ENGLISH

02 މޭ 2026

Advertisement

އަހަރެމެންނާ ދެކޮޅަށް އެމެރިކާއިން ގެންގުޅެނީ އިސްތިއުމާރީ ސިޔާސަތެއް: އީރާނުގެ ރައީސް

12 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮން އަދި އިރާނުގެ ރައީސް މަސްއޫދު ޕެޒެސްކިއާން.

އިރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅެނީ އިސްތިއުމާރީ ސިޔާސަތެއްކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެސްކިއާން ވިދާޅުވެއްޖެ އެވެ. 

ނަވާރަ ސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރުގެ އީރާންގެ އިސްލާމީ އިންގިލާބަށްފަހު އެމެރިކާއާއި އީރާނުގެ  މެދުގައި މިހާތަނަށް ބާއްވާފައިވާ އެންމެ މަތީ ފަންތީގެ ބައްދަލުވުން އިއްޔެ ނާކާމިޔާބު ވެފައިވާއިރު ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮންއާއެކު ހޮނިހިރު ދުވަހު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މަސްއޫދު ވަނީ އެމެރިކާގެ ދެފުށްދެގޮތް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

މަސްއޫދު ވިދާޅުވީ އެމެރިކާއިން ވަނީ މީގެ ކުރިން ބޭއްވި މަޝްވަރާތަކުގައި ވެފައިވާ ވައުދުތަކާ ހިލާފުވެ، އީރާނުގެ މައްޗަށް ހަނގުރާމަ މަޖުބޫރުކޮށް، ހަނގުރާމައިގެ އެތައް ޖަރީމާތަކެއް އިރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައި ކަމަށެވެ. އީރާނަކީ ދުވަހަކުވެސް ހަނގުރާމައަކަށް އެދޭ ގައުމެއް ނޫންކަން ފާހަގަކުރައްވަމުން، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން މައްސަލަތައް ހައްލުކުރުމަށް ތެހެރާނުން އަބަދުވެސް ތާއީދުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ސުލްހައަށް ލޯބިކުރުމާ އެކުވެސް އިރާނުގެ އިސްތިގުލާލާއި ދިފާއުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ފަސްނުޖެހޭނެ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ. 

އީރާނުގެ މިސައިލް ގާބިލްކަމަކީ ގައުމުގެ ދިފާއަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއް. އީރާނަށް ދެމުންދާ ޣައިރު ގާނޫނީ ހަމަލާތަކާ މެދު އދ. އާއި ވިލާތުގެ އިއްތިހާދުން އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވޭ،". މަސްއޫދު ވިދާޅުވި އެވެ. 

ލުބުނާނުގެ މަޝްރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން އީރާނުގެ ރައީސް ވިދާޅުވީ، އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ސަރަހައްދީ ނުތަނަވަސްކަމުގެ މައިގަނޑު އަސްލު ކަމަށެވެ. ލުބުނާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި، ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކަށް ދޭ ހަމަލާތަކަކީ ހަނގުރާމައިގެ ކުށްތަކެއް ކަން އެމަނިކުފާނު ސިފަކުރެއްވި އެވެ. ލުބުނާނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމަށްޓަކައި އިސްރާއީލާއި އެމެރިކާއަށް ބައިނަލްއަގުވާމީ ފިއްތުންތައް ކުރިމަތިކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮން ވިދާޅުވީ، ހަނގުރާމަ ފެށުނީއްސުރެ ފަރަންސޭސިވިލާތުން އެކަން ކުށްވެރިކުރާ ކަމަށާއި، ހަމަލާތައް ހުއްޓާލުމަށް ތާއީދުކުރާ ކަމަށެވެ. އަދި ސަރަހައްދީ ސުލްހަ ގާއިމުކުރުމުގައި އެހީތެރިވުމަށް ފަރަންސޭސިވިލާތް ތައްޔާރަށް އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ފޯނު ކޯލު ނިންމަވާލައްވަމުން ދެ ގައުމުގެ ވެރިން ވަނީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު