ENGLISH

20 އޭޕްރީލު 2025

Advertisement

ޣައްޒާގެ ނުސައިރަތު ކޭމްޕަށް އިޒްރޭލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

15 ޑިސެމްބަރު 2024

|

އެމް އެމް

ފަލަސްތީނުގެ ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލް ސިފައިން ދިން ހަމަލާ އާއި ހިންގި ގަތުލުޢާންމު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

އިޒްރޭލުން ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ބުރާސްތި ދުވަހު ދިން ހަމަލާގައި ވަނީ 36 މީހުން ޝަހީދުކޮށްލައިފައެވެ. އިޒްރޭލުން މި ހަމަލާ އަމާޒުކޮށްފައި ވަނީ ނުސައިރަތުގެ ޝެއިޚް އަލީ އާއިލާއަށެވެ.

ދިވެހި ސަރުކާރުން ވަނީ މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެެވެ. އެ ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނިއްޔަތާބެހޭ ގާނުތަކާ ޚިލާފަށް، އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ދޭ މި ފަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިންސާނީ ހާލަތު ގޯސްވެފައިވާކަން ފާހަގަ ކުރައްވައިފައެވެ. އަދި މި ފަދަ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް، އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭނެކަން ރާއްޖޭން ދެކޭކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އިޒްރޭލުގެ ހަރުކަށި ހަމަލާތައް ހުއްޓުވުމަށާއި ހަމަނުޖެހުންތައް ނައްތާލައި، ކުށެއް ނެތް އާންމުން ހިމާޔަތްކޮށް، މެދުއިރުމަތީގެ ސަރަޙައްދުގައި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ތަކުރާރުކޮށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.

ސަރުކާރުން ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން އަދުލުއިންސާފު ހޯދުމަށާއި، މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ކުރަމުންދާ މިންނެތް މަސައްކަތުގައި، އެ ރައްޔިތުންނާއެކު ރާއްޖޭން އަބަދު ވެސް ދެމިއޮންނާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު