ENGLISH

20 އޭޕްރީލު 2025

Advertisement

ޤާނޫނުއަސާސީގެ އުސޫލުތަކުގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ނުކުތުމަކީ ލަދުވެތި ކަމެއް: ޠާރިޤު

15 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

މެމްބަރު އަހުމަދު ތާރިޤް - ރައީސް އޮފީސް

ޤާނޫނުއަސާސީގެ ދިފާޢުގައި ކަމަށް ބުނެ އެމްޑީޕީން ނުކުތުމަކީ ލަދުވެތިކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިޤް ވިދާޅުވެއްޖެއެވެ.

މެމްބަރު ތޯރިޤް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ތޯރިޤް ވިދާޅުވީ، އެމްޑިޕީން ޤާނޫނު އަސާސީ ބަދަލުކުރުމުގައި އުސޫލާއި ޚިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށާއި ކޮވިޑް ތެރޭގައި ޤާނޫނުއަސާސީގެ އުސޫލާ ޚިލާފަށް ބަދަލުކުރީ ރައްޔިތުން މާސްކު އަޅުވާފައި ގޭތެރޭގައި ބައިތިއްބާފައި ކަމަށެވެ.

މީގެ އިތުރުން ތާރިޤް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި، މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައި އިދިކޮޅުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީން ކުރި މަސައްކަތް ސަރުކާރުން ފެއިލްކޮށްލާފައިވާ ކަމަށެވެ.

ތާރިޤް ވިދާޅުވީ، ރައްޔިތުން ގާތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މެނިފެސްޓޯއަކާއެކު ވަޑައިގެންނެވީ އެ ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ވެސް ވިސްނަވާފައި ކަމަށެވެ. އެގޮތުން އާބަން ސެންޓަރުތައް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ މެމްބަރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވެރިކަމުގެ ފުރަތަމަ އަހަރަކީ ސަރުކާރުތަކުގައި ތަރައްޤީގެ މާ ބޮޑު މަސައްކަތްތަކެއް ކުރިއަށްދާ އަހަރެއް ނޫން ކަމަށާއި، އެކަމުގެ ފަހަތުގައި ސަބަބުތަކެއް ވެސް ހުންނަ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު