ENGLISH

11 އޭޕްރީލު 2026

Advertisement

އަމީނީ މަގުގެ ހުޅަނގަށްވީ ބައި އަލުން ތަރައްގީކުރަނީ

11 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި ތާރުއަޅައިގެން އަލުން ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އާރްޑީސީން މައުލޫމާތުދޭ.

އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި ތާރުއަޅައިގެން އަލުން ތަރައްގީކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ ތާރުގަނޑު އުފުލި މަގު ހަލާކުވުމުގެ ސަބަބުން ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައި ވަރަށްބޮޑަށް މަރާމާތު ކުރަންޖެހިފައި ވާކަމަށެވެ. މަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށްޓަކައި އިމާރާތް ކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއާއެކު މިހާރު މަޝްވަރާކޮށްފައިވާކަމަށް ނަޒީމް ވިދާޅުވި އެވެ. ނަޒީމް ވިދާޅުވީ މި މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. 

"މިހާރު އެތަނުގައި އޮތް ތާރުގަނޑު ނަގާފައި އަލުން އެތަނުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ. ދެން އެއީ މާލޭގައި އަޅުގަނޑުމެން ކުރިއަށްގެންދާނެ އެންމެ ބޮޑު މަސައްކަތެއް." ނަޒީމް ވިދާޅުވި އެވެ. 

އަލުން މަރާމާތު ކުރާއިރު ޓެކްނިކަލީ ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށާއި އަލުން ތާރު އަޅާއިރު ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން އެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައި ވާކަމަށް ނަޒީމް ވިދާޅުވި އެވެ. 

އަމީނީ މަގުގެ ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް މާފަންނު ސްޓޭޑިއަމް ސަރަހަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތުކުރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވެއެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްގީކޮށްފައި ވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު