމަށް ޖާބިރު ވިދާޅުވިއެވެ. 

އިންތިޚާބުގައި މިފަދަ ބޮޑު ކާމިޔާބީއެއް ސަރުކާރަށް ލިބިފައިވާ ދަނޑިވަޅެއްގައި އިންތިޤާލީ ސަރުކާރެއް އުފައްދަން އިދިކޮޅު އެމްޑީޕީއިން ގޮވާލާ ގޮވާލުމަށް ރައްދު ދެއްވައި ޖާބިރު ވިދާޅުވީ، އެމްޑީޕީއަށް ނޫނެކޭ ބުނެ، ރައީސް ޑރ. މުއިއްޒު 5 އަހަރަށް އިންތިޚާބުކުރެއްވީ ރައްޔިތުންގެ ނިންމުމުން ކަމަށާއި، ރައްޔިތުންގެ ނިންމުން މިގޮތަށް އޮއްވައި އިންތިޤާލީ ސަރުކާރެއް އުފައްދަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. 

"އެހެންވީމަ މިތަނުގައި އެކަހަލަ ވާހަކައެއް ދައްކަންޖެހޭ ޖާގައެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. އަދި އެއީ ވަރަށް ޣައިރު ޒިންމާދާރު ވާހަކައެއް ކަމަށް އަޅުގަނޑު ބަލަނީ. ހިތަށް ކުޅަދާނަ ނުވެގެން ދައްކާ ކަހަލަ ވާހަކަ އެ ހުންނަނީ އެހެންނޫންތޯ؟،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ދިމާކޮށް ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން ރައްޔިތުން ތިބީ ރައީސް ޑރ. މުއިއްޒުއާ އެކުގައިކަން ގަބޫލުކުރެވުނު ކަމަށާއި، އަދި މިއަދު އެގަބޫލުކުރި ކުރުން ހަގީގަތަކަށް ވެފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު