ENGLISH
11 އޭޕްރީލު 2026
ހަނގުރާމައިގެ ވިލާގަނޑުގެ ދަށުގައި މާޗު މަހު ދައުލަތަށް ލިބުނު އާމްދަނީ އަންދާޒާކުރި ވަރަށްވުރެ އިތުރުވި
11 އޭޕްރީލު 2026
|
މާޗު މަހު މީރާއަށް ބަލައިގަތް އާމްދަނީ އަންދާޒާކުރި މިންވަރަށްވުރެވަނީ އިތުރުވެފައި
އެންމެ މަޤްބޫލު
ފާއިތުވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި އުދުވާނީ ހަމަލާތަކާއެކު މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަަށް ނޭދެވޭ އަސަރުކުރި ނަމަވެސް މާޗު މަހުގައި ދައުލަތަށް ލިބޭނެ ކަމުގައި ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާކަން މާލީ ހިސާބުތަކުން ދައްކަައިފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މަހަކު އެއްފަހަރު ނެރޭ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު ޖުމްލަަ 4.03 ބިލިއަން ރުފިޔާގެ އާމްދަނީއެއް މާޗު މަހުގައި ދައުލަތަށް ލިބުނެވެ. އެއީ 2025 ވަނަ އަހަރުގެ މާޗު މަހާ އަޅަަބަލާއިރު 17 އިންސައްތަ އިތުރު އަދަދެކެވެ.
ނިމުނު އަހަރުގެ މާޗު މަހާ އަޅާބަލާއިރު މިއަހަރުގެ މާޗުގައި ލިބުނު އާމްދަނީ އިތުރުވި ސަބަބުތައް ކަމުގައި މީރާއިން ފާހަގަކުރީ، ޓީޖީއެސްޓީއާއި ކޯޕަރޭޓު އިންކަމް ޓެކުހާއި، ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް މާޗު މަހު ލިބުނު އާމްދަނީ އިތުރުވުމެވެ. އަދި ފެބްރުއަރީ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތް 2025 ގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 18.8 އިންސައްތަ އިތުރުވުމުގެ ސަބަބުން ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި، އެއާޕޯޓު ޓެކުސް އަދި ފީތަކުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވިއެވެ.
މާޗު މަހު ލިބޭނެކަމަށް މީރާއިން ކުރިން އަންދާޒާކުރި މިންވަރާ އަޅާބަލާއިރު ލިބުނު އާމްދަނީވަނީ 26.8 އިންސައްތަ އިތުރުވެފައެވެ. ޓީޖީއެސްޓީއާއި ޖީއެސްޓީ އަދި ގްރީން ޓެކުހުން ލިބުނު އާމްދަނީ އިތުރުވުމަކީ އަންދާޒާކުރި މިންވަރަށްވުރެ މާޗު މަހުގެ އާމްދަނީ އިތުރުވި ސަބަބެވެ.
މީރާއަށް މާޗު މަހުގައި ލިބުނު އާމްދަނީގެ 31.4 އިންސައްތަ އާމްދަނީއަކީ ކުރީގެ ސުންގަނޑިތަކަށް ލިބެންޖެހި ނުލިބި ހުރި އާމްދަނީއެވެ. އަދި މާޗު މަހުގެ އާމްދަނީގެ 7.6 އިންސައްތައަކީ މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުން ހޯދި ފައިސާއެވެ.
މާޗު މަހު ޓެކުހުގެ ގޮތުގައި މީރާއަށް ދިވެހި ރުފިޔާއިން 741 މިލިއަން ރުފިޔާ ލިބުނެވެ. އަދި 157 މިލިއަން ޑޮލަރު ބޭރު ފައިސާއިން މީރާއަށް ބަލައިގަނެފައިވެއެވެ. އެކު ޖުމްލަ 3.1 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި މީރާއަށް ބަލައިގަނެފައިވެއެވެ.
ޓެކުސް ނޫން ގޮތްގޮތުން 138.6 މިލިއަން ރުފިޔާ ދިވެހި ރުފިޔާއިން މީރާއަށް ބަލައިގަނެފައިވާއިރު، ޓެކުސް ނޫން ގޮތްގޮތުން 47.7 މިލިއަން ޑޮލަރު މީރާއަށް ބަލަައިގަނެފައިވެއެވެ. އެއީ ޖުމްލަ 872.9 މިލިއަން ރުފިޔާއެވެ.
ޓެކުހާއި ޓެކުސް ނޫން ގޮތްގޮތުން ލިބުނު ޖުމްލަ އާމްދަނީއަށް ބަލާއިރު ދިވެހި ރުފިޔާއިން ބަލަައިގަތް 879.6 މިލިއަން ރުފިޔާއާއި 205.1 މިލިއަން ޑޮލަރާއެކު ޖުމްލަ 4.03 ބިލިއަން ރުފިޔާގެ އާމްދަނީއެއް ނިމުނު މާޗު މަހުގައި މީރާއަށް ލިބިފައިވެއެވެ.