ENGLISH
20 އޭޕްރީލު 2025
އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފަށް ރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ: ޝަމްއާން
16 ޑިސެމްބަރު 2024
|
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު - ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަން ޤާނޫނާއި ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
ޝަމްއާން މިފަދައިން ވިދާޅުވީ، ރާއްޖޭގައި ވިސާ ނެތި ފްރާންސްގެ އާއިލާއެއް ދިރިއުޅުމުންދާތާ 12 އަހަރުވެފައިވާ ކަމަށް މީޑީއާއަކުން ރިޕޯޓު ކުރުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. ފްރާންސްގެ މި ދެމަފިރިން އެމީހުންގެ ތިން ކުދިންނާއެކު ރާއްޖެއަށް ފުރަތަމަ އައިސްފައިވަނީ ޓޫރިސްޓް ވިސާގައެވެ. އޭގެފަހުން ތ. ވޭމަންޑޫގައި ދިރިއުޅެން ފެށިފަހުން މި ދެމަފިރިންނަށް އިތުރު ދެކުދިން ލިބިފައިވެއެވެ. އެ އާއިލާ ވޭމަންޑޫގައި ދިރިއުޅެމުންދާއިރު، އެމީހުންގެ ވިސާ ނެތުމުން އެއާއިލާގެ ކުދިން ވެސް ސްކޫލަށް ނުފޮނުވައި ކިޔަވައިދެނީ ގޭގައި ކަމަށް އެރަށުގެ މީހުން މައުލޫމާތު ދެއެވެ.
ޝަމްއާން ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ފްރާންސްގެ އާއިލާ ފުރުވާލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެ ފަރާތްތަކުގެ ޕާސްޕޯރޓުގެ މުއްދަތު ހަމަވެފައިވާތީ، މި އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
އެ މައްސަލަ އިމިގްރޭޝަނުން ބެލުމަށް ފަހު، މިދިޔަ އޮކްޓޯބަރު 23 ގައި އެ މައްސަލައިގައި ހިމެނޭ އިސް ފަރާތް އިދާރާއަށް ހާޒިރުކުރި ކަމަށް ޝައްމާން ވިދާޅުވިއެވެ.