ENGLISH

11 އޭޕްރީލު 2026

Advertisement

މާލޭ ބޭރުތޮށި މަރާމާތުކުރުން މޭ މަހު ފަށަން ތައްޔާރުވެއްޖެ

11 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: ދިޔަރެސް

މާލޭގެ ބޭރު ތޮށި އެކީ މަރާމާތުކުރުމުގެ ބޮޑު މަޝްރޫއު އަންނަ މޭ މަހުގައި  ފެށުމަށް ތައްޔާރުވެފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

މާލޭގެ ބޭރު ތޮއްޓަކީ 1988 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް ފަސް ފިޔަަަވައްސަކަށް ބަހާލައިގެން ބިނާކޮށްފައިވާ ތޮށިގަނޑެކެވެ. ރާޅާއި އުދައެރުމުގެ ސަބަބުން ބޭރު ތޮށީގެ ހިލަތަަކާއި ޓެޓްރަޕޮޑްތައް ކަހާލއި، ކޮންކުރީޓު ފާރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް މިހާތަނަަށް ހެދިފައިވާ ސާވޭތަކުން ދައްކަައެވެ. 

އެހެންކަަމުން މާލޭ ބޭރުތޮށިގަނޑު މަރާމާތުކުރުމުގެ މަސައްކަތަކީ ލިބިފައިވާ ގެއްލުންތައް ހައްލުކޮށް ތޮށިގަނޑުގެ އާބާތުރަފިލުވައި މާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގަންޖެހިފައި އޮތް މުހިއްމު މަޝްރޫއެކެވެ. ސަރުކާރުންވަނީ މި މަސައްކަތް ގާބިލު ކުންފުންޏަކާ ހަވާލުކޮށްފަައެވެ. 

މި މަަސައްކަތް ހަވާލުކޮށްފައިވަނީ ޖަޕާނުގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާަ ޓޯޔޯ ކޮންސްޓްރަކްޝަނާއެވެ. މި ކުންފުންޏަކީ އިމާރާތްކުރުމުގެ ޒަމާނީ ފަންނިއްޔާތާއި އިލްމާއި، ތިމާވެށީގެ ކާރިސާތަކަށް ވިލުންތެރި ބިނާރު ތަރައްގީކުރުމުގައި އޭޝިޔާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މުހިއްމު ކުންފުންޏެކެވެ. މާލޭ ބޭރު ތޮށިގަނޑު މަރާމާތުކުރުން އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއެކު ސޮއިކުރީ ފާއިތުވި ފެބްރުއަރީ މަހުއެވެ. 

ތޮށިގަނޑަކީ ސުނާމީއާއި އުދައެރުން ފަދަ ކަންކަމުން މާލެ ސަލާމަތްކޮށްދޭ މުހިއްމު ވަސީލަތެއްކަން ފާހަގަކުރައްވަމުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޕްރޮޖެކްޓު އިންޖިނިއާ އަހްމަދު އައިމަން ޝަރީފު ވިދާޅުވީ ތޮށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ މާރާމާތުކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. 

"ބޭރުތޮށި ބޭނުންވަނީ ސުނާމީއާއި އުދައެރުމާއި މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް. ތޮށިގަނޑަކީ ރައްކާތެރިކަން ފޯރުކޮށްދޭން ވަރަށް މުހިންމު ވަސީލަތެއް. މޫސުމީ ބަދަލުތަކާއެކު އުދައެރުމުގެ ހާދިސާތައް އިތުރުވަމުންދާތީ މި ތޮށި މަރާމާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް" އައިމަން ވިދާޅުވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި ތޮށިގަނޑު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރޭގައި ބައެއް ސަރަހައްދުތަކުގެ ތޮށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުން ހިމެނެއެވެ. އެގޮތޔުން ރާޅުގަނޑުން ފެށިގެން ސިޓްރޯން ރެސްޓޯރެންޓާ ހަމައަށް އޮތް ތޮށިގަނޑުގެ ބައްޓަމަށް ބަދަލުތަކެއް ގެންނާނެއެވެ. އަދި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ ތޮށިގަނޑު އުސްމިން މިހާރަށްވުރެ 70 ސެންޓިމީޓަރު އުސްކުރުމަށްވެސް ނިންމާފައިވެއެވެ. 

އަދި ބީއެމްއެލް މައި އިމާރާތުގެ ކުރިމަތީ އޮންނަ ތޮށިގަނޑުގެ މަރާމާތުކުރުމާއެކު އެ ސަރަހައްދަށްްވެސް ބަދަލުތަކެއް ގެންނާނެއެވެ. މި މަސައްކަތުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި 16 ޕަމްޕް ސްޓޭޝަން އެއް ނިޒާމަކުން ގުޅައިލާ މަރުކަޒީ ގޮތެއްގައި އެ ސްޓޭޝަންތައް ބެލެހެއްޓުމަށް ބޭނުންވާނެ ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ. 

ބިނާރާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި މަޝްރޫއު ނިމުމުން މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރިމަތިވެފައިވާ އުދައެރުމުގެ މައްސަލަ އެކީ ހައްލުކުރެވޭނެ ކަމަށެވެ. އަދި މާލޭގެ މަލަމަތިވެސް ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު