ENGLISH
20 އޭޕްރީލު 2026
ރައްޔިތުންގެ ކަންބޮޑުވުންތައް ހުށަހަޅުއްވާ، ޖަވާބުދާރީ ވާނަން: ތަރުޖަމާން
18 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
އެންމެ މަޤްބޫލު
ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރައްވާފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނީ ރައްޔިތުންގެ ޝަކުވާތައް ހުށަހަޅައިގެން ކަމަށްވާއިރު އެ ޝަކުވާތައް ހުށަހެޅުމަށް އިލްތިމާސްކުރައްވައި، ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބުދާރީވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ދެއްވައިފި އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއެއްސެވުމުގެ މަގުޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އިދާރާއެއް ކަމަށެވެ.
"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އިދާރާއެއްކަން ފާހަކުރައްވައި ޑިމޮކްރަސީގެ ހަޔާތުގައި ވެސް މިއީ މުހިންމު އިދާރާއެއްގެ ގޮތުގައި މުންދު ފާހަގަކުރެއްވި އެވެ.
"މިއީ ހަމަ ނަމެއް ކިޔާލާފައި ތަނެއް ހެދީކީ ނޫނޭ. މިއީ މުހިންމު މަސައްކަތެއްކުރާ، ވަރަށް މުހިންމު ނިޔަތެއްގައި އުފައްދާފައިވާ ތަނެއް. ދުނިޔޭގެ ގައުމުތަކުގައި އެބަހުރި މިކަހަލަ އިދާރާތައް އުފައްދާފައި،". މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ސަރުކާރުގެ ހިދުމަތަކާ މެދު ނުވަތަ ސަރުކާރުގެ ސިޔާސަތަކާ މެދު ހިތްހަމަ ނުޖެހޭނަމަ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ ތެރެއިން ޝަކުވާ ހުށަހަޅަމުންދާންވީ ކަމަށެވެ.
"މިއީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބާރާއެކުގައި ވެރިކަމެއްް ހިންގުމުގައި ނިޒާމާ ކައިރިން ރައްޔިތުންނަށް އެ ބާރުވެރިކަން ދިނުމަށްޓަކައި ބޭނުންކުރާނެ ނިޒާމެއް. މި ކާމިޔާބު ޕްލެޓްފޯމަކަށްވާނީ ރައްޔިތުން މީގެ ބޭނުން ހެޔޮ ގޮތުގައި ހިތްޕަވައިގެން ވަޑައިގެންނެވީމަ. އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރާނަން ޖަބާދާރީވުމަށްޓަކައި. މި އިދާރާއަކީ ރައީސް ކުރިން ވިދާޅުވި އަޑުއިވިވަޑައިގެންފިޔޭ ރައްޔިތުން ވިދާޅުވި ބަސްފުޅު. އަޑު އައްސަވައިފީމޭ. އެ ބަސްފުޅާ ގުޅިފައިވާ ބޮޅެއް މިއީ،". މުންދު ވިދާޅުވި އެވެ.
"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެކެވެ. މި އޮފީސް ގާއިމު ކުރައްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ، މި އަހަރުގެ ރިޔާސީ ބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މި އަހަރުގެ ފެބުރުވަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.
މި ބިއުރޯގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށޭނީ މި އަހަރުގެ މެދު ތެރޭގަ އެވެ. މި ބިއުރޯގެ މަސައްކަތްތައް ފެއްޓެވުމަށްޓަކައި ހަމަޖައްސަވަންޖެހޭ އިދާރީ އިންތިޒާމުތަކާއި، އެ ބިއުރޯއަށް ހޯދަންޖެހޭ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ގެންދަވަނީ ކުރައްވަމުން ނެވެ.
"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމެވެ. މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރެވޭނެ އެވެ.