ENGLISH

20 އޭޕްރީލު 2026

Advertisement

ނާދިޔާ މުރާދު: އަނިޔާއިން ސަލާމަތްވެ އިންސާފު ހޯދުމަށް ވަކާލާތުކުރުމުގައި ކުރިއަށް!

16 އޭޕްރީލު 2026

|

އައިޝަތު ޝާލީން

ނާދިޔާ މުރާދު އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަނީ-- ފޮޓޯ؛ ޔޫއެން

ނާދިޔާ މުރާދަކީ އިރާޤުގެ އުތުރުގައި އޮންނަ ސަހަރެއް ކަމަށްވާ ކޮޗޯގައި ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ ޒުވާން ޔަޒީދީ ގަބީލާއަށް ނިސްބަތްވާ އަންހެނެކެވެ. އެހެންނަމަވެސް މިއަދު މި ނަމަކީ ޝަރުއީ މައިދާންތަކުންނާއި، މަޖިލިސްތަކުން އަދި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ގުގުމަމުންދާ ނަމެކަށްވީނަމަވެސް އޭނާގެ ނަމުގެ ފަހަތުގައި ވަނީ އިންތިހާއަށް ހިތާމަވެރި އެހެންނަމަވެސް އެތައް ބަޔަކަށް ހިތްވަރު ލިބިގެންދާފަދަ ވަރުގަދަ ވާހަކައެކެވެ. 

ނާދިޔާ މުރާދަކީ ހަމައެކަނި އިންސާނަކަށް ތަސައްވަރުވެސް ނުކުރެވޭ ފަދަ އަނިޔާވެރިކަމުން ސަލާމަތްވި މީހެއް ނޫނެވެ. އޭނާ ވަނީ ހަނގުރާމައިގެ މައިދާނުގައި އެކި ގޮތްގޮތުން ލިބެމުންދާ ޖިންސީ އަނިޔާއާ ދެކޮޅަށް ވަކާލާތުކުރާ މީހުންގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މީހަކަށް ވެފައެވެ. 

އޭނާގެ ހަޔާތް މުޅިން އަނދިރިވެ ބަދަލުވީ 2014 ވަނަ އަހަރު އިސްލާމިކް ސްޓޭޓް އޮފް އިރާޤު އެންޑް ދަ ލެވާންޓުގެ ސިފައިން އޭނާ ދިރިއުޅެމުންދިޔަ ސަހަރަށް ހަމަލާދިން ހިސާބުންނެވެ. މި ހަމަލާތަކުގައި ޔަޒީދީ ގަބީލާއަށް ނިސްބަތްވާ އެތައް ހާސް ބަޔަކު މަރާލައި، އޭނާ ހިމެނޭހެން ގިނަ އަދަދެއްގެ އަންހެނުންނާއި، އަންހެން ކުދިން ސިފައިންގެ އަޅުވެތިކަމުގެ ދަށަށް ގެންދިޔައެވެ. އެއަށްފަހު ނާދިޔާ އަދި އޭނާއާއެކު ތިބި މީހުން ތަހައްމަލުކުރަމުންދިޔައީ އިންތިހާ އަނިޔާވެރިކަމެވެ. 

އެހެންނަމަވެސް މިހާ ހިސާބުން އޭނާގެ ވާހަކަ ނިމުނީއެއް ނޫނެވެ. 

އޭނާ އެ އަޅުވެތިކަމުން ސަލާމަތްވީ އެތައް ބަޔަކު ތަހައްމަލުކުރަމުންދިޔަ އަނިޔާވެރިކަން މުޅި ދުނިޔެއާ ހިއްސާކުރުމުގެ ނިޔަތުގައެވެ. އެއީ ހަމައެކަނި އޭނާއަށްޓަކާ ކުރި ކަމެއް ނޫނެވެ، އޭނާ ފަދައިން އެތައް އަނިޔާއެއް ތަހައްމަލުކުރި އެތައް ހާސް ބަޔަކަށްޓަކާ ނެގި ފިޔަވަޅެކެވެ.

ނާދިޔާ މިނިވަންވެ، އޭނާ އަދި އެތައް ހާސް ބަޔަކު ތަހައްމަލުކުރި ކަންކަމުގެ ވާހަކަތައް ނުހަނު ކެރިގެންހުރެ ހިއްސާކުރީ އދ. ގެ އާންމު މަޖިލީހުގައި ހުއްޓި ހުރެއެވެ. އަދި ޔަޒީދީ ގަބީލާގެ މީހުންނަށް އަމާޒުކޮށް ހިންގި އަނިޔާވެރިކަމަކީ ގަތުލުއާންމެއް ކަމުގައި ބަލައިދީ މި އަނިޔާވެރިކަމަށް ހުއްޓުމެއް ގެނައުމަށް ދުނިޔޭގެ ވެރިން ގާތު އޭނާ އެދުނެވެ. 

