ENGLISH
10 އޭޕްރީލު 2026
އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ ދޫކޮށްފި
10 އޭޕްރީލު 2026
|
މަސްވެރިކަން ކުރާ ބައެއް
އެންމެ މަޤްބޫލު
މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 88.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިފްކޯއިން ބުނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޖުމްލަ 5،186 ޓަނުގެ މަސް އެކުންފުންޏަށް ކިރުވާފައި ވާކަމަށެވެ.
މަހުންމަހަށް މިފްކޯއަށް މަސްކިރުވާފައިވާ މިންވަރު:
ޖަނަވަރީ މަސް: 2،454 ޓަނުގެ މަސް
ފެބުރުއަރީ މަސް: 1،108 ޓަނުގެ މަސް
މާރިޗު މަސް: 1،625 ޓަނުގެ މަސް
މަސްވެރިންނަށް ފައިސާ ދޫކުރި މިންވަރަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އެ މަހު 40.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، ފެބުރުވަރީ މަހު 19 މިލިޔަން ރުފިޔާ އަދި މާރިޗު މަހުގެ ތެރޭގައި 29.3 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ.
މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށީ މި ސަރުކާރުގައި، 2024 ޑިސެންބަރު 11 އިން ފެށިގެން ނެވެ. އޭގެފަހުން މެދުކެނޑުމެއް ނެތި ސަރުކާރުން އަންނަނީ ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަމުން ނެވެ. ކުރިން ކަޅުބިލަ މަހުގެ މަސްވެރިންނަށް ފައިސާ ދޫކުރިއިރު، މިހާރު ކަންނެލި ދޯނިފަހަރުތަކަށް ވެސް މިފްކޯއިން ވަނީ ފައިސާ ދޫކުރަން ފަށައިފަ އެވެ.