ENGLISH
20 އޭޕްރީލު 2025
ތިން ވުޒާރާގެ ޚިދުމަތް ދަރުބާރުގޭގައި ފަށައިފި
15 ޑިސެމްބަރު 2024
|
ތިން މިނިސްޓްރީގެ ހިދުމަތް ދަރުބާރުގޭގައި ފެށުން - ފޮޓޯ: އެމްއެމް
އަލިފާން ރޯވުމުގެ ސަބަބުން އަނދާ ހުލިވެފައިވާ ތިން ވުޒާރާގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް މިއަދު ބަދަލުކޮށް ޚިދުމަތް ފަށައިފި އެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެ ތަންތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.
އެ ތިން ވުޒާރާގެ ޚިދުމަތް ފެށުމަށް މުވައްޒަފުން މަސައްކަތަށް މިއަދު ދަރުބާރުގެއަށް ނުކުތްއިރު އެތަން ވަނީ ވަގުތީ ގޮތުން އެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލަކަށް ސެޓްއަޕް ހަދައިފައެވެ.
ވުޒާރާތަކުގެ މަސައްކަތްތައް ބަދަލުކުރި ދަރުބާރުގޭގައި ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑޮކްޓަރ އަބްދުﷲ މުއްތަލިބު ވިދާޅުވީ، ދަރުބާރުގޭގައި ޖާގައިގެ ދަތިކަމެއް ނެތް ނަމަވެސް، ބޭނުންވާ ހުރިހާ އިންތިޒާމުތައް ހަމަޖެހުމާއި ހަމައަށް ބައެއް މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ވުޒާރާތަކުން ދޭން ޖެހޭ އެއްވެސް ޚިދުމަތަކަށް ހުއްޓުމެއް ނުވަތަ ބުރުލެއް ނައިސް ދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.
ވުޒާރާތަކުން ފޯރުކޮށްދިން ހިދުމަތްތައް ދަރުބާރުގޭގައި އަލުން ފެށުމަށް ވުޒާރާތަކުގެ ސްޓޭޝަންތައް ގާއިމު ކުރުމާއި ނެޓްވޯކާއި ކޭބަލްތައް ގުޅައި ސިސްޓަމްތަކާއި އެކު ފޯނު ނެޓްވޯކް އެޅުމުގެ އިތުރުން ސާވަރ ސިސްޓަމެއް ވެސް ވަނީ ގާއިމްކޮށްފައެވެ.
ތިން ވުޒާރާގެ ޚިދުމަތް އަލުން ފެށުމަށް ސަރުކާރު ކުންފުނިތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ގޮސްފައިވާކަން ފާހަަގަކޮށްލެވެއެވެ. މި މަސައްކަތްތަކުގައި ސްޓެލްކޯ އަދި އެޗްޑީސީ އިން ވަނީ އިސްވެ ކުރު މުއްދަތެއްގެ ތެރޭ ވަރަށް ބުރަކޮށް މަސައްކަތްކޮށްފައެވެ.