ENGLISH

16 އޭޕްރީލު 2026

Advertisement

ސެންޓޭގެ ހެޓްރިކާއެކު ބޮޑު ތަފާތަކުން ބްލޫ ބަލިކޮށް، ނިއު ފައިނަލަށް

15 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

މެޗުގައި ލަނޑުޖެހުމަށްފަހު ސެންޓޭ އުފާ ފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް

މިހާރު ކުރިއަށްދާ އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މިއަދު ކުޅުނު މެޗުގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ހެޓްރިކާއެކު، ބޮޑު ތަފާތަކުން ބްލޫ ސްޕޯޓްސް ކްލަބު ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުން ނިއު މޮޅުވީ 7-0 އިންނެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ސެންޓޭގެ ދެވަނަ ހެޓްރިކެވެ. އޭނާ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގައި 4-0 އިން އޮޑި ސްޕޯޓްސް ކްލަބު އަތުން ނިއު މޮޅުވި މެޗުގައި ވެސް ހެޓްރިކް ހަދައިފައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު އިން ޖެހި ހަތް ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ވަނީ ފަސް ލަނޑުޖަހައިފައެވެ.

އެގޮތުން، މެޗުގެ ފުރަތަމަ ވިއްސަކަށް މިނެޓުގެ ތެރޭގައި ނިއު ވަނީ ތިން ލަނޑުޖަހައިފައެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި ނިއު އިން ލީޑުނެގީ ސިއެރަ ލިއޯންގެ މިޑްފީލްޑަރު، ޢަބްދުލައި ބިލިޓީގެ ގޯލުންނެވެ. މި ލަނޑުޖަހައިދޭން ހުރަސް ނަގައިދިނީ ސެންޓޭ އެވެ.

ބްލޫއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުގެ ފޯވާޑް، އަލް ހާޖީ ގޭރޯ ގޯލަށް ބޯޅަ ފޮނުވާލަނީ. ފޮޓޯ: އެފްއޭއެމް

ނިއުގެ ދެވަނަ ލަނޑު، 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސެންޓޭ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ބްލޫގެ ޑިފެންޑަރު، މައިކަލް އަކުއާޔޭ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ތިން މިނެޓުފަހުން، ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާގެ ހިލޭޖެހުމެއްހެ އެހީގައި އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، އަލް ހާޖީ ގޭރޯ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް، ހަސަން ރާއިފް އަހުމަދު (ހަންނަ) ވަނީ ނިއުގެ ހަތަރުވަނަ ލަނޑުޖަހައިދީފައެވެ. އަދި އޭގެފަހުން، މި ހާފުގެ އިތުރުވަގުތުގެ ތެރޭގައި އަލް ހާޖީ ގޭރޯ ވައްދާލި ލަނޑާއެކު ނިއު އިން ނިންމާލީ ފަސް ލަނޑުގެ ލީޑެއްގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ނިއުގެ ހަވަނަ ލަނޑުޖަހައިދިނީ ސެންޓޭ އެވެ. ސެންޓޭ މި ލަނޑުޖެހީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު، ޑަ ސިލްވާ ދިން ބޯޅައަކުންނެވެ.

ބްލޫ ކޮޅަށް ލަނޑުޖެހުމަށްފަހު ނިއުގެ މިޑްފީލްޑަރު، ބިލިޓީ އުފާ ފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް

މެޗު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް، ސެންޓޭ ވަނީ ހެޓްރިކް ފުރިހަމަކޮށް، ނިއު އަށް ބޮޑު މޮޅެއް ހޯދައިދީފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ސެންޓޭ ފޮނުވާލި މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ބްލޫގެ ކީޕަރު، އަޝްފާޤު އައްޔޫބު އަތުގައި ޖެހިފައެވެ.

މުބާރާތުގެ ފައިނަލުގައި ނިއު ކުޅެން ޖެހޭނީ ދެވަނަ ސެމީގައި ބުރު ސްޕޯޓްސް ކްލަބާ ޓީސީ ސްޕޯޓްސް ކުޅެގެން މޮޅުވާ ޓީމަކާއެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވާ ހޮނިހިރު ދުވަހު އެވެ.

އެންމެ ފަހުން އެފްއޭ ކަޕް ބޭއްވީ 2022 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ ފައިނަލުގައި ކްލަބް ވެލެންސިއާ ބަލިކޮށްގެންނެވެ. އޭގެކުރީން ބޭއްވީ 2017 ވަނަ އަހަރުގެ ޗެމްޕިއަނުންނަކީ ނިއު އެވެ.

ކިޔުންތެރިންގެ ހިޔާލު