ENGLISH

20 އޭޕްރީލު 2025

Advertisement

ސްކޫލް ކުދިން ހިމެނޭ ހަރަކާތްތައް ބާއްވާ ނަމަ މިނިސްޓްރީގެ ހުއްދަ ހޯދަން އަންގައިފި

16 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

ދައުލަތުގެ އިދާރާއަކުން ސްކޫލް ކުދިން ބައިވެރިކޮށްގެން ހަރަކާތެއް ހިންގާ ނަމަ ދިރާސީ އަހަރު ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ އެވެ.

ސަރުކާރުގެ ހުރިހާ އިދާރާއަކާއި ސިޓީ އަދި ލޯކަލް ކައުންސިލްތަކާއި ކްލަބް ޖަމްޢިއްޔާ، ޖަމާޢަތްތަކަށް އިއްޔެ ފޮނުއްވި ސާކިއުލާއެއްގައި ވަނީ ސްކޫލްތަކުގައި ހިންގާ ހަރަކާތްތަކަކީ ދުރާލައި، ރާވައިގެން ވަކި އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތަކަށް ހަދަންޖެހޭ ކަމެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ ދިރާސީ އަހަރުގެ ކަލަންޑަރާ އެއްގޮތަށް އެކްޓިވިޓީ ކަލަންޑަރު ވެސް ތައްޔާރުކުރަން ޖެހޭ ކަމަށް ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ސޮއިކުރައްވާފައިވާ ސާކިއުލާގައި ބުނެފައިވެއެވެ.

ދައުލަތުގެ އިދާރާތަކުން އިންތިޒާމުކުރާ ހަރަކާތެއްގައި ސްކޫލްތަކުގެ ކުދިން ބައިވެރިކުރާ ނަމަ އެއީ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފައި އޮންނަ ހަރަކާތަކަށް ވާން ޖެހޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ. އަދި އެފަދަ ހަރަކާތްތައް ހިންގާއިރު ވެސް ކުދިންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަކަށް އެ ކަމެއް ކުރުމަށް ވެސް އެދިފައިވެއެވެ. ސްކޫލްތައް ބައިވެރި ކޮށްގެން، ދައުލަތުގެ އިދާރާއަކުން ހަރަކާތެއް ހިންގާ ނަމަ ދިރާސީ އަހަރު ފެށުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވެސް ސާކިއުލާގައި އެދިފައިވެ އެވެ. 

ސްކޫލްގެ އެކްޓިވިޓީ ކަލަންޑަރުގައި ކަންކަން ނުހިމަނައި ނުވަތަ މިނިސްޓްރީއާ އެކު، އެކަށީގެންވާ ގޮތަކަށް މަޝްވަރާ ކުރުމެއް ނެތި ސްކޫލްތަކަށް ހުޅުވާލައިގެން އެކިއެކި ހަރަކާތްތަކާއި މުބާރާތްތައް ބައެއް އިދާރާތަކުން ރާވަމުން ގެންދިއުމުން ކުދިންގެ އުނގެނުމަށާއި ޓީޗަރުންނާއި ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ދުރާލައި ސްކޫލްތަކުން ރާވާފައި ހުންނަ ހަރަކާތްތަކަށް ބުރޫއަރައި ކުއްލިއަކަށް ރާވާ ހަރަކާތްތަކުގެ ސަބަބުން ސްކޫލާއި ބެލެނިވެރިންނަށް މާލީ ބުރައަކަށްވެ، ސްކޫލް ތެރޭގައި ނުތަވަސްކަން އުފެދޭ ކަމަށް ވެސް ސާކިއުލާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު