ENGLISH
18 އޭޕްރީލު 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވައިލުން؛ ތެލުގެ އަގު ދަށަށް، ދާއިމީ ހައްލެއް ލިބުނީތަ؟
18 އޭޕްރީލު 2026
|
ހޮރްމުޒް ކަނޑުއޮޅި
އެންމެ މަޤްބޫލު
ދުނިޔޭގެ އިގުތިސާދާއި ބާޒާރުތަކަށް ބޮޑެތި ލޮޅުންތަކެއް ގެނެވު ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އެމެރިކާއާއި އީރާނަށް ވާސިލުވެވެން ކައިރިވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު އިޝާރާތްކުރައްވާފައިވަނިކޮށް، ހޮރްމުޒް ކަނޑުއޮޅި ހުޅުވައިލާނެ ކަމުގައި އީރާނުން ބުނުމާއެކު، ތެލުގެ އަގު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
މި އިއުލާނަށްފަހު ހުކުރުދުވަހު ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރި ބައެއް އުޅަނދުތައް އެ ކަނޑުއޮޅި ހުރަސްނުކޮށް އަނބުރާ ގޮސްފަައިވެއެވެ. އެއީ ހުރިހާ އުޅަނދަކަށް ރައްކާތެރިކަމާއެކު ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުސަތު އީރާނުން ދޭނެކަމާމެދު ބައެއް ޝައްކުތައް އުފެދިގެންނެވެ.
އެމެރިކާގެ ރައީސް ޓުރަމްޕު ވިދާޅުވެފައިވަނީ ހޮރްމުޒް ކަނޑުއޮޅި އޮތީ ވިޔަފާރިއަށް ހުޅުވާލައި، އެ ކަނޑުއޮޅި ހުރަސްކޮށް ބޯޓުފަހަރު ދަތުރުކުރުމަށްް ތައްޔާރަށް ކަމަށެވެ. އީރާނުގެ ހާރިޖީވަޒީރު އައްބާސް އަގާޝީ ވިދާޅުވެފައިވަނީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ވެވިފައިވާ ދެ ހަފުތާގެ އެއްބަސްވުމުގެ މުހުލަތުގެ ބާކީ އޮތް މުއްދަތުގައި ވިޔަފާރި އުޅަނދުތަކަށް ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް ހުއްދަ ލިބޭނެ ކަމަށެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންގާރަދުވަހުގެ ރެއެވެ.
އެ ހަބަރަށްފަހު ތެލުގެ އަގު ބެލުމަށް ބޭނުންކުރާ ބްރެންޓް ސާފުނުކުރާ ތެލުގެ އަަގު 9.1 އިންސައްތަ ދަށްވެ، ތެޔޮ ފީފާއެއްގެ އަގު 90.38 ޑޮލަރަށް ދަށްވިއެވެ. އެއީ ހަނގުރާމަ ފެށިފަހުން ބްރެންޓު ސާފުނުކުރާ ތެލުގެ އަގު އެންމެ ބޮޑަށް ދަށްވި މިންވަރެވެ. ޔޫރަޕުގައި ގޭހުގެ އަގު ހަތް އިންސައްތަ ދަށްވިކަމަށްވެސް ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފއިވެއެވެ.
ނަމަވެސް ތެލާއި ކަނޑު ދަތުރުފަތުރަށް ހާއްސަ ބައެއް ކުންފުނިތަކުގެ ވެރިން ފައިނޭންޝަލް ޓައިމްސް ނޫހަަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އަދިވެސް ކުރިއަށްް އޮތް ދުވަސްތަކުގައި ހޮރްމުޒް ކަނޑުއޮޅީގެ ހާލަތަށް އަންނާނެ ބަދަލުތަކާމެދު ކަށަވަރުކަމެއް ނެތް ކަމަށެވެ. ބައެއް ބޭފުޅުންގެ ކަންބޮޑުވުމަކީ އެ ކަނޑުއޮޅީގައި މައިނުތައް ހަަރުކޮށްފައި ހުރުމުން ދަތުރުކުރަން ނުރައްކާތަކެއް އޮތުމެވެ. އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރެއްވީ ދެބަސްވުންތަކާ ގުޅިގެން އަނެއްކާވެސް އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމެވެ.
ތެޔޮ ޓޭންކަރުތަކުގެ ޖަމްއިއްޔާއެއް ކަމުގައިވާ އިންޓަރޓޭންކޯގެ މެރިން ޑިރެކްޓަރެއް ކަމުގައިވާ ފިލިޕް ބެލްޗާ ވިދާޅުވީ އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުތައް ފެށުމުގެ ކުރިން އީރާނުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ސައްހަ އަދި ސާފު މައުލޫމާތު ލިބުމާއެކު، އެމެރިކާއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ބުނެދޭންޖެހޭ ކަމަށެވެ.
