ENGLISH
20 އޭޕްރީލު 2025
އުޅަނދު ފަހަރުގެ އަހަރީ ފީއާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމުގެ ޤަވާޢިދު ގެޒެޓްކޮށްފި
16 ޑިސެމްބަރު 2024
|
މާލޭގެ މަގުމަތީގައި ސައިކަލްތަކެއް ދުއްވާފައި ދަނީ. - ފޮޓޯ: ގޫގުލް
އެއްގަމު އުޅަނދާއި ކަނޑު އުޅަނދު ފަހަރުގެ އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާ ބހާލައިގެން ދެއްކުމުގެ ގަވާޢިދު، ސަރުކާރުން ގެޒެޓް ކޮށްފިއެވެ.
އެއްގަމު އުޅަނދާއި ކަނޑު އުޅަނދު ފަހަރާއި ގުޅޭގޮތުން ދައްކަންޖެހޭ އަހަރީ ފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ގަވައިދު، ސަރުކާރުން އިއްޔެ ގެޒެޓްކޮށް އަމަލުކުރަން ފަށައިފިއެވެ.
މި ޤަވާޢިދުގެ ދަށުން ކޮންމެ ބޭފުޅާކަށް ވެސް އެއްގަމު އުޅަނދާއި ކަނޑުއުޅަނދު ފަހަރުން ކޮންމެ އަހަރަކު އެއްފަހަރު ދައްކަންޖެހޭ އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާގެ ތެރެއިން ދައުލަތަށް ދައްކަންޖެހި ނުދެއްކިހުރި ފައިސާ، ބަހާލައިގެން ދެއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި، ބަހާލައިގެން ފައިސާ ދައްކަން ބޭނުންވާ މީހުން އެކަމަށް އެދި ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަން ވާނެ އެވެ. އެ ފުރުސަތު ދިނުމުގައި ބަލާ ޝަރުތުތަކަކީ، ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށް ވުރެ އިތުރުވެފައިވުން، އެ ފައިސާއަކީ ފައިސާ ދެއްކުމުގެ ސުންގަޑި ފާއިތުވެފައިވާ ފައިސާއަކަށްވުން، މި ގަވައިދުގެ ދަށުން ފައިސާ ބަހައިލައިގެން ދެއްކުމަށް ހުށަހެޅުން، މީގެ ކުރިން ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށް ނުވުމުގެ އިތުރުން އެކަމަށް އެދޭ ފަރާތަކީ އުޅަނދުގެ ވެރިފަރާތް ކަމުގައިވުން ހިމެނެއެވެ.
އެ ޝަރުތުތައް ހަމަވާ މީހުންގެ ތެރެއިން، ބަހާލައިގެން ފައިސާ ދެއްކުމަށް މިނިސްޓްރީއާއެކު އެއްބަސްވުމެއް ހަދާނީ، އެ މީހަކު ދައްކަން ޖެހޭ ފައިސާގެ އަދަދުގެ ކޮންމެވެސް މިންވަރެއް 'ކޮމިޓްމެންޓް ފީ'ގެ ގޮތުގައި ދެއްކުމުންނެވެ. އެ އަދަދުތައް ޤަވައިދުގައި ތަފުސީލުކޮށްދީފައިވާއިރު، އޭގެ ތެރޭގައި، 5،000 އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭ މީހަކު ކޮމިޓްމެންޓް ފީގެ ގޮތުގައި އެ ފައިސާގެ 18 ޕަސެންޓް ދައްކަން ޖެހެއެވެ. އެ ފައިސާ ދެއްކުމުން ހަދާ އެއްބަސްވުމުގެ ދަށުން 10 މަހަށް ބަހައިލައިގެން އެ މީހަކަށް ފައިސާ ޚަލާސްކުރެވޭނެއެވެ.
އެ އިންސްޓޯލްމެންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައި، މަގުބޫލު އުޒުރެއް ނެތި 30 ދުވަސް ވެއްޖެ ނަމަ އެއްބަސްވުން ބާތިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިދީފައިވެއެވެ.