ENGLISH
11 އޭޕްރީލު 2026
ވަރުގަދަ ޕޯޓްފޯލިއޯއާއެކު އެމްޓީސީސީގެ ކަޅި ރާއްޖޭގެ އަސްދަނޑިން ބޭރަށް
11 އޭޕްރީލު 2026
|
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީ، ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ދައުލަތުގެ ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީން ހިންގަމުންދާ ސަރުކާރުގެ މަޝްެރޫއުތަކުގެ ސަބަބުން އެ ކުންފުނީގެ ޕޯޓްފޯލިއޯ ވަރުގަދަވެ ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ވަނުމުގެ ފުރުސަތު އެ ކުންފުންޏަށް ފަހިވަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ނިއުޅެމުންދާ ހަބަރު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސައުދީ ވިދާޅުވީ، ސަރުކާރުގެ ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގައި ތަންފީޒުކުރުމަކީ އެ ކުންފުނީގެ ޕޯޓްފޯލިއޯ މުއްސަނދިވެ ވަރުގަދަވާ ކަމެއް ކަމަށެވެ. އަދި ކުންފުނީގެ ޕޯޓްފޯލިއޯ ވަރުގަދަވުމުގެ ސަބަބުން ބޭރުގެ ބައެއް މަޝްރޫއުތައް ހިންގުމުގައި އެ ކުންފުންޏާ ގުޅިގެން އެކީގައި މަސައްކަތްކުރުމަށް ބައިނަލްއަގުވާމީ ކުންފުނިތަކުން ހުށަހަޅަމުންދާކަމަަށް ސަައުދީ ވިދާޅުވިއެވެ.
ސައުދީ ވިދާޅުވީ އެމްޓީސީސީއަކީ އާއްމުކޮށް ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ހިންގަމުންދާ ކުންފުންޏަކަށްވުމާއި، ގިނަ އަދަދެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ކުންފުންޏަކަށްވުމާއެކު، އެ ކުންފުންޏާއެކު މަސައްކަތްކުރުމަށް ގިނަ އަދަދެއްގެ ބޭރު ކުންފުނިތަކުން ހުށަހަޅަމުންދާ ކަމަށެވެ.
ތަފާތު ގިނަ މަސައްކަތްތައް އެ ކުންފުނިން ކުރަމުންދާކަން ފާހަގަކުރައްވަމުން ސައުދީ ވިދާޅުވީ އެކަމުގެ ފައިދާ އެންމެ ބޮޑަށް ފެންނާނީ އެމްޓީސީސީން ބަައިނަލްއަގުވާމީ ބިޑެއްގަައި ބައިވެރިވުމުން ކަމަށެވެ. އެއީ ކުންފުނީގެ ޕޯޓްފޯލިއޯ ވަރުގަދަވުމުގެ ސަބަބުން އެފަދަ ބިޑުތައް ކާމިޔާބުކުރަން ފަސޭހަވާނެތީ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
ސައުދީ ހާމަކުރެއްވި ގޮތުގައި ބޭރުގެ މަޝްރޫއުތައް ހިންގުމުގައި އެމްޓީސީސީއާ ބައިވެރިވެގެން މަސައްކަތްކުރުމަށް ޝައުގުވެރިވާ ބައިނަލްއަގުވާމީ ކުންފުނިތަކުން މިހާރުވެސް އެ ކުންފުންޏާ ގެންދަނީ މަޝްވަރާކުރަމުންނެވެ. އެފަދަ ދެ ކުންފުންޏެއްގެ ހުށަހެޅުން އެމްޓީސީސީއަށް ލިބިފައިވާއިރު، އެއިން އެއް ހުށަހެޅުމަކީ މޮރިޝަަސްގަައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަޝްރޫއަކާ ގުޅޭ ހުށަހެޅުމެކެވެ.
"މިހާރުވެސް އަަަޅުގަނޑުމެންނާ ބޭރުގެ ދެ ޕާޓީއަކުން އެޕްރޯޗުކުރަމުން އެބަދޭ. އެމީހުން ބޮޑެތި ޕްރޮޖެކްޓުތަކަަަށް ވަނުމަށްޓަކައި ޕާޓްނަރަކަަށް އެމްޓީސީސީ ނަގަން. މިސާލަކަަށް އިންޑިޔާގެ ބޮޑު ޕާޓީއަކުން މޮރިޝަސްގައި އެއާޕޯޓެއް ތަރައްގީކުރަން އެމްޓީސީސީ ޕާޓްނަރަކަށް ހަދަން، ހަމަ އެމްޓީސީސީގެ ޕޯޓްފޯލިއޯ، އެމްޓީސީސީގެ ހިސްޓްރީ، އެމްޓީސީސީން ނިންމާފައި ހުރި ޕްރޮޖެކްޓުތައް އެއަށް ބިނާކޮށް އެމީހުންނަށް ޕްރޮޖެކްޓް ވިންކުރުމަށް ވަރަށް ބޮޑެތި ޕްލަސް ޕޮއިންޓްތަކެއް އެބަލިބޭ،" ސައުދީ ވިދާޅުވިއެވެ.
އިތުރަށް އެމްޑީ ވިދާޅުވީ ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑުކޮށް ކާމިޔާބުކޮށްގެން އެފަދަަ މަޝްރޫއުތަކުގެ މަސައްކަަތްކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. ނަމަވެސް މިވަގުތު އެ ކުންފުނީގެ މެޝިނަރީތައް ބޭނުންކުރަމުންދަނީ ރާއްޖޭގެ ތަރައްގީގެ މަސައްކަަތްތަކުގައި ކަމަށް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ސައުދީ ފާހަގަކުރެއްވީ ޑްރެޖުކުރުމަށް ގެންގުޅޭ ޑްރެޖަރުތައް ކުއްޔަށް ނެގުމަށް ބޭރުގެ ހުށަހެޅުންތައް ލިބުނު ނަމަވެސް ރާއްޖޭގައި ހިންގަންޖެހޭ ބިން ހިއްކުމުގެ މަސައްކަަތްތަކުގައި އެ ޑްރެޖަރުތައް ބޭނުންކުރަމުންދާތީ ކުއްޔަށް ނުދެވުމެވެ.
ސައުދީ ވިދާޅުވި ގޮތުގައި އެމްޓީސީސީން މިފަދަ ތަފާތު ބާވަތްތަކުގެ މަޝްރޫއުތައް ހިންގުމަކީ އެ ކުންފުނީގައި ތިބި ދިވެހި މުވައްޒަފުންގެ ހުނަރުވެރިކަން އިތުރުވެ، އެއްގަމާއި ކަނޑުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ގާބިލު ދިވެހިން އުފައްދައި ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.