ENGLISH
21 އޭޕްރީލު 2026
ފްލައިޓެއް ބޭނުންނުކޮށް އޮމަރް ނޮކް ދުނިޔެ ބަލާލުމަށް ފެށި ދަތުރު
19 އޭޕްރީލު 2026
|
އޮމަރް ނޮކް -- ފޮޓޯ: އޮމަރް ނޮކް/ ސީއެންއެން
އެންމެ މަޤްބޫލު
މި ޓެކްނޮލޮޖީއިން ފުރިފައިވާ ޒަމާނުގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކޮށް، އަދި ބައްރުތައް ހުރަސްކުރުމަށް ހޭދަވަނީ މަދު ވަގުތުކޮޅެކެވެ. މީގެ ކުރިން ކުރި ކަނޑުދަތުރުފަތުރާއި، އެއިން ކުރެވޭ ތަޖުރިބާ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގޭނެއެވެ. އެހެންނަމަވެސް މިސްރަށް އުފަން އޮމަރް ނޮކްގެ އަމާޒަކަށްވީ ހުރިހާ ކަމެއްގެ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކުރެވޭ މި ޒަމާނުގައި ދުނިޔޭގެ އެއް ކޮޅުން އަނެއް ކޮޅު ފުރިހަމައަށް ބަލާލުމެވެ.
2024 ވަނަ އަހަރުން ފެށިގެން އޮމަރް ނޮކް ދަނީ އެންމެ ފްލައިޓަކަށްވެސް ނާރާ، ދުނިޔެ ބަލާލަމުންނެވެ. އެއްވެސް ޝޯޓްކަޓެއްވެސް ނުނަގައި ބިމާއި ކަނޑުން ގުޅިފައިވާ ބައްރުތައް އެކި ގޮތްގޮތުން ބަލަމުންނެވެ. އެހެންނަމަވެސް އޭނާގެ ދަތުރަކީ ފަސޭހަ ދަތުރެކޭ ނުބުނެވޭނެއެވެ. މަތިންދާބޯޓުތަކުގެ ބަދަލުގައި އޭނާ ޚިޔާރުކުރީ މުދާ އުފުލާ ބޯޓުތަކެވެ. އަދި ބާރަށް ދުވާ ރޭލުތަކުގެ ބަދަލުގައި އޭނާ ބޭނުންކުރަނީ ބަހާއި ޓްރަކްތަކެވެ. އޭނާގެ މި ދަތުރުތައް ކުރިއަށްދަނީ ވަކި މަންޒިލެއް، ތާވަލެއް އަދި ކުރިއަށް އޮތް ތަނުގައި ވާނެ ގޮތުގެ އެއްވެސް ޚިޔާލެއްވެސް ނެތިއެވެ.
ވައިގެ ދަތުރުފަތުރުކުރުމުގެ ސަބަބުން ވަގުތު ކުޑަވެ ދުނިޔެ ރަނގަޅަށް ބަލާލަން ފުރުސަތެއް ނުލިބެއެވެ. އޮމަރް ނޮކްގެ ދަތުރު މިއާ ޚިލާފެވެ. އޭނާ ޚިޔާރުކުރީ ދިގު ދަތުރުތަކެވެ. ބޯޑަރުތަކާއި، ރީތި މަންޒަރުތައް ފެނުމާއި، އޭގެ އިތުރަށް އެތައް ގޮންޖެހުމަކާވެސް އޭނާއަށް ކުރިމަތިލާންޖެހެއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި މަތިން ދަތުރުކޮށް ދެވޭ ތަންތަނަށް ދިއުމަށް އޮމަރް ބައެއް ފަހަރު ހަފްތާވެސް ހޭދަކުރެއެވެ. ބޯޑަރުތައް ހުރަސްކުރުމުގައާއި، ދަތުރުފަތުރުކުރުމުގެ ވަކި ޚާއްސަ ނިޒާމެއް ނެތުމުގެ ސަބަބުން، އަދި ޔަގީން ފޯކަލް ޕޮއިންޓެއް ނެތުމުގެ ސަބަބުން އެތައް ގޮންޖެހުންތަކަކާ އޭނާއަށް ކުރިމަތިލާންޖެހެއެވެ.
އެހެންނަމަވެސް މި ގޮންޖެހުންތަކަކީވެސް އޭނާއަށް ކުރެވޭ ތަޖުރިބާގެ މުހިންމު ބައެއް ކަމުގައި ދެކިގެން އޮމަރް ދިޔައީ ދުނިޔެ ބަލާލުމަށް ފެށި ދަތުރު ކުރިއަށްގެންދަމުންނެވެ. މިއާއެކު އޭނާއާ ދިމާވާ ބީރައްޓެހިން ގައިޑުންނާއި، އެކުވެރިންނަށްވެ، ކާ ކޮންމެ ކެއެމެއް، ދިމާވާ ކޮންމެ ގޮންޖެހުމަކީ މިގޮތަށް ކުރާ ދަތުރެއްގައި ނޫނީ ތަޖުރިބާ ކުރެވޭނެ ކަންކަމެއް ނޫނެވެ. އޮމަރް ނޮކްއަށް މިއީ ނުހަނު އަގުހުރި ތަޖުރިބާ ތަކެކެވެ.
ދުނިޔެ ބަލާލުމުގެ އިތުރަށް އޭނާގެ ދަތުރުގެ އެހެން އަމާޒެއް ވެއެވެ. މޫސުމީ ބަދަލުގެ ވާހަކަތައް އެންމެ ބާރަށް ދެކެވޭ މި ޒަމާނުގައި މަތިންދާބޯޓުތަކަކީ ގިނަ އަދަދަކަށް ދުނިޔެއަށް ކާބަންޑައިއޮކްސައިޑް ބޭރުކުރާ އެއް ވަސީލަތަށްވާއުރު، އޭނާ ބޭނުންވަނީ އޭނާގެ ކާބަން ފުޓްޕްރިންޓް ނުވަތަ އޭނާގެ ސަބަބުން ދުނިޔެއަށް ބޭރުވެގެންދާ ކާބަންޑައިއޮކްސައިޑް މަދުވާނެފަދަ ގޮތަކަށް ދުނިޔެ ބަލާލުމެވެ.
އޮމަރް ނޮކްގެ މި ދަތުރުގައި އެންމެ ފަހު މަންޒިލަކީ ކޮބައިކަމެއް އޭނާއަށްވެސް ނޭނގެއެވެ. ފަހަރުގައި ދަތުރުގައި ކުރިއަށްދިއުމަށް އޭނާއަށް ހިތްވަރު ލިބޭ ހިސާބަކީ މިއީކަމަށްވެސް ވެދާނެއެވެ. ބާރަށް ދައުރުވަމުންދާ ދުނިޔެއެއްގައި އޮމަރް ނޮކް އެ ކިޔައިދެމުންދަނީ ހަގީގަތުގައި ދުނިޔެ ބަލާލުމުގެ މާނައެވެ. އޭގެ ކޮންމެ މޭލެއް އަދި ކޮންމެ ހިނދުކޮޅެއްގެ ފަހަތުގައިވާ މާނައެވެ.