ENGLISH
10 އޭޕްރީލު 2026
އޯޝަންމޭން މޯލްޑިވްސް ފެތުމުގެ މުބާރާތް ރާއްޖޭގައި ފަށައިފި
10 އޭޕްރީލު 2026
|
އޯޝަންމޭން މޯލްޑިވްސް މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
"އޯޝަންމޭން ގްލޯބަލް" ގެ ރާއްޖޭގެ އެޑިޝަން ކަމަށްވާ "އޯޝަންމޭން މޯލްޑިވްސް"، ފެތުމުގެ މުބާރާތް ރަސްމީކޮށް ރާއްޖޭގައި ފަށައިފި އެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ، ކ. ކާފުށީގަ އެވެ. ފެށުމުގެ ހަރަކާތް ޝަރަފުކޮށްދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.
މި މުބާރާތުގައި 40 ގައުމަކުން 532 ފެތުންތެރިން ބައިވެރިވެފައިވެ އެވެ. މީގެތެރޭގައި 385 ބައިވެރިން އެހެން ގައުމުތަކަށް ނިސްބަތްވާ އިރު، 147 ފެތުންތެރިންނަކީ ދިވެހިންނެވެ. ރާއްޖެ ފިޔަވާ ދެން އެންމެ ގިނަ ފެތުންތެރިން ބައިވެރިވެފައިވަނީ އިންޑިއާއިންނެވެ. އެއީ 54 ފެތުންތެރިންނެވެ.
އޯޝަންމޭން މޯލްޑިވްސް މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ
ދުނިޔޭގެއި ނަން މަޝްހޫރު ޕްރެންޗައިޒް " އޯޝަންމޭން ގްލޯބަލް" ގެ މި ހަރަކާތް ރާއްޖޭގައި ބޭއްވުމުގެ އެންމެހާ އިންތިޒާމުތައް ކުރަނީ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލްޑިވްސް" އިން ނެވެ.
މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މިފަދަ ބޮޑު ފެތުމުގެ ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ހާސިލް ކުރެވުނު މުހިއްމު ލަނޑުދަނޑިއެއްކަމާއި، އަދި ރާއްޖޭގައި ކުޅިވަރު ކުރިއެރުމުވަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ކުޅިވަރުގެ ދާއިރާއިން ރާއްޖެ ކުރިއަރުވާ، ގިނަ ފުރުސަތުތަކެއް އެތްލީޓުންނަށް ހޯދައިދުނުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންކަމުން މިފަދަ މުބާރާތެއްގެ ޒަރީއާއިން ވަރަށް ގިނަ އެތްލީޓުންނަށް، އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެކަންވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
ބުރާސްފަތި ދުވަހު ފަށާފައިވާ މި ހަރަކާތް، ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ސްވިމް މޯލްޑިވްސް އިން ބުނެފައިވެ އެވެ.
މި ހަރަކާތަކީ ވިޒިޓް މޯލްޑިވްސް އިން އެންޑޯސްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.