ހޮރްމުޒް ހުޅުވުމާމެދު އޮތް ނުތަނަަވަސްކަން އިތުރުވީ ޓުރަމްޕުގެ ވާހަކަފުޅާ ގުޅިގެން އީރާނުގެ ބަރުލަމާނުގެ ތަރުޖަމާނު މުހައްމަދު ބާގިރް ޣާލިބަފް ވިދާޅުވި ވާހަކަފުޅުންނެވެ. އޭނާ ވިދާޅުވެފައިވަނީ އެމެރިކާއިން އަސްކަރީ މަނަވަރުތަަކުގެ ޒަރީއާއިން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތްހައި ދުވަހަކު އީރާނުން އެ ކަނޑުއޮޅި އެކީ ހުޅުވައިނުލާނެ ކަމަށެވެ.
ކަނޑުއުޅަނދުފަހަރު ޓްރެކްކުރާ ސެޓެލައިޓުތަކުގެ ޑޭޓާއަށް ބަލާއިރު، ފަރަަނެްސޭސި ޝިޕިން ކުންފުނިން ސީއެމްއޭ ސީޖީއެމްއަށް ނިސްބަަތްވާ ތިން ކޮންޓެއިނަރު ބޯޓާއި، ގްރީސްގެ ހަތަރު ޓޭންކަރާއި ޗައިނާގެ ބައެއް އުޅަނދުފަހަރު ހިމެނޭ ގޮތަށްް، މަދުވެގެން 25 އުޅަނދު އެ ކަނޑުއޮޅި ހުރަސްކުރުމަށް ދިޔައީ ތައްޔާރުވަމުންނެވެ.
މިއުޅަނދުފަހަރުގެ ތެރެއިން 12 އުޅަނދުފަހަރު މިހާރު މިސްރާބު ބަދަލުކޮށް ހަލީޖުގެ އެތެރެއަށް ދަތުރުކުރަމުން އަންނަކަން ޑޭޓާއިން ދައްކާއިރު، ބާކީ ހުރި އުޅަނދުތައް ކަނޑުއޮޅީގެ ދޮރާށި ކައިރީ މަޑުކުރުމަށްފަހު އިތުރަށް ކުރިއަށް ދަތުރުނުކުރަކަން އެނގެެއެވެ.
ކްޕްލާގެ އެނަލިސްޓު މެޓް ސްމިތު ވިދާޅުވީ އީރާނުން ކަނޑައަޅާފައިވާ ވަކި ރާސްތާއެއްގައި ސަލާމަތްތެރިކަމާއެކު ހުރިހާ އުޅަނދުފަހަރަށް ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރެވޭނެކަމަށް ޓުރަމްޕު ވިދާޅުވި ނަމަވެސް އަދިވެސް އީރާނުން އަންނަނީ އެ ކަނޑުއޮޅި ހުރަސްކުރެވޭ އުޅަނދުތަކަކީ ކޮބައިކަން އިހުތިޔާރުކޮށް، ބައެއް އުޅަނދުފަހަރަށް ކަނޑުއޮޅި ހުރަސްކުރުން މަނާކުރަމުން ކަމަށެވެ.
މި ކަނޑުއޮޅި ބަންދުކޮށްފަައި އޮތް އޮތުމުގެ ސަބަބުން ބައިނަލްއަގުވާމީ ހަކަތަައިގެ ކާރިސާއެއް އުފެެދިފައިވެއެވެ. އަދި އެކަމުގެ ސަބަބުން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާގައި އީރާނަށް މީގެ ކުރިން މިފަދަ މަޝްވަރާތަކުގައި ނުލިބޭ ބާރެއް ލިބިފައިވެއެވެ.
ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލިކަމުގެ ހަބަރުތައް ފެންމަތިވީ އިސްރާއީލުން ހިޒްބުﷲއާ ދެކޮޅަށް ލުބުނާނުގައި ހިންގަމުންދާ އުދުވާން ހުއްޓައިލުމަށް އެމެރިކާއިން އިސްރާއީލަށް ބާރުއަޅަމުންދާކަން މީޑިޔާއަށް ތިލަވިތާ އެއް ދުވަސް ފަހުންނެވެ. ލުބުނާނުގައި އިސްރާއީލުން ހިންގަމުން އަންނަ އުދުވާނު ހުއްޓަައިލުމަކީ ހޮރްމުޒް އަލުން ހުޅުވައިލުމަށް އެއްބަސްވާން އީރާނުން ހުށަހަޅާފައިވާ ޝަަރުތެކެވެ.
އެ ކަނޑުއޮޅި ހުޅުވައިލި ނަމަވެސް އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ކުރިން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ ހުއްދައެއް ހޯދުމަށާއި، ދަތުރުކުރުމުގައި އިންގިލާބީ ފާރަވެރިންގެ ލަަފައަށް ތަބާވުމަށް އީރާނުން އިލްތިމާސްކޮށްފައިވެއެވެ.
