ENGLISH
17 އޭޕްރީލު 2026
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 80 އެޕްލިކޭޝަން
17 އޭޕްރީލު 2026
|
މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން
އެންމެ މަޤްބޫލު
މިއަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 80 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފި އެވެ.
މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީސީސީގެ ޗީފް ސްޓްރެޓިޖިކް އޮފިސަރ މަރިޔަމް ނަޝާ ވިދާޅުވީ މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒަށް ވެސް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. މިއަހަރުގެ މައުރަޒަށް ވެސް ތަރުހީބު ލިބޭނެ ކަމަށް އުއްމީދުކުރައްވާކަމަށް ނަޝާ ވިދާޅުވި އެވެ.
"ފާއިތުވެދިޔަ އަހަރުގެ މައުރަޒަށް ބަލާއިރު ޖުމްލަ ގޮތެއްގައި 250 ފަރާތަކުން 2،500އަށްވުރެ ގިނަ އުފެއްދުންތައް ވަނީ ބައިވެރިކޮށްފައި. މިއަހަރުގެ އެޕްލިކޭޝަނަށް އަޅުގަނޑުމެން މި ހުޅުވާލީ، މިމަހުގެ އަށް ވަނަ ދުވަހު. މިހާތަނަށް އައިރު 80 އެޕްލިކޭޝަން. މީގެންވެސް މިއަހަރުގެ މައުރަޒަށް އާންމުންގެ ފަރާތުން ތަރުޙީބު ލިބުނުކަން ފާހަގަކުރެވޭ،". ނަޝާ ވިދާޅުވި އެވެ.
އުފެދުންތެރިކަމުގެ މައުރަޒު ބާއްވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެމަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަ (ބީސީސީ) އިން އިންތިޒާމުކޮށްގެން ނެވެ.
މޯލްޑިވްސް އެކްސްޕޯ 2026 ގައި ބައިވެރިވުމަށްއެދި ހުށަހެޅުމުގެ ފުރުޞަޠު https://www.expo.mv ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފަ އެވެ. އަދި މަޢުރަޒުގައި ތަކެތި ބައިވެރި ކުރުމުގެ އުޞޫލުވެސް މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފަ އެވެ.
ފާއިތުވި 2025 އަހަރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި އުފެއްދުންތެރިކަމުގެ މަޢުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެފަދަ އެންމެ ބޮޑު މަޢުރަޒެވެ. މި މަޢުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މަޢުރަޒެކެވެ.
ތަފާތު ގިނަ ޙަރަކާތްތަކަކާއެކު ފަސް ޑިސްޓްރިކްޓަކަށް ބަހާލައިގެން 2025 ވަނަ އަހަރުވެސް ކުރިއަށް ގެންދެވުނު މަޢުރަޒުގައި ރާއްޖޭގެ އުފެއްދުންތެރިންނާއި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުންވެސް ބައިވެރިވިއެވެ.
ދިގުމުއްތަކަށްފަހު އުފެއްދުންތެރިކަމުގެ މަޢުރަޒު ބާއްވާނޭކަން އިއުލާނުކުރީ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު ވިދާޅުވިގޮތަށް މިދިޔަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަށް އާދަޔާހިލާފު ތަރުޙީބެއް ލިބުނެވެ.