ENGLISH

19 އޭޕްރީލު 2026

Advertisement

އިގުތިސާދު ނެގެހެއްޓުމަށް ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ދަނީ އެހީވަމުން

19 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ބޭންކް އޮފް މޯލްޑިވްސް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެގެ އިގުތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި މަދަދު ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފޯރުކޮށްދެމުންދާކަމަށް ސަރުކާރުން ބުނެފިއެވެ. 

ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކުވައިލެއްވި ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީގެ ފަރާތުން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މުދަލުގެ އަގުތައް ބޮޑުވިޔަނުދިނުމަށް ބޭންކު މެދުވެރިކޮށް ވިޔަފާރިތަކަަށް ދޫކުރާ އެހީތެރިކަން އިތުރުކޮށްފައިވާ ކަމަށެވެ. 

އެގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި 5.6 މިލިއަން ޑޮލަރު އެވެރެޖުކޮށް ވިއްކާފައި ހުރިއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި 106 މިލިއަން ޑޮލަރު ދޫކުރިއިރު، 2025 ވަަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ކާޑު ސެޓްލްމެންޓު ފަދަ ކަންކަމަަށް 24 މިލިއަން ޑޮލަރު ބޭންކުން ދޫކުރެވުނުއިރު މި އަހަރުގެ އެ މުއްދަތުގައި 40 މިލިއަން ޑޮލަރު އެކަމަށް ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"ނަތީޖާއެއްގެ ގޮތުން ޕްރައިސް ޝޮކަކަށް ނުގޮސް، އެކަމަކު އިންޓަނޭޝަނަލް މާކެޓުގައި އައި ބަދަލާއެއްކޮށް އަޅުގަނޑުމެން ހުންނާނީ އެންމެ ޝޮކް ކުޑަވާނެ ގޮތަށް މަސައްކަތްކޮށްފައި،" ޒަމީރު ވިދާޅުވިއެވެ.

އަދި ވިޔަފާރިތަކަށް މާލީ ގޮތުން އެހީތެރިވުމުގެ ގޮތުން ލުއިތަކެއް ދިނުމުގެ ބަދަލުގައި އިގުތިސާދީ ހަރަކާތްތައް އިތުރުވާނެހެން ބޭންކުތަކުގެ ތެރެއިން ރައުސުލްމާލު އަދި ވިޔަފާރި ނަގަހައްޓަން ބޭނުންވާ ފައިސާ ހޯދައިދިނުން ފަދަ ކަންކަން ސަރުކާރުން އިންތިޒާމުކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ޒަމީރު ވިދާޅުވި ގޮތުގައި ބޭންކު އޮފް މޯލްޑިވްސްއިން މާޗު މަހާއި އޭޕްރީލު މަހުގެ މިހާތަނަށް 163 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވެއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް 540 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާއިރު 941 މިލިއަން ރުފިޔާގެ ލޯނު އެ މުއްދަތުގައި އިމާރާތްކުރުމުގެ ސިނާއަތަށާއި އެހެނިހެން ދާއިރާތަކަށް ދޫކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އެހެންވީމާ އިކޮނޮމީ ހުއްޓުނަނުދީ ސަރުކާރުގެ ފަރާތުން އިންޓަވީންކޮށްގެން ކުރެވެން ހުރި ކަންކަން ނޭޝަނަލްް ބޭންކް މެދުވެރިކޮށް މިދަނީ ކުރަމުން،" ވަޒީރު ވިދާޅުވިއެވެ. 

ޒަމީރު ފާހަގަކުރެއްވި ގޮތުގައި ހަނގުރާމައިގެ މި ހާލަތަކީ ރާއްޖޭގެ އިގުތިސާދު ހުއްޓިގެން ނުވަތަ އިގުތިސާދު އެކީ މަޑުޖެހިގެން އުޅޭ ހާލަތަކަށްނުވާތީ މި ހާލަތުގައި ވިޔަފާރިތަކަށް އެހެނިހެން ލުއިތަކެއް ހަމަޖައްސައިނުދިން ނަމަވެސް ސަރުކާރުގެ އެހީތެރިކަން ލިބެމުންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު