ENGLISH

18 އޭޕްރީލު 2026

Advertisement

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނަސް މަސައްކަތް ކުރަނީ ދިވެހިންނަށް ތަކުލީފު ކުޑަކުރުމަށް: ރިޒާ

18 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މާލޭގެ އެންމެ ބައިބޯ ބާޒާރު މަތީ ސަރަހައްދު. ފޮޓޯ؛ރަސް އޮންލައިން

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދިޔަޔަސް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދިވެހީންނަށް އެ ބުރަ އުފުލަން ނުޖެހޭނެގޮތަކަށް ކަންކަން ބައްޓަންކުރަންކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ޕާމަނެންޓް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވެއްޖެ އެވެ. 

ރިޒާ މިފަދައިން ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގެ މަސްރަހަށް އަންނަ ބަދަލުތަކާއި، މުދަލުގެ އަގުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކުގެ އިތުރުން، އިގްތިސާދީ ކުރިއެރުމަށް ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެއްވުމަށް ކުރިއަށްދިޔަ "ޓްރޭޑް ޑެސްކް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. 

ރިޒާ ވިދާޅުވީ ރާއްޖެ އަކީ ކުޑަ ގައުމަކަށްވާއިރު މިފަދަ ބޮޑު ކާރިސާއެއް ހިނގައިފި ނަމަ މުދާ ގެންނަ ގޮތްތަކާއި އަދި މުދާ ގެނައުމަށް ވެސް ބޮޑު އަސަރެއް ކުރާކަމަށެވެ. 

"މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިފިނަމަ ރާއްޖެއަށް ކުރާ އަސަރު ބޮޑު. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަސާސީ މުދަލާއި ތެޔޮ މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކުރަން. ދެން އަގުތައް ބޮޑުވުމުގެ ޖާގަ އޮތްކަމުގައި ވިޔަސް ސަރުކާރުގެ މަސައްކަތަކީ އެ އަގުތައް ރައްޔިތުންނަށް ޕާސް ނުކޮށް، ކޮންޓެއިންކޮށްގެން ކުރިއަށްދިއުމަށް،". ރާއްޖޭގައި ބޭނުންވާ ވަރަށް މުދާ އެބަހުރި ކަމުގެ ޔަގީންކަން ދެއްވައި ތަކެތީގެ އަގު ބޮޑު ނުވާނެކަމުގެ ޔަގީންކަން ދެއްވަމުން ރިޒާ ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީގެ ލަފާގެ މަތިން، ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި މީގެ ތެރޭގައި މުދާ އެތެރެކުރާ މާކެޓުތައް އިތުރުކުރުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަސާސީ މުދާ ރައްކާކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާއިރު މި ކޮމެޓީގެ މައިގަނޑު މަޤްޞަދަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު