ENGLISH
05 ޖުލައި 2025
ދަރިންނަށްޓަކައި ހެޔޮ މުސްތަޤުބަލެއް ފޯރުކޮށްދެވެން އޮތީ ނުރަނގަޅު އާދަތަކުން ސަލާމަތްވެގެން: ރައީސް
15 ޑިސެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. މަހިބަދޫގައި ޒުވާނަކާއި މިއަދު ސަލާން ކުރައްވަނީ.
ދަރިންނަށްޓަކައި ހެޔޮ މުސްތަޤުބަލެއް ފޯރުކޮށްދެވެން އޮތީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އާދަވެ، އަށަގަނެފައިވާ ނުރަނގަޅު އާދަތަކުން ސަލާމަތްވެގެން ހޯދޭ ތަރައްޤީ ވެސް ހާސިލުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ދަންވަރުން ފެށިގެން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ވޭޕްގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއްގެ ގޮތުގައި ތަންފީޒު ކުރަން ފެށުމާއި ގުޅޭ ގޮތުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މުޖުތަމަޢުތަކަކީ ވޭޕާއި މަސްތުގެ ވަބާތަކުން ސަލާމަތްކުރެވިފައިވާ މުޖުތަމަޢުތަކަކަށް ހަދަންޖެހޭ ކަމުގައެވެ. ވޭޕް މަނާކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުޢިއްޒު ވާހަކަ ދެއްކެވީ، އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މަހިބަދޫގެ ރައްޔިތުންނާއި މިއަދު ބައްދަލުކުރައްވައެވެ.
"މިސާލަކަށް ވޭޕްގެ ވަބާ، ޤާނޫނީ ގޮތުން ހުއްދަ އޮވެގެން ކުރީގައި ވިޔަފާރިކުރީ، އެހެންނަމަވެސް ޤައުމުގެ ރައްޔިތުން ހާލުގެ ދުލުން އެދެމުން ދިޔައީ މިކަމުން އަޅުގަނޑުމެންގެ ދަރިން ސަލާމަތް ކޮށްދޭށޭ. އެހެންވީމަ ނިންމީ އެކަން ހުއްޓާލަން،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މަޢުނަވީ ތަރައްޤީއެއް ލިބެން އޮތީ ޢުމްރާނީ ތަރައްޤީއާއެކު، ލޮލަށް ނުފެންނަ، ފިކުރީ، އިންސާނީ ތަރައްޤީ ވެސް ހާސިލުކުރެވިގެން ކަމުގައެވެ.
"ޤައުމުގެ މުސްތަގުބަލު އަޅުގަނޑުމެންނަށް ރަނގަޅު ގޮތުގައި ފޯރުކޮށްދެން ބޭނުން ކަމަށް ވަންޏާ، މި ބިނާކުރާ ބިނާތަކާއި އެއްގޮތަށް އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން ކުރީގައި އޮތް ރީތިގޮތް އަނބުރާ ގެެނެސް ފޯރުކޮށްދޭން އެބަ ޖެހޭ،" ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، ފިކުރީ ގޮތުން އަންނަ ތަރައްޤީއަށް ރައްޔިތުން ވެސް ބޭނުންވާނެ ކަމަށާ، މިފަދަ ކަންކަން ޙައްލުކުރުމަށް އެންމެން އެކަތިގަނޑަކަށްވެ، ޤައުމީ ވިސްނުމެއްގައި އަތުކުރި އޮޅާލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެންނަވައި، ނޮވެމްބަރ 13 ވަނަ ދުވަހު ޑރ. މުޢިއްޒު ތަސްދީޤުކުރެއްވި ބިލުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން، 15 ޑިސެމްބަރ 2024 އިން ފަށައިގެން ވަނީ މަނާކުރައްވައިފައެވެ.