އަދި އީރާނުގެ ބަނދަރުތަކުން ދަތުރުކުރާ އުޅަނދުފަހަރު ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ބޭރަށް ނުކުތުން މަނާކުރުމަށް އެ ކަނޑުއޮޅި އަސްކަރީ މަނަވަރުތަކުގެ އެހީގައި ބަންދުކުރުމަށް އެމެރިކާއިން ނިންމި ގޮތަށްް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަށް ވާސިލުވެވެންދެން އަމަލުކުރަމުންދާނެ ކަމުގައި ޓުރަމްޕު ވިދާޅުވެފައިވެއެވެ.
ޓުރަމްޕުވަނީ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ އެއްބަސްވުމަކަށް ވާސިލުވުމަށް މަސައްކަތްކުރެވެމުންދާކަން ހާމަކުރައްވާފައެވެ. އިސްލާމްއާބާދުގައި ކުރިއަށްދިޔަ މަޝްވަރާތައް ފެއިލުވުމަށްފަހު އިތުރު މަޝްވަރާތަކެއް ކުރެވެމުންދާކަމަށް އިޝާރާތްކުރައްވަމުން ޓުރަމްޕު ވިދާޅުވީ ގިނަ ކަންތައްތަކަކަށް މިހާރުވެސް އެއްބަސްވެވިފައި އޮތުމާއެކު ބާކީ ހުރި ކަންކަން ވަރަށް އަވަަހަށް ހައްލުކުރެވި ގޮތްތަކަކަަށް އިއްތިފާގުވެވޭނެ ކަމުގައި އުންމީދުކުރައްވާ ކަމަށެވެ.
ނަމަވެސް ޑިޕްލޮމެޓުންވަަނީ އިތުރު ވާހަކަތަކެއް ކުރިއަށްނުދާކަން ފާހަގަކުރެއްވުމާއެކު، އީރާނުގެ ނިއުކުލިއާ ޕްރޮގުރާމާމެދު ދެ ގައުމުން ގެންގުޅޭ ވިސްނުމުގައި އޮތް ފަރަގުގެ ބޮޑުކަމަކީ ދެމިގެންދަނިވި ހައްލެއް ގެނައުމަށް އޮތް ހުރަސްކަމާއި، ކުރިއެކޭ އެއްގޮތަށް އަދިވެސް އެ ހުރަސް އެބައޮތްކަން ފާހަގަކުރައްވާފައެވެ.
ހަކަތައާ ގުޅޭ ކަންކަން ދިރާސާކުރާ ގުރޫޕެއް ކަމުގައިވާ ރެޕިޑާން ގުރޫޕުން ނެރެފައިވާ ރިޕޯޓެއްގައި ފާހަަގަކުރި ގޮތުގައި އީރާނުން އަންނަނީ ހޮރްމުޒްގެ މައްޗަށް އެ ގައުމުގެ ބާރު އޮތުން ލާޒިމުކަމަށް ވަކާލާތުކުރަމުންނެވެ. އެއީ އެމެރިކާއަށް އެއްބަސްވެވޭ ކަމެއް ނޫނެވެ.
އެ ރިޕޯޓުގައި އިތުރަށް ފާހަގަކުރީ އެމެރިކާއިން އީރާނުގެ ނިއުކުލިއާ ޕްރޮގުރާމާއި މިސައިލް ޕްރޮގުރާމާ ގުޅިގެން އެދޭ ކަންކަމަކީ އީރާނަށް އެއްބަސްވެވޭ ކަންތައްތަކަކަށް ނުވުމެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވުނު މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުގެ ބައެއް ޑިޕްލޮމެޓުން ފައިނޭންޝަލް ޓައިމްސް ނޫހަަށް މައުލޫމާތު ދެއްވި ގޮތުގައި ޕާކިސްތާނުން މަސައްކަތްކުރަމުންއައީ ދާއިމީ އެއްބަަސްވުމަކަށް ވާސިލުވެވެންދެން ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ ވަގުތީ އެއްބަސްވުމުގެ މުހުލަތު އިތުރުކުރުމަށެވެ.
ޕާކިސްތާނުގެ އަސްކަަރިއްޔާގެ އެންމެ އިސްވެރިޔާ އާސިމް މުނީރުވަނީ ތެހެރާނުގައި އީރާނުގެ ސިޔާސީ އަދި އަސްކަރީ ލީޑަރުންނާ މަޝްވަރާކުރެއްވުމުގައި މި ހަފުތާ ތެރޭ ގިނަ ބައްދަލުވުންތަކެއް ބާއްވަވާފއެވެ. ޕާކިސްތާނުގެ ބައެއް މުޝީރުން ވިދާޅުވި ގޮތުގައި ލުބުނާނުގެ ހަމަލާ ބަދަލުކުރުން މަޑުޖައްސައިލުމާއި ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަކީ މި މަޝްވަރާތަކުގައި އާސިމް އެންމެ އިސްކަަންދެއްވާ ކަންކަމެވެ.