ENGLISH

11 އޭޕްރީލު 2026

Advertisement

މާލީ ސިޔާސަތުގެ ތަފާތު؛ ދަރަނި އަދާކުރުމުގެ ހޭދަ ނުވަ ބިލިއަނުން މަތިވިއިރުވެސް ބަޖެޓު އޮތީ އަރަނީގައި

11 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި މާލީ ވަޒީރު މޫސާ ޒަމީރު، ފޮޓޯ: ރައީސް އޮފީސް

ދަރަނި އަދާކުރުމުގެ ހޭދަ ނުވަ ބިލިއަން ރުފިޔާއަށްވުރެ މައްޗަަށް އެރި ނަމަވެސް ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުތައް ކުޑަކުރުމުގެ ސަބަބުން ބަޖެޓު ދަރަނިވެރިނުވެ، އާމްދަނީން ތިން ބިލިއަނާ ގާތްކުރާ މިންވަރެއް ސަލާމަތްކުރެވިފައިވާކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. 

ކޮންމެ ހަފުތާއަކު އެއްފަހަރު މާލީ ވުޒާރާއިން އާއްމުކުރަމުންދާ މާލީ ހިސާބުތަކަށް ބަލާއިރު ލޯނު އަނބުރާ ދެއްކުމަށް 8.5 ބިިލިއަން ރުފިޔާ އޭޕްރީލު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދުކޮށްފަައިވެއެވެ. ލޯނު ދެއްކުމުގެ ހަރަދު އެމިންވަރަށް އިތުރުވީ 2021 ވަނަ އަހަރު އެއިރުގެ ސަރުކާރުން ވިއްކި ސުކޫކުގެ ފައިސާގެ ގޮތުގައި އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރު އޭޕްރީލު ދެވަނަ ދުވަހު މި ސަރުކާރުން ދައްކައި ހަލާސްކުރުމުގެ ސަބަބުންނެވެ. 

އޭޕްރީލު ދެވަނަ ދުވަހުގައި ސަރުކާރުންވަނީ ސުކޫކުގެ އަސާސީ ޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަަރާއި، އެއާއެކު ދައްކަންޖެހޭ ފައިދާގެ ގޮތުގައި 24.68 މިލިއަން ޑޮލަރު ދައްކާފައެވެ. އެކު ޖުމްލަ 524.68 މިލިއަން ޑޮލަރެވެ. 

ލޯނު ދެއްކުމުގެ ހަރަަދު 8.5 ބިލިއަން ރުފިޔާއަށް އެރިއިރު، އިންޓަރެސްޓު އަދާކުރުމާއި ފައިނޭންސްކުރުމުގެ ހަރަދުތަކަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވިކަން މާލީ ވުޒާރާގެ ހިސާބުތަކުން އެނގެއެވެ. މާނައަކީ ދަރަނި އަދާކުރުމުގެ ޖުމްލަ ހަރަދު 9.5 ބިލިއަން ރުފިޔާއަށްވުރެ މަތިވުމެވެ. 

ސުކޫކުގެ ފައިސާ ދައްކާފައިވަނީ ސަރުކާރުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ފާއިތުވި ދެ އަހަރު ދުވަހު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްއާއި، ސަރުކާރުގެ މާލީ ރިޒާވް ކަމުގައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކުރި ފައިސާއިންނެވެ. ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި 350 މިލިއަން ޑޮލަރު ރައްކާކޮށްފައި ހުރިއިރު ރިޒާވް 1.2 ބިލިއަނަށްވުރެ މަތިވެ، ބޭނުންކުރެވޭ ގޮތަށް ރިޒާވްގައި ހުރި ފައިސާގެ އަދަދު 352 މިލިއަން ޑޮލަރަށްވުރެ މަތިވިއެވެ. ނަތީޖާއެއްގެ ގޮތުން ސުކޫކު ދެއްކުމަށްފަހު ރިޒާވްގައި އިތުރު 150 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުންނާނެއެވެ. 

ދަރަނި އަދާކުރުމަށް ދުރާލައި އިންތިޒާމުތައް ތަރުތީބުކުރުމުގެ ސަބަބުން ދަރަނި އަދާކުރުމުގެ ބޮޑު ހޭދައިގެ ނޭދެވޭ އަސަރެއް ބަޖެޓު ތަންފީޒުކުރުމަށް ފޯރާފައިނުވެއެވެ. ބަޖެޓު ތަންފީޒުކުރުމުގެ ހިސާބުތަކަަށް ބަލާއިރު އޭޕްރީލު ދެވަނަ ދުވަހުގެ ނިޔަލަށް 12.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަަށް ލިބިފައިވެއެވެ. މި މުއްދަތުގައި ދައުލަތުން ހިނގި ޖުމްލަ ހަރަދަކީ 10.1 ބިލިއަން ރުފިޔާއެވެ. 

އާމްދަނީއަށްވުރެ ހަރަދުތައް ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން، އޭޕްރީލު ދެވަނަ ދުވަހުގެ ނިޔަލަށް 2.2 ބިލިއަން ރުފިޔާއިން ދައުލަތުގެ ބަޖެޓު އަރަނިވެފައިވެއެވެ. މާނައަކީ އެ މުއްދަތުގައި ލިބުނު އާމްދަނީގެ ތެރެއިން ހަރަދުތައް އުނިކުރުމަށްފަހު 2.2 ބިލިއަން ރުފިޔާގެ ފައިދާއެއް ދައުލަތަށް ލިބުމެވެ. 

ބަޖެޓު ތަންފީޒުކުރުމުގައި އަރަނިވުމުގެ ފައިދާއަކީ ދައުލަތުން ބަޖެޓު ފޫބެއްދުމަށް ދަރަންޏަށް ފައިސާ ހޯދަންޖެހޭ މިންވަރު މަދުވެ، ދައުލަތުގެ ޖުމްލަ ދަރަނީގެ ބުރަ ކުޑަކުރެވުމެވެ. ބަޖެޓުގައި އާމްދަނީއާއި ހަރަދުގެ ފަރަގު ބޮޑުވުމަކީ ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްވުމުގެ މައިގަނޑު އެއް ސަބަބުކަމަށްވާއިރު، އާމްދަނީގެ އިމުގެ ތެރޭގައި ހަރަދުތައް ހިފަހެއްޓުމަކީ، ސުކޫކުގެ ބޮޑު ބުރައިން ސަލާމަތްވެފައި އޮތް ރާއްޖޭގެ ކްރެޑިޓު ރޭޓިން ރަނގަޅުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް މާލީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. 

ކިޔުންތެރިންގެ ހިޔާލު