އޭނާގެ އަޑުން މުޅި ދުނިޔެ ގުގުމާލައިގެންދިޔައީ އެ އަޑު ބާރު ވެގެންނެއް ނޫނެވެ، އެ އަޑުގައި ހުރި ވޭނާ ތެދުވެރިކަމުގެ ސަބަބުންނެވެ. 

2018 ވަނަ އަހަރު ނާދިޔާ މުރާދަށް 'ނޯބެލް ޕީސް ޕްރައިސް' ގެ ޝަރަފު ލިބުނެވެ، އަދި އިރާޤުން އެ ޝަރަފު ލިބުނު ފުރަތަމަ މީހާއަށް އޭނާ ވިއެވެ. އަދި މިއަދު އޭނާއަކީ އދ. ގެ 'ގުޑްވިލް' އެމްބެސެޑަރެކެވެ. މި ކާމިޔާބީ ވެގެންދިޔައީ އެތައް ކަމެއް ބަދަލުކޮށްލި ކާމިޔާބީއަކަށެވެ. ހަމައެކަނި އިންސާފު ހޯދަން އޭނާ ކުރި ދަތުރުގައެއް ނޫނެވެ، މިއީ އޭނާ ފަދައިން ހަނގުރާމައިގެ ތެރެއިން މިފަދަ އެތައް އަނިޔާވެރިކަން ތަހައްމަލުކުރާ މީހުންނާއިމެދު ދުނިޔޭގެ ސަމާލުކަންވެސް އިތުރުވި ކަމަކެވެ. އަދި މި ކާމިޔާބީއިން އެނގިގެންދިޔަ އެއް ކަމަކީ މިފަދަ އަނިޔާވެރިކަމުން ސަލާމަތްވާ މީހުންނަކީ ހަމައެކަނި ވިކްޓިމުން ގޮތުގައި ނުތިބެ އެމީހުންނަށްވެސް ދުނިޔޭގެ ލީޑަރުންނަށާއި އެކަންކަމަށް ވަކާލާތުކުރާ މީހުންނަށް ވެވޭނެކަމެވެ. 

މި ކާމިޔާބީއާއެކު ނާދިޔާގެ މަސައްކަތް އިތުރަށް ފުޅާވެ، 'ނާދިއާސް އިނީޝިއޭޓިވް'ގެ ދަށުން އޭނާ ދަނީ ސިންޖާރުގައި މުޖުތަމައުތައް އަލުން ބިނާކުރުމާއި، ސަލާމަތްވި މީހުންނަށް އެހީތެރިވުމާއި، ބައިނަލްއަގްވާމީ ޤާނޫނީ ނިޒާމުތަކުގެ ތެރެއިން އިންސާފު ހޯދުމަށް ބާރުއެޅުމަށް މަސައްކަތްކުރަމުންނެވެ.

އޭނާ އަޅާ ކޮންމެ ފިޔަވަޅެއް، ގޮންޖަހާލާ ކޮންމެ ސިޔާސަތެއް އަދި ކޮޅަށް ތެދުވެ ހުންނަ ކޮންމެ ޕްލެޓްފޯމަކީ ކޮންމެވެސް ހަނދާނަކާއި، މޫނަކާ ނުވަތަ ގެއްލުމަކާ ގުޅިފައިވާ ކަމެކެވެ. 

ނާދިޔާގެ މުރާދުގެ ވާހަކައިން ނުތަނަވަސް އެތައް ކަމަކާ ކުރިމަތިލައި އެ ވާހަކަތައް ދެއްކުމަށް ދުނިޔެއަށް މަޖުބޫރުކުރެއެވެ. އަދި މިކަމުން އެކިކަހަލަ ވޭންތައް ތަހައްމަލުކުރަމުންދާ ގިނަ ބަޔަކަށް ކެތްތެރިކަމާއެކު ދެފައިމައްޗަށް ތެދުވެ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރުމަށް ހިތްވަރު ލިބިގެންދެއެވެ. 

މިއަދުވެސް އޭނާ ދަނީ އެކި ޕްލެޓްފޯމްތަކުގައި ވަކާލާތުކޮށް ހަނގުރާމަތައް ތަހައްމަލުކުރަމުންދާ އެތައް ބަޔަކަށް ހިތްވަރުދީ އެމީހުންގެ އަޑު ދުނިޔެއަށް އިއްވަމުންނެވެ.  

ކިޔުންތެރިންގެ ހިޔާލު