ENGLISH

10 އޭޕްރީލު 2026

Advertisement

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފި

10 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ތ. ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫއު ފެށުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފި އެވެ.

އެ މަޝްރޫޢު ފެށުނު ކަން ރައީސް ވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވެސް ހާމަ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

މިވަރުގެ ސަރަޙައްދެއް ހިއްކުމަށް ގާތްގަނޑަކަށް 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް ވިދާޅުވުއެވެ.

ބިން ހިއްކާނީ ފިލިއްޕޯ ބްރޫނެލެސްކީ ނަމަކަށް ކިޔާ ޓްރެއިލިން ސަކކްޝަން ހޮޕަރ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ.

ގާދިއްފުށީން 11 ހެކްޓަރުގެ ބިން 10 ދުވަސްތެރޭ ހިއްކާ ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ބިން ހިއްކުމުގެ އެތައް މަޝްރޫޢުއެއް، ބާރު ދުވެލީގައި ކުރިއަށް

މިދިޔަ ހަފްތާގައި ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ. އެ މަސައްކަތް ނިންމާލީ އެންމެ 23 ދުވަހުންނެވެ. މި މަޝްރޫއުގެ ދަށުން 27 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

އޭގެ ކުރީން ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުވެސް ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފަ އެވެ.

މީގެ އިތުރުން ވިލުފުށީ އެއަރޕޯޓަށް ބިން ހިއްކުމުގެ މަޝްރޫޢު އޮތީ ނިމުމާ ގާތުގަ އެވެ. ހޯރަފުއްޓާއި މަޑެވެލީގެ ބިން ހިއްކުމުގެ މަޝްރޫއު ވަނީ ފަށާފަ އެވެ. ވެލިދޫ އާއި މާފަރު ބިންހިއްކުން ވެސް ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ.

މި މަޝްރޫއުތަކުގެ އިތުރުން މާލެ ސަރަހައްދުގައި ދަނީ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްެރޫއުތައް ހިންގަމުންނެވެ. ފޭސް ތިނެއް ހިއްކާ ވަނީ ނިމިފަ އެވެ. ގިރާވަރުފަޅު ހިއްކުން ދަނީ ކުރިއަށެވެ. ރަސްމާލެ ހިއްކުމުގެ މަޝްރޫއުވެސް ވަނީ ހަލުވި ކޮށްފަ އެވެ.

މިއީ ދިވެހި ތާރީޚުގައި ބިން ހިއްކުމުގެ މިހާ ގިނަ މަޝްރޫއުތަކެއް މިފަދަ ގޮތަކަށް ކުރިއަށްދާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު